Feb 18, 2021
198 Views
Comments Off on އަލިފާން އަމާން އެއްޗަކަށްވި މީހާގެ ވާހަކަ
0 0

އަލިފާން އަމާން އެއްޗަކަށްވި މީހާގެ ވާހަކަ

Written by


Views: 2282 99

ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ދުނިޔެ ދޫކުރެއްވުމުގެ ކުޑަދުވަސްކޮޅެއް ކުރިން، އަސްވަދުލް އަންސީ ކިޔާ މީހަކު ޔަމަނުގެ މައްޗަށް ގަދަބާރުން ވެރިވެގަނެ އޭނާއަކީ ނަބިއްޔެއް ކަމަށް ދަޢުވާކުރަން ފަށައިފިއެވެ. އޭނާއަށް ބައިޢަތު ހިފާ އޭނާގެ ނަބީކަން ޤަބޫލުކުރުވުމަށް މީސްތަކުންނަށް މަޖްބޫރު ކުރުވަމުން ދިޔައެވެ. އޭނާއާ ދެކޮޅަށް ބަސް ބުނި ބައެއް ހިތްވަރުގަދަ ބޭކަލުންގެ ތެރެއިން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ބަސްވިދާޅުވި އެއްބޭކަލަކީ އަބޫ މުސްލިމް އަލްޚަވްލާނީ (ރަޙިމަހުﷲ) އެވެ. އެހެންކަމުން، ދޮގުވެރި ނަބިއްޔާގެ ދަރުބާރަށް އަބޫ މުސްލިމް (ރަޙިމަހުﷲ) ޙާޟިރު ކުރެވިއްޖެއެވެ.
އަބޫ މުސްލިމް (ރަޙިމަހުﷲ) އަސްވަދުގެ ދަރުބާރަށް ޙާޟިރުވެ ހުއްޓިވަޑައިގަތުމުން، އަސްވަދުލް އަންސީ ސުވާލުކުރިއެވެ. “މުޙައްމަދުގެފާނަކީ ﷲގެ ރަސޫލާކަމަށް ތިބާ ހެކިވަމުހެއްޔެވެ؟” އަބޫ މުސްލިމް (ރަޙިމަހުﷲ) ޖަވާބުގައި އާނއެކެވެ ވިދާޅުވިއެވެ. އަސްވަދުލް އަންސީ އަނެއްކާ ސުވާލުކުރިއެވެ. “އަހަރެންނަކީ ﷲގެ ރަސޫލާކަމަށް ތިބާ ހެކިވަމު ހެއްޔެވެ؟” މީގެ ޖަވާބުގައި އަބޫ މުސްލިމް (ރަޙިމަހުﷲ) ވިދާޅުވީ، “އަހަރެންނަކަށް އަޑެއް ނީވެ” އެވެ.
އެހެންކަމުން އަސްވަދުލް އަންސީ އަނެއްކާވެސް އެ ދެސުވާލު ތަކުރާރުކޮށް ދެވަނަ ފަހަރާއި ތިންވަނަ ފަހަރަށް ކުރުމުންވެސް އަބޫ މުސްލިމް (ރަޙިމަހުﷲ)ގެ ފަރާތުން ލިބުނީ ހަމަ އެއްޖަވާބެކެވެ. މިޖަވާބާމެދު އަސްވަދުލް އަންސީ ވަރަށް ރުޅިއައިސް ހިތްހަމަނުޖެހުނެވެ. އަދި އޭނާގެ ދޮގު ދަޢުވާ އަބޫ މުސްލިމް ޤަބޫލުނުކުރައްވާނެކަން ޔަޤީންވުމުން ބޮޑު އަލިފާން ގަނޑެއް ޖެހުމަށް އަސްވަދު އަމުރު ނެރެފިއެވެ.
އަލިފާންގަނޑު ރޯވެ އަނދަން ފެށުމުން އޭގެ ތެރެއަށް އަބޫ މުސްލިމް (ރަޙިމަހުﷲ) އެއްލާލައިފިއެވެ. އެހެން ނަމަވެސް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމުން އަބޫ މުސްލިމް (ރަޙިމަހުﷲ)އަށްޓަކައި އަލިފާންގަނޑު ވީ ސަލާމަތްތެރި އެއްޗަކަށެވެ. އޭގެ ސަބަބުން އަބޫ މުސްލިމް (ރަޙިމަހުﷲ)އަށް އެއްވެސް ގެއްލުމެއް ނުލިބުނެވެ.
