Feb 18, 2021
168 Views
Comments Off on ކުޅުންތެރިން ޓެރަރިސްޓުންނަށް ހެދުމުގެ ނަތީޖާ ގޯސްވެދާނެ: ބޮޑުހީނާ
0 0

ކުޅުންތެރިން ޓެރަރިސްޓުންނަށް ހެދުމުގެ ނަތީޖާ ގޯސްވެދާނެ: ބޮޑުހީނާ

Written by


ފުޓްބޯޅަ ކުޅުންތެރިންނަކީ ޓެރިސްޓުންނަށް ހަދައިގެން ސޯޝަލް މިޑިއާގައި ވާހަކަ ދައްކާ ނަމަ އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ބޮޑެތި މައްސަލަތަކެއް ނުކުމެދާނެ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ވިދާޅުވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ ފަހުގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަކުރަމް އަބްދުލްގަނީ (އަކޫ) އަކީ ސީރިއާ އަށް ހަނގުރާމަ އަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ސޫޒަން އިބްރާހިމް މިދިޔަ ހުކުރު ދުވަހު ކުރި ޓްވީޓްގެ ސަބަބުން ގިނަ ބަޔަކު ވަނީ އެ ދެ ކުޅުންތެރިންގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އޭގެ ތެރޭގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދު ހިމެނެ އެވެ.
ދަގަނޑޭ އާއި އަކްރަމްގެ ފޮޓޯތަކެއް ހިމެނޭ ސޯޝަލް މީޑިއާގައި ފުޓްބޯޅަ ޕްރޮމޯޓްކުރާ “ސިޑިބަރީ”ގެ ޕޯސްޓެއް ހިއްސާކޮށް ސޫޒަން ކުރި ޓްވީޓްގައި، ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރުވެފައި ތިބި ބައެއް ފުޓްބޯޅަ ކުޅޭތަން ބަލަން މިހާރު ދާނެތޯ ރައްޓެއްސަކު އެހި ކަމަށް ބުނެފައިވެ އެވެ. އަދި “ޓީމު ބަލިވެއްޖިއްޔާ ދަނޑު ވެސް ގޮއްވާލަފާނެޔޯ، ކާކުހޯ ސިޑިބަރީގައި އިންނަން ދާނީ” ބުނެފައިވެ އެވެ.

Dhagandey aai Aku ah oiy loabi dhakkaalaifi
The most trusted news source in the Maldives

