Feb 18, 2021
121 Views
Comments Off on އަބޫހުރައިރަތުގެފާނާއި ބޮޑުދޮގުވެރިޔާ
0 0

އަބޫހުރައިރަތުގެފާނާއި ބޮޑުދޮގުވެރިޔާ

Written by


Views: 2039 84

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު(އަބޫ ހުރައިރާ) ވިދާޅުވިއެވެ. “ރަމަޟާންމަހުގެ ޒަކާތް(ފިޠުރު ޒަކާތް) ބެލެހެއްޓެވުމަށް ރަސޫލުﷲ ﷺ ތިމަންކަލޭގެފާނާ ހަވާލުކުރެއްވިއެވެ.
ދެން (އެތަކެތި ބަލަހައްޓަވަން ހުންނަވަނިކޮށް) މީހަކު އައިސް އެތަނުން ކާތަކެތި ނަގަންފަށައިފިއެވެ. ދެން ތިމަންކަލޭގެފާނު އޭނާ ހިފެހެއްޓެވީމެވެ. އަދި ވިދާޅުވީމެވެ. “ﷲ ގަންދީބުނަމެވެ. ހަމަ ޔަޤީނުންވެސް ކަލޭ ރަސޫލުﷲ ﷺ ގެ އަރިހަށް ގެންދާނަމެވެ.”
އޭނާ ބުންޏެވެ. “ހަމަކަށަވަރުން އަހަރެންނަކީ (މިތަކެއްޗަށް)ބޭނުންޖެހިފައިވާ މީހަކީމެވެ. އަދި އަހަރެން ބަލަހައްޓަން ޖެހިފައިވާ އަނބިދަރިންވެސް އެބަތިއްބެވެ. އަހަރެން މިވަނީ މިތަކެއްޗަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައެވެ.”
އަބޫ ހުރައިރަތުގެފާނު ވިދާޅުވިއެވެ. “ދެން ތިމަންކަލޭގެފާނު އޭނާ ދޫކޮށްލީމެވެ.”
އަދި ފަތިސްވުމުން (ރަސޫލުﷲ ﷺ ގެ އަރިހަށް ވަޑައިގަތުމުން) ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “އޭ އަބޫ ހުރައިރާއެވެ! ރޭގައި ކަލޭގެފާނުގެ އަސީރު(ހިފަހައްޓަވައި ހައްޔަރުކުރެއްވި މީހާ) ކަންތައްކުރީ ކިހިނެއް ހެއްޔެވެ؟”
އަބޫ ހުރައިރަތުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ވިދާޅުވީމެވެ. “އޭ ﷲގެ ރަސޫލާއެވެ! އޭނާ އޭނާއަށް ޖެހިފައިވާ ދަތިޙާލާއި، ބަލަހައްޓަން ޖެހިފައިވާ އަނބިދަރިންގެ ވާހަކަ ބުނެ އާދޭސްކުރުމުން ތިމަންކަލޭގެފާނުގެ ހިތްޕުޅަށް ރަޙުމްވަދެ އޭނާ ދޫކޮށްލީއެވެ.”
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުންވެސް އޭނާ ކަލޭގަފާނާށް އެ ހެދީ ދޮގެވެ. އަދި އޭނާ އަންނާނެއެވެ.”
(އަބޫ ހުރައިރަތުގެފާނު ވިދާޅުވިއެވެ.) ކަށަވަރުންވެސް އޭނާ އަދި އަންނާނެކަން ރަސޫލުﷲ ﷺ “ހަމަކަށަވަރުންވެސް އޭނާ އަންނާނޭ” ޙަދީޘްކުރެއްވި ބަސްފުޅުން ތިމަން ކަލޭގެފާނަށް އެނގިވަޑައިގަތެވެ. ދެން ތިމަންކަލޭގެފާނު އެނާއަށް ފާރަލައްވައިގެން ހުންނެވީމެވެ.
