Feb 17, 2021
159 Views
Comments Off on ފަލީހަތް
0 0

ފަލީހަތް

Written by


އާދިއްތަ ދުވަހާ ގުޅޭ

“ތިހިރީ ވަޒީފާއިން ވަކިކޮށްފަ!” ރަމީޒު ބުންޏެވެ.

ހުރި ފިޔަވަޅު މަތިން ގުޑައިލަން ނޭނގިފައި ޒިޔާނަށް ހުރެވުނެވެ. ކިތަންމެ ވާހަކައެއް ޒިޔާނަށް ދެއްކިދާނެއެވެ. އެކަމަކު އަޑުއަހާނެ މީހަކު ނެތްކަން ޒިޔާނަށް އެނގެއެވެ. ތަނުގެ ހަތަރު ފާރުގައި ޖެހިފައި އަޑު އައިސް ޓަކިދޭނީ ޒިޔާންގެ ކަންފަތުގައެވެ. އަހުސަންގެ އަޑުގެ ސިފައިގައެވެ. އަހުސަން ބުންޏެވެ. މަނާރަތާ ކައިރިނުވާށެވެ. ބޮނޑިއެއް ނޫނީ ނުލިބޭނެއެވެ. ޒިޔާނަށް އެ ވާހަކަ ގަބޫލުނުކުރެވުނީއެވެ. އަމިއްލަ ސަލާމަތަށް ޓަކައި އެ ވަރަށް ހެކި ރައްކާކުރެވިފައި ހުރީމައެވެ. އުޅޭ ދާއިރާގެ ގޮތުން، ހެކި ހޯދާނެ ގޮތް ޒިޔާނަށް އެނގެއެވެ. އެކަމަކު ރަމީޒު ކަހަލަ ދެއުޅިއެއްނުވާ މީހަކަށް ހެތްކަކުން ސާބިތުކޮށްދެވޭނެ އެކައްޗެއް ވެސް ނޯންނާނެއެވެ. ފުލުހުންގެ މުޅި މުވައްސަސާ ބަދުނާމު ވިޔަސް، މީހެއްގެ ދެ އަތް ބުރިކޮށްލަން ޖެހުނަސް ރަމީޒު ފަހަތަކަށް ނުޖެހޭނެއެވެ. އެ ކަން ކުރިން ޒިޔާނަށް ނުވިސްނުނީއެވެ. އަމިއްލަ ނަފުސަށް ނުކުރަންވާ ވަރަށް ކުރެވުނު އިތުބާރުގެ ހިތި ރަހަ އިހުސާސްކުރަމުން، އެ ތަނުން ނުކުންނަން ޒިޔާން ހިނގައިގަތެވެ. އެކަނިވެރިކަމާއި ފަލީހަތް ތަހައްމުލުކުރާ ހާލުގައެވެ. ތަންކޮޅަކަށް ހިނގައިގެންފައި ޒިޔާން ހުއްޓުނެވެ. ހިތަށްއެރިއެވެ. މިހާރު ޒިޔާނަކީ ފުލުހެއް ނޫނެވެ. ފުލުހުންގެ ވަޒީފާއަށް އަލުން އެނބުރި އާދެވޭނެކަމެއް ވެސް ނޭނގެއެވެ. ކޮންމެހެން ރަމީޒު ދެކެ ޖެހިލުންވާންވީ ކީއްކުރަން ހެއްޔެވެ؟ ޒިޔާން އަލުން އައިސް ކޮމިޓީގެ ކުރިމައްޗަށް ހުއްޓުނެވެ. ރަމީޒަށް ލިބުނީ ސިހުމެކެވެ. ކޮމިޓީގެ އެހެން މެންބަރުން ވެސް ތިބީ ހައިރާންވެފައެވެ.

“މައްސަލައެއް ނެތް ކަނޑާލިޔަސް،” ސާބިތުކަމާ އެކުގައި ޒިޔާން ބުންޏެވެ. “އެކަމަކު ކަނޑާލީ ދޮގު ތުހުމަތެއް ބޮލުގަ އަޅުވައިގެން ކަމަށް ވީތީ އުމުރު ދުވަހަށް ވެސް އެ ވާހަކަދައްކާނަން.”