Mihaaru

ބޮޑުހީނާ ވަނީ އަކުރަމް އާއި ދަގަނޑޭއާ އެކު ހުރިކަން ހާމަކޮށް ޓްވީޓެއް ކޮށްފަ އެވެ. ރާއްޖެ ޓީވީ “ކުޅިވަރު ފައިލް” ޕްރޮގްރާމްގައި ބޮޑުހީނާ ވިދާޅުވީ މި ވާހަކައިގެ ސަބަބުން، ބައިނަލްއަގުވާމީ ގޮތުން ބޮޑު މައްސަލައެއް ނުކުމެދާނެ ކަމަށެވެ.
“ހަގީގަތުގައި ސޯޝަލް މީޑިއާގައި ބުނެފައި އޭނީ ޓެރަރިސްޓެއްގެ ގޮތުގައި މާދަމާ އަޅުގަނޑުމެން ދާންވީ އިންޓަނޭޝަނަލް މެޗެއް ކުޅެން ގައުމަކަށް. ދާއިރު އެ މައްސަލަތައް އަންނަން ފަށާނެ. ހަގީގަތުގައި އެއިން ތަނަކަށްދާއިރުގައި ޓެރަރިސްޓެއް އެތެރެވިޔަކަ ނުދޭނެ ކުޅޭކަށް ވެސް. ދެން އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އަޅުގަނޑުމެން ސަރުކާރުން ވެސް އަޅުގަނޑުމެން އެބަޖެހޭ ވަރަށް ބޮޑަށް އެއާ އިދިކޮޅަށް ނުކުންނަން މީގެ،” ބޮޑުހީނާ ވިދާޅުވި އެވެ.
“އިންޓަނޭޝަނަލީ މިއީ ވަރަށް ގޯސް އެއްޗަކަށްވާނެ ހަގީގަތަށް ބަލަންޏާ. އެއީ އަޅުގަނޑުމެން ބޭރަށް ކުޅެން ދާއިރު އެތަނަށް އެތެރެ ނުވެވިއްޖިއްޔާ އަނެއް ކަންތައް. ނެޝަނަލް ޓީމުގެ ދެ ކުދިން ތިން ކުދިން ހަތަރު ކުދިން ގެއްލޭނެ އެއީ ވެސް މި ދަނޑިވަޅުގައި ބަލަންޖެހޭކަމެއް،”
ސޯޝަލް މީޑިއާގައި ކުޅުންތެރިންގެ އަގުވެއްޓޭގޮތަށް އެ ފަދަ ވާހަކަތަކެއް ދައްކާފައިވާތީ އެ މައްސަލަ ބަލަން އެފްއޭއެމުން ވެސް ވަނީ ގޮވާލައިފަ އެވެ.
ބޮޑުހީނާ ވިދާޅުވީ އެއްވެސް މީހަކު ކުޅިވަރު ކުޅުނަސް ނުކުޅުނަސް އެ މީހެއްގެ އަބުރާބެހި އެމީހެއްގެ ހަގީގަތް ނޭނގި އެ މީހެއް ބަދުނާމުކުރާ ވާހަކަ ދައްކައިގެންނުވާނެ ކަމަށެވެ. އަދި އެއީ ވަކި ކުޅިވަރު ކުޅޭ މަޝްހޫރު މީހެއް ކަމުގައި ވެގެން އޮންނަން ވަކި އުސޫލެއް އޮންނަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
“އެހެން ބުނުމުގެ ހައްގެއް ނޯންނާނެ. އެއީ އަޅުގަނޑު ދަންނަވާ ގޮތުން ގާނޫނީ ގޮތުން ވެސް ކުށްވެރިވާން ޖެހޭ ކަމެއް. ސޯޝަލް މީޑިއާގައި އެ ވާހަަކަ ނުކުތީ. ދެން ދައްކާފައި ހުރި ވާހަކަ ވެސް އެހާ ސަޅިއެއް ނޫން. އޭގެ ވެސް އެބަހުރި ބައިވަރު ކަންތައްތަކެއް ގޯސްކޮށް،” ބޮޑުހީނާ ވިދާޅުވި އެވެ.
ބޮޑުހީނާ ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގައި އޮތީ ވަރަށް ބަދަހި އާއިލާއެއް ކަމަށާއި އެކަން ހަގީގަތުގައި ގިނަ ބަޔަކަށް ނޭނގެނީ ކަމަށް ވެދާނެ ކަމަށެވެ.
“(ކުޅިވަރު އާއިލާގެ) އެންމެ މީހަކު މަރުވާއިރަށް އަހަރެމެން އެންމެން ދާނެ. އެންމެން އެއްކޮށް ފެތޭނީ ވެސް. އެހެންވީމަ އެންމެ މީހެއް ފެތޭކަށް ދޫނުކުރާނެ. އެހެން އަދި މީހެއް އެއްޗެއް ބުނެލީމަ އަޅުގަނޑުމެން ބިރެއް ވެސް ނުގަންނާނެ. އަޅުގަނޑުމެން އެ ކުޅުންތެރިންގެ ދިފާއުގައި ދައްކަން ޖެހޭ ކޮންމެ ވާހަކައެއް ދައްކާނަން. އެއީ ކޮންމެހެން ވަކި ކުޅިވަރެއް ވެގެނެއް ނޫން،” ބޮޑުހީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ކަހަލަ ކަންކަމުގައި އެއީ މަޝްހޫރު ނޫނަސް ކޮންމެ ކުޅުންތެރިއެއްގެ ދިފާއުގައި ވާހަކަ ދައްކަން ޖެހުނު ކަމުގައި ވިޔަސް އެކަން ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.



Source link

Article Categories:
Sports

Comments are closed.