Feb 18, 2021
123 Views
Comments Off on އަނަންޔާ ބޭނުމީ ދީޕިކާ ކަހަލަ ބަތަލާއަކަށްވާން
0 0

އަނަންޔާ ބޭނުމީ ދީޕިކާ ކަހަލަ ބަތަލާއަކަށްވާން

Written by


އަނަންޔާ ޕާންޑޭ އަކީ 2019 ގެ ފިލްމު “ސްޓޫޑަންޓް އޮފް ދި އިޔާ 2” އިން ތައާރަފުވި ބަތަލާއެކެވެ. އެ ފިލްމުގެ ފަހުން އޭނާގެ އިތުރު ދެ ފިލްމެއް ވެސް ރިލީޒްކޮށްފި އެވެ. އެއީ 2019 ގެ “ޕަތީ ޕަތުނީ އޯރް ވޯ” ގެ އިތުރުން މިދިޔަ އަހަރުގެ “ކާލީ ޕީލީ” އެވެ.

އުންމީދީ ބަތަލާ މި ތިން ފިލްމުގައި ދައްކާފައިވާ ހުނަރަށް ބަލާއިރު އޭނާ އަކީ ކުރިމަގު ވަރަށް އުޖާލާ ތަރިއަކަށްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ރިލީޒްވި ތިން ފިލްމަކީ ވެސް ޖޯންރާގެ ގޮތުން ބަލައިފި ނަމަ ވަރަށް ތަފާތު ފިލްމުތަކެވެ.

ރިޕޯޓްތައް ބުނާ ގޮތުން 22 އަހަރުގެ ބަތަލާ ކެރިއަރު ބައްޓަންކުރަން ބޭނުންވަނީ އަބަދު އެއްކަހަލަ ނުވަތަ އެއްގޮތްކަން ހުންނަ ރޯލްތަކަށް އެއްބަސްނުވާ ގޮތަށެވެ. އެހެންވެ އޭނާ ނަމޫނާއަކަށް ބަލަނީ ދީޕިކާ ޕަދްކޯނެވެ. ދީޕިކާ އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން އެންމެ “ވާސަޓައިލް” އެއް ބަތަލާ އެވެ. ކޮންމެ ކަހަލަ ރޯލެއް ވެސް ދީޕިކާ ކުޅެލަނީ ބެލުންތެރިން އޭނާގެ ޖާދޫގައި ޖެހޭ ފެންވަރަށެވެ. ކާމިޔާބު ބަތަލާގެ ކެރިއަރުގައި މިހާތަނަށް ކުޅެފައި ހުރި ފިލްމުތަކަށް ބަލާލައިފި ނަމަ އެކަން ސާބިތުވާނެ އެވެ.

އާންމުކޮށް ބޮލީވުޑްގެ ބަތަލާއިންނަކީ އެހާއެހާ ތަފާތު ރޯލުތައް ކުޅެން ލިބޭ ބައެއް ނޫނެވެ. އެހެންވެ ގިނަ ފަހަރަށް ބަތަލާއިން ވަކި ކަހަލަ ރޯލުތައް ކުޅޭ ބަތަލާއިންގެ ގޮތުގައި ލޭބަލްކުރެވި “ސްޓީރިއޯޓައިޕް” ކުރެވެ އެވެ.

ދީޕިކާ ނަމޫނާއަކަށް ބަލައިގެން އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު ކެރިއަރު ބިނާކުރަން ފޫގަޅާފައިވާ އިރު، އަނަންޔާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ދީޕިކާއާ އެކު ފެންނާނެ ފިލްމެއް ވެސް ހިމެނެ އެވެ. އެއީ މިހާރު ޝޫޓިން ނިމި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ރިލޭޝަންޝިލް ޑާކް ތުރިލާއެކެވެ.

ނަން އަދި އިއުލާންނުކުރާ އެ ފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަކުން ބަޓްރާ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. އޭގެ ކާސްޓްގައި ސިދާންތު ޗަތުރަވެތީ ދައިރިއާ ކަރްވާ ވެސް ހިމެނެ އެވެ.

މި ފިލްމަކީ އަނަންޔާގެ ވަރަށް ތަފާތު ރޯލެއް ފެންނާނެ ފިލްމެކެވެ. މީގެ ކުރިން ދީޕިކާ ވެސް ބުނެފައިވާ ގޮތުގައި ޝަކުންގެ މި ފިލްމަކީ ބެލުންތެރިން ސިއްސުވައިލާވަރުގެ ޕްލޮޓެއް އޮތް، ވަރަށް އުންމީދު ނުކުރާ ކަހަލަ ތަފާތު ފިލްމަކަށް ވާނެ އެވެ.

ދީޕިކާ އެކު އެ ފިލްމުގައި މަސައްކަތްކުރަން ލިބުމުން އަނަންޔާ ވަނީ އެއީ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ބުނެފަ އެވެ.

އަނަންޔާގެ ކުރިއަށް އޮތް އަނެއް ފިލްމަކީ މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ރިލީޒްކުރާ “ލައިގާ” އެވެ. ތެލެގޫ އެކްޓަރު ވިޖޭ ދެރަވަކޮންޑާއާ އެކު އޭނާ ފެންނާނެ މި ފިލްމަކީ ވަރުގަދަ އެކްޝަން ރޯލަކުން ޒުވާން ބަތަލާ ފެންނާނެ ފިލްމެކެވެ.

Source link

Article Categories:
Entertainment

Comments are closed.