“ކޮބާ ދޮގު ތުހުމަތެކޭ ތި ބުނާ ސަބަބަކީ؟” ރަމީޒު އެހިއެވެ. “އަހަރެން ހައްގު ހޯދައިދޭން ޖެހެނީ ޒިޔާނަށް އެކަންޏެއް ނޫނެއްނު. އެހެން މުވައްޒަފުންގެ ހައްގުތަކަށް ވެސް އަހަރުމެން ޖެހޭ ވިސްނަން.”

“ފުލުހުންގެ ގާނޫނުތަކާ ގަވައިދާ ހިލާފަށް މިސްކޮންޑަކްޓެއް ކަހަލަ ކަމެއްގެ ދަށުން ވަކި ކުރި ނަމަ އަހަރެން ދާނެ އެއްވެސް ތަނެއް ނޯންނާނެ،” ޒިޔާން ބުންޏެވެ. “ދިވެހިރާއްޖޭގަ ނުހުންނާނެ އަހަރެން ގޮސް ޓަކިދޭނެ ދޮރެއް. އަހަރެން ވެސް ގަބޫލުކުރަން މީހަކާ އިނދެގެން ހުރެ އެ ކަހަލަ ރިލޭޝަންޝިޕަކަށް ދެވުން އެއީ އަހަރެންގެ މައްސަލައެއްކަން. އެކަމަކު އަހަރެން ނުކުރާ ކަމެއްގަ އަހަރެންގެ ބޮލުގަ ބޮޑު ތުހުމަތެއް އަޅުވާފަ، އެންމެ މީހަކާ ވެސް ނޫން އެތައް ބަޔަކާ ގަދަކަމުން ބެހުނިއްޔޭ ކިޔާފަ ތަނުން ބޭރުކޮށްލީމަ އަހަރެން ޓަކި ނުދޭނެ އެއްވެސް ދޮރެއް މި ފަސްގަނޑަކު ނުހުންނާނެ.”

ބާރު އޮތީ ރަމީޒު އަތުގައެވެ. ގާނޫނާއި ގަވާއިދު އޮތީ ނަމަކަށެވެ. އުސޫލު ލިޔެފައި އޮންނަނީ ފޮތަކު ނޫނެވެ. ރަމީޒުގެ ދުލުގައެވެ.

“މައްސަލައެއް ނެތް ކޮންމެ ތާކަށް ދިޔަސް،” އެއްވެސް ޖެހިލުމެއް ނެތި ރަމީޒު ބުންޏެވެ. “ހަމަ ބޭނުން ތާކަށް ދާންވީ! އެހެންނޫނަސް މި ކަހަލަ މައްސަލައެއްގަ ފުލުހުންގެ ވަޒީފާއިން ކަނޑާލީމަ ރިސޯޓަކުން ވެސް، އޮފީހަކުން ވެސް، ޓެކްސީ ސެންޓަރަކުން ވެސް ވަޒީފާއެއް ނުލިބޭނެ. ވަރިހަމަ ކިތަންމެ ވަރަކަށް ކިޔަވައިގެން ހުއްޓަސް. ފޮރެންސިކު ލެބޯޓްރީގެ ތަކެތި ބޭނުންކޮށްގެން މަނާރަތު ހޭނައްތާލި މައްސަލަ ކިހާ ސީރިޔަސް ވާނެކަން ޒިޔާނަކަށް ނުވިސްނޭތަ؟ ޝުކުރުކޮށްބަލަ ޒިޔާންގެ މައްޗަށް ދައުވާކުރަން ނުފޮނުވާ ހަމަ އެކަނި ވަޒީފާއިން ވަކިކުރާކަން. ޒިޔާނާ ދޭތެރޭ އަހަރުމެން ވިސްނާކަމެއްނު އޭގެން ވެސް އެނގެނީ. ޒިޔާން ކޮށްދިން މަސައްކަތުގެ އަގު ވަޒަންކުރާ ކަމެއްނު އެނގެނީ.”

މަލާމާތުގެ ރާގަކަށް ޒިޔާން ހޭން ފެށިއެވެ. އެއީ، ރަމީޒު ރުޅިއަރުވަން ޒިޔާން ގަސްތުގައި ކުރި ކަމެކެވެ.

