Feb 18, 2021
142 Views
Comments Off on މަލާމާތް
0 0

މަލާމާތް

Written by


Views: 4132 78

ކިޔާލް އާއި އަހަރެން ފުރަތަމަ ބައްދަލުވީ ޝެރީގެ އުފަންދުވަހުގެ ޕާރޓީންނެވެ. ކިޔާލް އެ ޕާރޓީއަށް އައީ ޝެރީ ބޭބެގެ ރައްޓެއްސެއްގެ ގޮތުގައެވެ. އަހަރެން އެ ޕާރޓީއަށް ދިޔައީ އަހަރެންނަކީ ޝެރީގެ ”ބެސްޓް ފްރެންޑަށް” ވާތީއެވެ. ޝެރީ އަށް ކިޔާލްގެ ގޮތް ކޮންމެވެސް ވަރަކަށް އެނގެއެވެ. އެދުވަހު އަހަރެމެން ދެމީހުން އެކަކު އަނެއްކަކަށް ތަޢާރަފް ކޮއްދިނެވެ. އަހަރެން ކިޔާލްގެ ހުތުރު ސިފަ ފެނިފައި އޭނައަށް އެންމެންގެ ތެރޭ މަލާމާތް ކުރީމެވެ. އޭނަގެ ކަޅު ކަމުންނާއި މޫނުގައި އޮށާޅަ ގިނަ ކަމުންނެވެ. އެކަމަކު އޭނަ އެއަށް ޖަވާބު ދިނީ ވަރަށް ސާދާ ގޮތަކަށެވެ.
” ދުނިޔޭގެ އެންމެން ޖަޒްލީ ހާ ރީތި ނުވެދާނެ………އަހަރެން އަހަރެންގެ ސިފަދެކެ ނަފްރަތެއް ނުކުރަން…………އަހަރެން ކޮންމެ ސިފައެއްގަ ހެއްދެވި ނަމަވެސް އަހަރެންނަށް މި ހުތުރު ސިފަ ދެއްވާފައިވަނީ އިމްތިހާނަކަށް…..” ކިޔާލްގެ އެބަސްތަކުން އެންމެން އެކު އެކީ އަތްޖަހަން ފެށިއެވެ. އޭނަގެ ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަމުނެވެ. އަހަރެން ލަދުން އިސްޖަހާލީމެވެ. އަހަރެންނާ ރަހްމަތްތެރިކަން ބާއްވާން ކިޔާލް ބޭނުންވާކަމަށް އިއުލާން ކުރިއެވެ. އަހަރެން ރަހްމަތްތެރިކަން ގަބޫލުވެސް ކުރީމެވެ.
ދުވަސްތައް ފާއިތު ވަމުން ދިޔައެވެ. ކިޔާލް ގަވައިދުން އަހަންނަށް ގުޅައި ވާހަކަ ދައްކައެވެ. އެތަކެއް މެޖެސު ތަކެއްވެސް ފޮނުވައެވެ. ކިޔާލްގެ ހިތުގައި މީގެ ކުރިން ދުވަހަކުވެސް އަންހެން ކުއްޖަކަށް މަގާމެއް ހުސްކޮށް ނުދޭ ވާހަކަ ބުނުމުން އަހަރެންގެ ހިތުގައި އޭނައަށް ދެވުނު މަގާމް މަތިވިއެވެ. ހިތް އިތުރަށް އޭނައަށް ގޮވަން ފެށިއެވެ. ހިތާ ހިތުން ދުޢާ ކުރަން ފެށުނެވެ. ކިޔާލްގެ ލޯބި ހަމައެކަނި އަހަންނަށް ލިބުމަށް އެދިއެވެ.
ކިޔާލްގެ ހުންނަ ސަކަ ގޮތްތަކުން އަހަރެންގެ ސާދާ ހިތް އޭނައަށް ފިދާވެއްޖެއެވެ. ރަހްމަތްތެރިކަމުގެ ނަމުގައި އޮތް ގުޅުން އިޝްޤަށް އަހަރެން ބަދަލު ކުރަން ބޭނުންވި ނަމަވެސް ދުލާ ހަމަޔަށް ހިތުގެ ހާލަތު ގެންނަން ފަސޭހައެއް ނުވިއެވެ. އަންހެން ކުއްޖަކަށް ވެ ހުރެ އިސްވެ ރައްޓެހިވާން އަހާނެ ހިތްވަރެއްވެސް ނުލިބުނެވެ.
