ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވިތާ މިއަދަށް 49 އަހަރު ފުރުނީއެވެ. ފަތުރުވެރިކަމުގެ ފަންސާސް ނުވަތަ ރަންޔޫބީލްގެ ދުވަސްތައް ގުނަން ފެށުނީއެވެ. ރަންޔޫބީލް އަހަރަކީ ކުރިއަށްއޮތް 2022 ވަނަ އަހަރެވެ. ފަތުރުވެރިކަން ރާއްޖެއަށް ތައާރަފުވީ އިޓަލީވިލާތުގެ 22 ފަތުރުވެރިންގެ ގުރޫޕެއް 16 ފެބުރުއަރީ 1972 ގައި ރާއްޖެއަށް ޒިޔާރަތް ކުރުމުންނެވެ. މިދެންނެވި 22 ފަތުރުވެރިން ފަށައިދިން ފަތުރުވެރިކަމަށް ވިހިބާވީހުގައި ފުރެނީ ފަންސާސް އަހަރެވެ. މި ގްރޫޕް ރާއްޖެއަށް އައިސް ފަތުރުވެރިކަމުގެ ބިންގާ އެޅުމުގެ ސިއްރަކީ ހެންވޭރު ހިކިފިނިފެންމާގޭ އަހުމަދު ނަސީމާއި އިޓަލީގެ ރައްޔިތެއް ކަމަށްވާ ޖޯޖް ކޯބިންގެ މެދުގައި އުފެދުނު ރަހުމަތްތެރިކަމާއި ގާއިމުކުރެވުނު އެއްބަސްވުމެކެވެ.އަހުމަދު ނަސީމަކީ މިހާރު ރާއްޖޭގެ ހެލްތު މިނިސްޓަރެވެ. އެމަނިކުފާނާއި ޖޯޖް ކޯބިންގެ މެދުގައި ސިލޯނުގެ ކޮޅުނބުގައި ގާއިމުކުރެވުނު އެއްބަސްވުމަށްފަހު ކޯބިންގެ ބެލުމުގެ ދަށުން ވިލާތުގެ ފުރަތަމަ ގްރޫޕް މާލެއަށް އައީ 16 ފެބްރުއަރީ 1972 ގައެވެ. އޭރު ރާއްޖޭގައި އެއްވެސް ރިސޯޓެއް ނެތެވެ. މި ގްރޫޕުގައި މައިގަޑުގޮތެއްގައި ހިމެނުނީ ނޫސްވެރިންނާއި ފޮޓޮގްރާފަރުންނެވެ. އެމީހުން ތިބީ މާލޭގެ ދެތިން ގެއެއްގައެވެ. އެތަނުން އެއްގެޔަކީ މިހާރު މާގިރި ހޮޓަލުގެ ނަމުގައި އެހެރަ އިމާރާތް ހުރިތަނުގައިވާ ގެއެކެވެ. މާގިރިޔަކީ އަހުމަދު ނަސީމުގެ ދައްތާފުޅު ނަސީމާ މުހައްމަދު ކަލޭފާނުގެ ގެއެވެ. ނަސީމާއަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރުގެ އަނބިކަނބަލުންނެވެ.
އިތުރަށް ވިދާޅުވޭ

Article Categories:
Report