“ތީ އަނެއްކާ އަނެއް ކަންތައް. ކޮބައިތޯ ކޮމަންސެންސް؟” މަލާމާތުގެ ރާގަކަށް ޒިޔާން ބުންޏެވެ. “ތި ވިދާޅުވަނީ މަނާރަތު ހޭނެއްތީ އަޅުގަނޑޭ. އެކަމަކު ހޭނައްތާފަ ދެން އަޅުގަނޑު އޭނައަށް ކުރިކަމަށް ތި ބުނާ ހުރިހާ ކަމެއް ވެސް އޭނަ ހަނދާން އެބަހުރި. ހޭނެއްތިތާ އެތައް އިރެއް ފަހުންތޯ އޭނަ “އެއްކޮށް” ހޭނެތުނީ؟ އަޅުގަނޑަކީ ބޮޑެތި އެތައް މައްސަލަތަކެއްގެ ހެކި ހޯދާ ފޮރެންޒިކު ލެބޯޓަރީއެއްގަ މަސައްކަތް ކުރާ މީހެއް. އެ ފީލްޑުން ކިޔަވައިގެން ހުރި މީހެއް. ހޭނެތުމަށް ފަހު ދެން ހިނގާ އެއްވެސް ކަމެއް ހޭނެތިފަ އޮންނަ މީހާއަކަށް ނޭނގޭނެ. އިންސާނަކަށް ކަމެއް އިހުސާސްކުރެވޭނީ ހޭ ހުންނަ ވަގުތުކޮޅު އެކަނި. އަނެއްކޮޅުން ތި ވިދާޅުވަނީ އަޅުގަނޑަކީ އަންހެނަކު ފެންނަ އިރަށް މޮޔަވާ މީހެކޭ.”

“އެހެނެއް ނުބުނަން،” ރަމީޒު ވަގުތުން ދިފާއުވިއެވެ. “އެއް ފަހަރު ވެސް އެހެނެއް ނުބުނަން. ދެން ބޭކާރު ވާހަކަނުދައްކާ ގެއަށް ދޭ! ތިހެން އުޅެނިކޮށް ބުނެވޭ އެއްޗަކުން ގޮޅިއަކަށް ފެތިދާނެ.”

ޒިޔާން ނުދިޔައެވެ. ޖަލުގެ ގޮޅިއަކަށް ވުރެ ފަލީހަތުގެ ގޮޅި ޒިޔާނަށް މާ ހިތްދައްޗެވެ.

“ތިން އަންހެނުންނަށް ޖިންސީ ގޯނާއެއް ނުކުރާނެ ދެއްތޯ އަންހެނުންނަށް މޮޔަނުވާ މީހެއް،” ޒިޔާން ބުންޏެވެ. “އެ ވަރު މީހެއްގެ އަތްމައްޗަށް އޭނަ ހިތްކިޔާ އަންހެނަކު ހޭނެތިގެން މި ވެއްޓުނީ. އެހެން ނޫންތޯ! ދަންވަރުގެ ވަގުތު. އެކަހެރި ތަނެއް. މީހެއްގެ ހިލަމެއް ނެތް. އެކަމަކު މި ކަހަލަ މޮޔަ ފިރިހެނަކު އޭނަގެ ގައިގަ ފިރުމުން ފިޔަވައި އެހެން އެއްވެސް ކަމެއް ނުކުރޭ! މީ އަރަތެއް ނޫން އެހެން ކޯޗެއްތޯ؟ އަޅުގަނޑުމެންނަކީ ރޭޕް އިންވެސްޓިގޭޓު ކުރާ ބަޔެއް. ޑީއެންއޭ ހަދާ ބަޔެއް. ފިންގަރޕްރިންޓު، ސެލައިވާ، ސީމަން މި ހުރިހާ އެއްޗެއް މި ތަނުން ޓެސްޓު ކުރެވޭ ގޮތަށް މިހިރީ. އެކަމަކު އެއްވެސް ޓެސްޓަކާ ނުލާ، ހެއްކަކާ ނުލާ، މެޑިކަލް ނޫނީ ލީގަލް ރިޕޯޓެއް ނެތި މީހަކު ހަމަ އައިސް ތިމަންނަޔާ ބެހިއްޖޭ ބުންޏަކަސް ކިހިނެއްތޯ އެ ކަން ސާބިތުވާނީ؟ މީގެ ކުރިން ވެސް އެ ކަހަލަ ކަންކަން ސާބިތުކުރަނީ ހެކި ހޯދާފަ ޕީޖީއަށް ހުށައަޅައިގެން ނޫންތޯ! އެއީ ނޫންތޯ ލީގަލް ޕްރޮސެސް އޮންނަ ގޮތަކީ. ކޯޓުން ނޫންތޯ ކުށްވެރިވާކަން ނޫނީ ނުވާކަން ނިންމާނީ. ތި ބޭފުޅުންނަށް ނޫންތޯ އެންމެ ރަނގަޅަށް މި ކަން އެނގިވަޑައިގަންނަވާނީ.”