ރަހްމަތްތެރިކަމުގެ ގުޅުމަށް ދެމަހެއް ހާ ދުވަސްވީތަނާ ކިޔާލް އަހަރެން ދެކެ ލޯބިވާކަން ހާމަކުރިއެވެ. ދެމީހުންގެ ލޯބީގެ ސިލްސިލާ ފެށުނީ އެހިސާބުންނެވެ. ކުރިއަށްވުރެ ފޯނުން ވާހަކަ ދެއްކުން ގިނަވިއެވެ. ލޯތްބަށްޓަކައި ދެމީހުންގެ ހިތުގައިވެސް ޖަޒްބާތުތައް އުތުރި އަރަން ފެށިއެވެ. ކިޔާލްގެ ފަރާތުން އަހަންނަށް އިންތިހާއަށް ލޯބި ލިބުނެވެ. ހިތްއުފާވާނެ ހަދިޔާތަކާއި މަލުގެ ގުލްދަސްތާތައް ލިބުނެވެ. ކިޔާލްގެ ދުލުން އަހަރެންނަށް ތައުރީފްގެ ބަސްތައް އިއްވައެވެ. އަހަރެންގެ ހިތް ކުރިއަށްވުރެ ބޮޑަށް އުފާކޮއްދެއެވެ.
އަހަރެންގެ ގޭގައި އަހަރެންނަށް ވަކިން ކޮޓަރިއެއް ހުރެއެވެ. ކޮޓަރީގެ ކުޑަދޮރުތައް ހުންނަނީ މަގުމައްޗަށް ވާގޮތަށެވެ. ރޭގަނޑު އެތައް ދަމެއް ވަންދެން ވާހަކަ ދައްކަން ތިބުމަށްފަހު ކިޔާލް އެނބުރި ގެއަށް ދާނެއެވެ. އެއީ ހަމައެކަނި އަހަރެންގެ މައިންބަފައިންނަށް ދައްކާ ދަޅައެކެވެ. ކިޔާލް ދިއުމުން އަހަރެން ގޭތެރެއަށް ވަނުމަށްފަހު ކިޔާލް ކޮޓަރިއަށް ވައްދަނީ ކުޑަދޮރުންނެވެ. އެގޮތަށް ކޮޓަރީގައި ފަތިސްވަންދެން ވާހަކަ ދައްކަން ތިބެމެވެ. ލޯބީގެ އެކި ހަދިޔާތައް ބަދަލުކުރަމެވެ.
އަހަރެން ދެކޭ ގޮތުގައި ލޯތްބަކީ ވާންޖެހޭ ޤުރުބާނީއެކެވެ. ލޯބިވެރިޔާއަށްޓަކައި ޤުރުބާން ނުކުރެވޭނެ އެކައްޗެއްވެސް އޮވެގެން ނުވާނެއެވެ. ކިޔާލްގެ އެދުމަށް އަހަރެންގެ އިއްފަތްތެރިކަންވެސް ޤުރުބާންކުރީމެވެ. ލޯބީގެ ފޮނި ހުވަފެން ތައް އެކުގައި ދެކެމުން ދުވަހަކުވެސް ވަކިނުވާނެކަމަށް އެކުއެކީ އެތަކެއް ވައުދެއް ކުރަމެވެ. އަހަރެމެންގެ ސިއްރު ގުޅުން ދެމިގެން ދިޔައީ ދެތިން މަހެއް ވަންދެންނެވެ.
އަހަރެން ހޮޑުލައި ބޯއަނބުރަން ފެށިއެވެ. އަހަންނަށް މިވަނީ ކީއްކަން އެނގުނެވެ. އަހަރެންގެ އަމަލުތައް ހުންނަ ގޮތުން މަންމައަށް އެކަން ޝައްކުވިއެވެ. މަންމަ ދެކެ ގަންނަ ބިރުގެ ސަބަބުން ފުރަތަމަ ދެކޮޅު ހެދީމެވެ. އެއްވެސް ފާފައެއް އަދި ހަޑި މުޑުދާރު އަމަލެއް ނުކުރާކަމަށް އެތަކެއް ހުވައެއް ކުރީމެވެ. މަންމައަށް އަހަރެންގެ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރެވުނެވެ.
” މައްސަލައެއް ނެތް……ޖަޒްލީ ތިބުނީ ތެދެއްވިއްޔާ ހިނގާ އަހަރެންނާއި އެކު ހޮސްޕިޓަލަށް….އޭރުން އަހަރެން ޔަގީން ކުރާނި. ޖަޒްލީއަށް ވުރެ ގިނަ ދުވަހު އަހަރެން ދުނިޔޭގަ އުޅެފިން….” މަންމަގެ އަޒުމް ވަރުގަދައެވެ. އަހަރެން ދެކޮޅު ހެދިނަމަވެސް ގޭއެންމެންގެ ކުރިމަތީ ޖެހުނީ ހޮސްޕިޓަލަށް ދިއުމަށް އެއްބަސްވާށެވެ.