މިކަންތައް އަސްވަދުލް އަންސީގެ ބައިގަނޑުގެ މީސްތަކުންނަށް ފެނުމުން އެމީހުން އަސްވަދުލް އަންސީއަށް ޚިޔާލުއެރުވީ، އަބޫ މުސްލިމް އެސަހަރުން ފޮނުވާލުމަށެވެ. އެއީ އޭނާ އެތާނގައި ބަހައްޓައިގެން އެބިމުގައި ފަސާދަ ފަތުރަފާނެތީއޭ ބުނެއެވެ. އަބޫ މުސްލިމް (ރަޙިމަހުﷲ) އަށް ﷲ ރައްކާތެރިކަން ދެއްވާ އަސްވަދުލް އަންސީގެ ދޮގު ދަޢުވާ ބޭޒާރުވެގެން ދިޔަ ވާހަކަ އެސަހަރުގެ މީސްތަކުންނަށް އެނގިގެން ހިނގައިދާނެތީއެވެ. މިޚިޔާލު ޤަބޫލުކޮށް އަސްވަދުލް އަންސީ، އަބޫ މުސްލިމް (ރަޙިމަހުﷲ) ޔަމަނުން ފޭބުމަށް އަމުރުކުރިއެވެ. އެހެންކަމުން އަބޫ މުސްލިމް (ރަޙިމަހުﷲ) އަވަހަށް ދަތުރު ފެއްޓެވީ މަދީނާއަށް ވަޑައިގަތުމަށެވެ.
އަބޫ މުސްލިމް (ރަޙިމަހުﷲ) އަށް މަދީނާއަށް ފޯރުނު އިރު ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް) މިދުނިޔެދޫކުރައްވައިފިއެވެ. އަދި ޚަލީފާއަކަށް އަބޫ ބަކުރު (ރަޟިޔަﷲ ޢަންހު) އިސްކުރެވިފައިވެއެވެ. އަބޫ މުސްލިމް(ރަޙިމަހުﷲ)އަށް މަދީނާއަށް ދެވުމުން ފުރަތަމަވެސް ވަޑައިގަތީ މަސްޖިދުންނަބަވީއަށެވެ. އަދި ވަޑައިގެން ތަނބެއްގެ ފަހަތުގައި ހުއްޓިވަޑައިގެން ނަމާދުކުރައްވަން ފެއްޓެވިއެވެ.
އަބޫ މުސްލިމް (ރަޙިމަހުﷲ) ނަމާދުކުރައްވާ ނިމިވަޑައިގެންތަނާ އިރުކޮޅެއް ފަހުން ޢުމަރު (ރަޟިޔަﷲ ޢަންހު)އަށް އެކަލޭގެފާނު ފެނިވަޑައިގެން ވިދާޅުވިއެވެ. “ތިއީ ކޮންރަށެއްގެ ބޭކަލެއްތޯއެވެ؟” އަބޫ މުސްލިމް (ރަޙިމަހުﷲ) ޖަވާބުގައި ޔަމަނުގެ ބޭކަލެކޭ ވިދާޅުވުމުން ޢުމަރު (ރަޟިޔަﷲ ޢަންހު) އަސްވަދުލް އަންސީއާ ބެހޭގޮތުން ސުވާލުކުރައްވަމުން ވިދާޅުވިއެވެ. “ދޮގުވެރި ކައްޛާބުގެ ޢަމުރަށް އަލިފާނަށް އެއްލާލުމުން ގެއްލުން ނުވެ ސަލާމަތްވި އަޚާއަށް ކަންތައް ވީ ކިހިނެއް ހެއްޔެވެ؟” އަބޫ މުސްލިމް (ރަޙިމަހުﷲ) ޖަވާބުގައި ވިދާޅުވިއެވެ. “އެއީ ޢަބްދުﷲ ބުން ޘަވްބެވެ.”
ޢުމަރުގެފާނުގެ ތޫނު ސިކުނޑިފުޅަށް ކޮންމެވެސް އެއްޗެއް ވިސްނިވަޑައިގެން ވިދާޅުވިއެވެ. “ﷲ ގަންދީ ބުނެބަލާށެވެ. ތިޔައީ އޭނާ ހެއްޔެވެ؟” އަބޫ މުސްލިމް (ރަޙިމަހުﷲ) ޖަވާބުގައި ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. އާނއެކެވެ.”
އަބޫ މުސްލިމް (ރަޙިމަހުﷲ)އަކީ މިއީކަން އެނގިވަޑައިގަތުމުން ޢުމަރު (ރަޟިޔަﷲ ޢަންހު) ވެލެއްވި އުފަލެއްގެ ބޮޑުކަމުން އެކަލޭގެފާނުގެ ނިތްކުރިފުޅުގައި ބޮސްދެއްވާ، އެކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން އަބޫ ބަކުރު (ރަޟިޔަﷲ ޢަންހު)ގެ އަރިހަށް ވަޑައިގެންފިއެވެ.
ޚަލީފާ އަބޫ ބަކުރު (ރަޟިޔަﷲ ޢަންހު)ގެ ދަރުބާރަށް ޙާޟިރުވެ، އަބޫ ބަކުރު (ރަޟިޔަﷲ ޢަންހު) އާއި ޢުމަރު (ރަޟިޔަﷲ ޢަންހު)ގެ މެދުގައި އަބޫ މުސްލިމް (ރަޙިމަހުﷲ) ބައިންދަވާ ޢުމަރު (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. “ނަބީ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ މިއުއްމަތުން، ނަބީ އިބްރާހީމް ޚަލީލުﷲ (ޢަލައިހިއްސަލާމް)އަށް ހުށައެޅުނު ކަންތައް ތަޖުރިބާކުރި މީހަކު މިއަޅާއަށް ދައްކަވާފައި މެނުވީ މިއަޅާގެ މަރު ނުހިއްޕެވީތީ ﷲ އަށް ޙަމްދުކުރަމެވެ.”