ޒިޔާނަކީ ހެކި ފޮރުވިފައި ހުންނަ ކުށްތަކުން ހެކި ހޯދާ މީހެކެވެ. ކަން އޮންނަ ގޮތް އަލިފުން ޔާއަށް ހިތުދަސް މީހެކެވެ. އެ ދާއިރާއާ ބެހޭގޮތުން ޒިޔާނާ ބަހުސުނުކުރެވޭނެކަން ހުދު ރަމީޒަށް ވެސް އެނގެއެވެ. ވީމާ، ކޮންމެހެން ދެކޮޅަށް ވާހަކަދައްކާކަށް ރަމީޒު ނޫޅެއެވެ.

“ޒިޔާނަކަށް ނޭނގޭނެ ޕީޖީއަށް ފޮނުވާނެ މައްސަލަތަކެއް،” ރަމީޒު ބުންޏެވެ. “އެއީ އަހަރުމެންގެ އަތްމަތީގަ އޮންނަ ކަމެއް. ލީގަލް ޕޮރޮސެސްއަކީ އަހަރުމެން ކަންކުރާ ގޮތް. ގަވާއިދު އޮންނަ ގޮތަކަށް ނޫން އަހަރުމެން ކަންކުރަނީ. އަހަރުމެން ކަންކުރާ ގޮތް އެއީ ގަވާއިދު. އެ ހިސާބުން ނިމުނީ.”

“އެކަމަކު އެ އެންމެނަށް އަޅުގަނޑު ފޮނުވި އޮރިޔާން ފޮޓޯތަކުގެ ތެރެއިން އެންމެ ފޮޓޯއެއް ވެސް ކޮމެޓީއަށް ދެއްކި ތޯ؟” ޒިޔާން އެތައް ފަހަރަކު އެ ސުވާލު އެހިއެވެ.

“އެ މީހުން އެބަ ބުނޭ ފޮނުވިޔޭ! އެހެންވީމާ ކޮމެޓީން ބަލަނީ ފޮނުވި ކަމަށް،” ރަމީޒު ޖަވާބުދިނެވެ. “ފުލުހުންނަކީ ހުވައެއް ކޮށްގެން ތިބޭ ބައެއް. އެ މީހުން ދޮގެއް ނަހަދާނެ.”

ޒިޔާން ޖީބުން ފުލުހުންގެ ކާޑު ނަގައި ދައްކައިލިއެވެ.

“އަޅުގަނޑަކީ ވެސް ފުލުހެކޭ އިނގޭތޯ!” ޒިޔާން ބުންޏެވެ.

“އިރެއްގަ!” ރަމީޒު ރައްދުދިނެވެ. “އަސްލު މިހާރު ތި ޔުނީފޯމު ލައިގެން ޒިޔާން ހުރުމަކީ މަނާކަމެއް. ކާޑު ވެސް ގެނޭ!”

“ފުލުހުންގެ އަންހެން މުވައްޒަފުންތަކަކަށް، އެންމެ މީހަކު ވެސް ނޫން އެތައް އަންހެނުން ތަކަކަށް ޖިންސީ ފުރައްސާރަކޮށް، ގަދަކަމުން ބެހި، ބުލެކުމޭލުކުރި ފުލުހެއްގެ މައްސަލަ ތަހުގީގު ނުކޮށް ދޫކޮށެއް ނުލެވޭނެ،” ޒިޔާން ބުންޏެވެ. “ގާނޫނު އެ ކަމަކަށް ތަނެއް ނުދޭނެ.” ޒިޔާން ބުންޏެވެ.