ޖެހިގެން އައިރޭވެސް އޭނާ އަތުވެއްޖެއެވެ. އައިސް އެތަނުން ކާތަކެތި ނަގަންފަށައިފިއެވެ. ދެން ތިމަންކަލޭގެފާނު އޭނާ ހިފެހެއްޓެވީމެވެ. އަދި ވިދާޅުވީމެވެ. “ހަމަ ޔަޤީނުންވެސް ކަލޭ ރަސޫލުﷲ ﷺ ގެ އަރިހަށް ގެންދާނަމެވެ.” އޭނާ ބުންޏެވެ. “އަހަރެން ދޫކޮށްލާށެވެ! ހަމަކަށަވަރުން އަހަރެންނަކީ (މިތަކެއްޗަށް)ބޭނުންޖެހިފައިވާ މީހަކީމެވެ. އަދި އަހަރެން ބަލަހައްޓަން ޖެހިފައިވާ އަނބިދަރިންވެސް އެބަތިއްބެވެ. ދެން އަހަރެން ނާންނާނަމެވެ.” އެހެންބުނުމުން ތިމަންކަލޭގެފާނުގެ ހިތްޕުޅަށް ރަހުމްވަދެ އޭނާ ދޫކޮށްލައިފީމެވެ.
އަނެއްދުވަހުވެސް އަލިވިލުމާއިއެކު (ރަސޫލުﷲ ﷺ ގެ އަރިހަށް ވަޑައިގަތުމުން) ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “އޭ އަބޫ ހުރައިރާއެވެ! ރޭގައި ކަލޭގެފާނުގެ އަސީރު ކަންތައްކުރީ ކިހިނެއް ހެއްޔެވެ؟”
ތިމަންކަލޭގެފާނު ވިދާޅުވީމެވެ. “އޭ ﷲގެ ރަސޫލާއެވެ! އޭނާ އޭނާއަށް ޖެހިފައިވާ ދަތިޙާލާއި، ބަލަހައްޓަން ޖެހިފައިވާ އަނބިދަރިންގެ ވާހަކަ ބުނެ އާދޭސްކުރުމުން ތިމަންކަލޭގެފާނުގެ ހިތްޕުޅަށް ރަޙުމްވަދެ އޭނާ ދޫކޮށްލީއެވެ.”
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުންވެސް އޭނާ ކަލޭގަފާނަށް އެ ހެދީ ދޮގެވެ. އަދި އޭނާ އަންނާނެއެވެ.”
ދެން ތިންވަނަފަހަރުވެސް ތިންކަލޭގެފާނު އޭނާއަށް ފާރަލައްވައިގެން ހުންނެވީމެވެ. (މިފަހަރުވެސް) އޭނާ އައިސް އެތަނުން ކާތަކެތި ނަގަންފަށައިފިއެވެ. (މިފަހަރުވެސް) ތިމަންކަލޭގެފާނު އޭނާ ހިފެހެއްޓެވީމެވެ. އަދި ވިދާޅުވީމެވެ. “ހަމަ ޔަޤީނުންވެސް ކަލޭ ރަސޫލުﷲ ﷺ ގެ އަރިހަށް ގެންދާނަމެވެ. މިއީ ތިންވަނަ ފަހަރެވެ. ކަށަވަރުންވެސް ތިބާ ނާންނާނަމޭ ކިޔާފައިވެސް އަނެއްކާ ތިއައީއެވެ.”
އޭނާ ބުންޏެވެ. “އަހަރެން ދޫކޮށްލާށެވެ! (އަހަރެން ދޫކޮށްލައިފިނަމަ) ﷲ އެކަލިމަތަކަކުން ތިބާއަށް މަންފާއެއް ކޮށްދެއްވާނޭފަދަ ކަލިމަތަކެއް އަހަރެން ކަލޭގަފާނަށް ދަސްކޮށްދޭނަމެވެ.”
ދެން ތިމަންކަލޭގެފާނު ވިދާޅުވީމެވެ. “އެއީ ކޮންކަލިމަތަކެއް ހެއްޔެވެ؟”