އަޚުންނާއި އުޚުތުންނޭވެ. ނިކަން ވިސްނަވާށެވެ! އަނިޔާވެރި ޖައްބާރު ރަސްގެފާނު ނަމްރޫދުގެ ކުރިމަތީގައި އިބްރާހީމް (ޢަލައިހިއްސަލާމް) އީމާންކަމާއެކު ޘާބިތުވެވަޑައިގަތުމުން އެކަލޭގެފާނު އަލިފާނުން ސަލާމަތްކުރެއްވި ގޮތަށް ނަބީކަމަށް ދަޢުވާކުރި ޠާޣޫޠު ވެރިޔާ އަސްވަދުލް އަންސީގެ ކުރިމަތީގައި އަބޫ މުސްލިމް(ރަޙިމަހުﷲ) ޘާބިތުވެވަޑައިގަތުމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަބޫ މުސްލިމް (ރަޙިމަހުﷲ)ވެސް ސަލާމަތްކުރެއްވީ އެފަދަ ކަރާމާތްތެރި ގޮތަކަށެވެ.
އަދި ވިސްނާ ވަޑައިގަންނަވާށެވެ. އަސްވަދުލްއަންސީގެ ބައިގަނޑުގެ މީސްތަކުންނަށް، ﷲ ސުބުޙާނަހޫ ވަތަޢާލާ އަބޫ މުސްލިމް (ރަޙިމަހުﷲ) ސަލާމަތްކުރެއްވި ގޮތް ފެނުމުންވެސް އެމީހުންނަށް ހެޔޮވިސްނުން ޤަބޫލުކޮށް އީމާންވާކަށް ބޭނުމެއް ނުވިއެވެ. އޭގެ ބަދަލުގައި އެމީހުން ބޭނުންވީ، އެމީހުންގެ ފިކުރު ކުރިއަރުވާނެ ރޭވުންތައް ރާވާ އަބޫ މުސްލިމް (ރަޙިމަހުﷲ) ޤައުމުން އަރުވާލާށެވެ. ނަމަވެސް، އެމީހުން ފޮރުވަން އުޅުނު ޙަޤީޤަތް އޮތީ އަބޫ މުސްލިމްއަށް މަދީނާއަށް ވަޑައިގެންނެވުމުގެވެސް ކުރިން އެހިސާބަށްވެސް ގޮސް އެމީހުންގެ ދޮގުތައް ފަޟީޙަތްވެފައެވެ. އަސްވަދުލް އަންސީގެ ބައިގަނޑަށް ހެޔޮވިސްނުން ލިބި ތައުބާވާން ލިބުނު ފުރުޞަތު ދޫކޮށްލީއެވެ. އަޅުގަނޑުމެންގެ ޙަޔާތަށް ވިސްނާލީމާވެސް، އިސްލާޙްވެ ތެދު ޤަބޫލުކުރަން ވިސްނާލާނެ އެތައް ފުރުޞަތެއް ﷲ ތަޢާލާ އެބަ ދައްކަވައެވެ. ބައެއް ފަހަރަށް ކިރިޔާ މަރުން ސަލާމަތްކުރައްވައިގެންނެވެ. އަނެއްބައި ފަހަރަށް ދަންނަ ގާތް ފަރާތެއްގެ މަރު ހިއްޕަވައިގެންނެވެ. ނުވަތަ މިފަދަ އެހެންވެސް ކަމެކެވެ. ނަމަވެސް އެކަންކަމުން ޢިބްރަތް ޙާޞިލްކުރަނީ އަޅުގަނޑުމެންގެ ތެރެއިން ހާދަ މަދުބައެކެވެ.
މަޞްދަރު: ޖެމްސް އެންޑް ޖުވެލްސް (އަލް ލުއުލުއުލް މަންޘޫރް) – ޢަބްދުލް މަލިކް މުޖާހިދު
ސިޔަރު އަޢުލާމް އައްނުބަލާ – އިމާމް ޛަހަބީ
ޑައިލޮގް ބިޓްވީން ދަ ޕިއަސް އެންޑް ދި ރެޗްޑް – ޑރ. ޢަބްދުﷲ ޢާއިޛުލްޤަރްނީ
ޞިފަތުއް ޞަފްވާ – އިމާމް އިބްނު ޖައުޒީ
އައްޒުހުދު – އިމާމް އަޙްމަދު ބިން ޙަންބަލް

ކެޓެގަރީ: ހަޤީޤީ ވާހަކަ ކުރުވާހަކަ އިބުރަތްތެރި ވާހަކަ

Views: 2282

ނަޒޫ

Report comment

މާޝާﷲ

6

3 years ago

ީއިއްބެ

Report comment

މާޝާﷲ

3

3 years ago

އާބިދާ

Report comment

ﷲގެ ކުޅދުން ވަންތަ ކަމާއެވެ..

6

2 years ago

ޚިޔާލު ފޮނުއްވާ ކެންސަލް



މަސްދަރު

Article Categories:
Stories

Comments are closed.