“ޒިޔާން ތި އުޅެނީ އަހަރުމެންނަށް ގާނޫނު ކިޔައިދޭން؟” ގޮނޑިން ތެދުވަމުން ރަމީޒު އެހިއެވެ. “ތީ އެހާ މޮޅު މީހެއް ނަމަ ޒިޔާނެއްނު މި ތާ އިންނާނީ. މިހާރު ޒިޔާނަކަށް މިތާ އެތެރެއަކު ނުވެސް ނުހުރެވޭނެ. ޖަލަށް ދާންތަ ބޭނުމީ؟”

ފައިސާއަށް އުފަލެއް ނުގަނެވޭނޭ މީހުން ބުނެއެވެ. ވީއިރު، ވަޒީފާ ގެއްލޭ ދުވަހު ހިތަށް އެ ވެރިވަނީ ކޮން ބިރުވެރިކަމެއް ހެއްޔެވެ؟ އަތްމަތި ހުސްވާން ފެށުމުން ހާސްވެގެން ތެޅިފޮޅެނީ ކީއްވެގެން ހެއްޔެވެ؟ ޒިޔާންގެ ރިހޭ ފައި މައްޗަށް ވެއްޓުނީ އެންމެ ފޮޔެއް ވެސް ނޫނެވެ. މުޅި އާއިލާއަށް ކުރިމަތިވާނެ ފަލީހަތާއި، ދީމާ ކުރިމަތީގައި ވާނެ ބޭޒާރު ވެސް އެއީ ނަގަމުން އަންނަ ދެ ރާޅެވެ.

މާލޭ ހުޅަނގު ފަރާތު ވާޓަރު ކައިރީގައި ހުރި ގެރިގާތަކަށް ވަރުގަދަ ރާޅެއް ބިންދާލިއެވެ. އޮއްސުމަށް ތައްޔާރުވެފައިވާ އިރުގެ ރަން ދޯދިތަކުން ގިރިޓީވަމުންދިޔަ ލޮނުގަނޑު ވައިތެރެއަށް ބުރުއްސައިލިއެވެ. އަލިފާން ކަނިތަކެއް ސިފައިގައެވެ. ސައިކަލުގެ ހަރު ޖައްސައިގެން މަޑީގެ އަރިމަތީގައި އިށީނދެގެން އިން ޒިޔާންގެ ނަޒަރު ހުރީ އުދަރެހަށެވެ. ގަޔަށް ބުރި ލޮނަކުން ޒިޔާންގެ ފައިތިލަ ހުރި ތާކުން ގުޑުވައެއް ނުލެވުނެވެ. ޒިޔާން ހިތަށްއެރިއެވެ. އިސްތިހާރާ ނަމާދުކުރީ ސިކުނޑިއަށް ލުޔެއް ހޯދުމަށް ޓަކައެވެ. އެކަމަކު ޖެހިގެން އައި ދުވަހު އިތުރު ހިތްދަތިކަމެއް ލިބުނީ ކީއްވެގެން ހެއްޔެވެ؟ ހަތަރު އުދަރެސް ފެނުޖެހުނީ ކީއްވެގެން ހެއްޔެވެ؟ ހަޔާތުގެ މިސްރާބު އެ ފަދަ އަނދިރި މަގަކަށް އެނބުރިދާނެ ކަމަކަށް ދުވަހަކު ވެސް ޒިޔާން ހިޔެއް ނުކުރެއެވެ. ނޯ ކުލޫ، ބީ ބުލޫ ޒިޔާން ހަނދާންވީ އެ ވަގުތުއެވެ. މާނަ ވެސް ވިސްނުނީ އެ ވަގުތުއެވެ. ފުލުހަކަށް ވާށެވެ. ކުށެއްގައި ނުބެދޭށެވެ. އަހުސަން ބުނި އެއްޗަކީ އެއީއެވެ. ހިތާހިތުން ޒިޔާން ސުވާލުކުރިއެވެ. މަޅިފަތީގައި ޒިޔާން ބެދެމުން ދިޔަ އިރު ޒިޔާނަށް އެ ނަސޭހަތް ހަނދާން ނުވީ ކީއްވެގެން ހެއްޔެވެ؟

ޒިޔާން ގެއަށް ވަން އިރު ރޭގަނޑު ހަތެއްޖަހަނީއެވެ. އެއީ ދުވަހަކު ވެސް ޒިޔާން ގެއަށް ނާންނަ ވަގުތެކެވެ.

“ސޮރީ ދީމާ!” ދީމާ ފެނުމާ އެކު ޒިޔާން ބުންޏެވެ.

ނުނިމޭ



Source link

Article Categories:
Entertainment

Comments are closed.