އެނާ ބުންޏެވެ. “ކަލޭގެފާނުގެ އެނދުގައި އަވަހާރަފުޅަށް އޮށޯވެވަޑައިގަންނަވާ ހިނދު އާޔަތުލް ކުރުސި ފެށިގެން (އެއާޔަތް)ނިމެންދެން ކިޔަވާވިދާޅުވާށެވެ. އޭރުން ހަމަކަށަވަރުން ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދޭނެ ފަރާތެއް މާތްﷲގެ ޙަޟްރަތުން ކަލޭގެފާނާއި އެކުގައިވާނެއެވެ. އަދި ފަތިސްވަންދެން ޝައިޠާނާ ކަލޭގެފާނާއި ގާތްނުވާނެއެވެ.” އެހެން ބުނުމުން ތިމަންކަލޭގެފާނު އޭނާ ދޫކޮށްލެއްވީމެވެ.
ޖެހިގެންއައިދުވަހުވެސް އަލިވިލުމާއިއެކު (ރަސޫލުﷲ ﷺ ގެ އަރިހަށް ވަޑައިގަތުމުން) ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ރޭގައި ކަލޭގެފާނުގެ އަސީރު ކަންތައްކުރީ ކިހިނެއް ހެއްޔެވެ؟”
ތިމަންކަލޭގެފާނު ވިދާޅުވީމެވެ. “އޭ ﷲގެ ރަސޫލާއެވެ! ހަމަކަށަވަރުން އޭނާ ދޫކޮށްލައިފިނަމަ ﷲ އެކަލިމަތަކަކުން ތިބާއަށް މަންފާއެއް ކޮށްދެއްވާނޭފަދަ ކަލިމަތަކެއް ދަސްކޮށްދޭނެ ކަމުގައި ބުނުމުން ތިމަންކަލޭގެފާނު އޭނާ ދޫކޮށްލެއްވީއެވެ.”
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “އެއީ ކޮން ކަލިމަތަކެއް ހެއްޔެވެ؟”
ތިމަންކަލޭގެފާނު ދެންނެވީމެވެ. އެނާ ތިމަންކަލޭގެފާނު އަރިހުގައި ބުންޏެވެ. “ކަލޭގެފާނުގެ އެނދުގައި އަވަހާރަފުޅަށް އޮށޯވެވަޑައިގަންނަވާ ހިނދު އާޔަތުލް ކުރުސި ފެށިގެން (އެއާޔަތް)ނިމެންދެން ކިޔަވާވިދާޅުވާށެވެ.” އަދި އޭނާ ތިމަންކަލޭގެފާނު އަރިހުގައި ބުންޏެވެ. “އޭރުން ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދޭނެ ފަރާތެއް މާތްﷲގެ ޙަޟްރަތުން ކަލޭގެފާނާއި އެކުގައިވާނެއެވެ. އަދި ފަތިސްވަންދެން ޝައިޠާނާ ކަލޭގެފާނާއި ގާތްނުވާނެއެވެ.” (އެބޭކަލުންނަކީ (ޞަޙާބީންނަކީ) ހެޔޮކަންކަމަށް އެންމެ ދަހިވެތިވެ ވަޑައިގަންނަވާ ބޭކަލުންނެވެ.)
ދެން ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން އެއީ ދޮގުވެރިއެކެވެ. އެކަމަކު މިފަހަރު އެހެދީ ތެދެކެވެ. މިތިންދުވަހު ކަލޭގެފާނާ މުޚާޠަބުކުރީ ކާކުކަން އެނގިވަޑައިގަންނަވާތޯއެވެ؟”
އަބޫހުރައިރަތުގެފާނު ދެންނެވިއެވެ. “ނޫނެކެވެ.”
ދެން ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “އެއީ ޝައިޠާނާއެވެ.”
(ޞަޙީޙުލް ބުޚާރީ 2311)
ނިމުނީ

ކެޓެގަރީ: ހަޤީޤީ ވާހަކަ ކުރުވާހަކަ އިބުރަތްތެރި ވާހަކަ

Views: 2039

ޚިޔާލު ފޮނުއްވާ ކެންސަލްމަސްދަރު

Article Categories:
Stories

Comments are closed.