ޓެސްޓް ހަދަން ދިނީ މަންމަގެ އެދުމަށެވެ. ޓެސްޓުގެ ނަތީޖާ ފެނިފައި މަންމަ އައި ބަދަލު އަހަރެން ދެކުނީމެވެ. ގެއާ ހަމަޔަށް އަންނަންދެން އަހަރެންނާ ދިމާލަށް މަންމަ ޗުޕްވެސް ނުބުނިއެއް ކަމަކު ގެއަށް ވަދެވުމާއި އެކު އަހަރެންނަށް ވަރަށް އެއްޗެހި ކިޔެވެ. އަނިޔާކުރަންވެސް ކުރިއެވެ. މަންމަ ހުރީ ރުޅިއައިސް ތުރު ތުރު އަޅައެވެ. އަހަރެންގެ ދިފާއުގައި ނުކުންނާނެ އެކަކުވެސް ނުވިއެވެ، އެކަމަކު ބައްޕަ ބުނި އެއްޗަކުން އަހަރެންނަށް އުއްމީދެއް ލިބިގެން ދިޔައެވެ.
ބައްޕަ ކިޔާލް އާއި ގުޅުމަށްފަހު އަހަރެންގެ ގެއަށް އައިސް ދިނުމަށް ބުންޏެވެ. ކިޔާލް އައުމުން ބައްޕަ ބުނެލިއެވެ.
” ދުނިޔޭގެ ލަދަށް……އަހަރެމެންގެ އިއްޒަތަށްޓަކައި އަހަރެންގެ ދަރިފުޅާ ކައިވެނި ކޮއްދީ…….މައްސަލައެއް ނެތް ވިހޭމަ ވަރިކުރިއަސް……” ބައްޕަގެ އެދުމަށް ކިޔާލް ދެކޮޅެއް ނުހަދައެވެ. އަހަރެންގެ ސަބަބުން ގޭގެ ނަމަށާއި އިއްޒަތަށް ކުޑަވެސް ކިލަނބުކަމެއް އަންނާކަށް ބައްޕަގެ ހިތެއް ނޭދުނެވެ. މިއީ ދުނިޔޭގެ އާދަ ދޯއެވެ. ދުނިޔެމަތީގައި މި ކަހަލަ އެތައް ކަމެއް ފޮރުވިދާނެއެވެ. އެތަކެއް ހަރާމް ކައިވެންޏެއް މިފަދަ ގޮތަށް ކޮއްފައި ހުންނާނެއެވެ.
ކިޔާލްގެ ރުހުން ލިބުމާއި އެކު ގޭގައި ކައިވެނީގެ ތައްޔާރީތައް ވަމުން ދިޔައެވެ. ކައިވެނީގެ ތާރީޚް ކަޑައަޅައި ހެދީވެސް ބައްޕައެވެ. މަންމަ އެކަމާއި ދެކޮޅެވެ.
” ކުށެއް ކުރެވުނީމަ އެކަން ފޮރުވަން ތިކުރާ މަސައްކަތަކީ ރަނގަޅު ކަމެއް ނޫން…..ތިދެވެނީ ޖަޒްލީއަށް އެކަން ދެވަނަ ފަހަރަށް ކުރުމަށް ހިތްވަރެއް………ހަރާމް ކައިވެންޏެއް ކުރުވައިގެން އެކަމުގެ ފާފަ ބޮލުގަ ނޭޅިގެންތަ ތިއުޅެނި………އަހަރެން ގަބޫލުކުރަން ޖަޒްލީ އަށް އެފަދަ ކަމެއް ކުރަން ކެރުނީ އަހަރެމެންގެ އިހްމާލުންކަމަށް…….އެކަމަކު ދެވަނަ ކުށެއް ކުރުމަށް އަނެއްކާވެސް ހިތްވަރުދޭކަށް ނުޖެހޭނެ……” މިއީ މަންމަގެ ބަހެވެ. މިއިން އެއްވެސް ކަމަކަށް ބައްޕަ ސަމާލުކަމެއް ނުދެއެވެ.
ކައިވެނީގެ ވާހަކަ ދައްކާފައި ދިޔަ ފަހުން ކިޔާލްގެ ޚަބަރެއް ނުވިއެވެ. ފޯން ނިއްވާލައި މާލެ ދޫކޮށްފައިވެސް ދިޔައީއެވެ. އޭނަގެ ޚަބަރެއް އެނގޭ އެއްވެސް ރައްޓެއްސެއް ނެތެވެ. ކައިވެންޏަށް ތައްޔާރު ކުރި ހުރިހައި ކަމެއް މަޑުޖައްސާލަން ޖެހުނީ އެހެންވެއެވެ. ބައްޕަ އެންމެ ކަންބޮޑުވީ ކިޔާލްގެ ޚަބަރެއް ނުވީތީއެވެ.
ބައްޕަ ދެންވެސް ހުއްޓައެއް ނުލައެވެ. ދެބައި އުމުރުގެ ފިރިހެނަކަށް ފައިސާ ކޮޅެއް ދިނުމަށްފަހު އަހަރެންގެ ކައިވެންޏަށް އެއްބަސްކުރުވިއެވެ. ޝަރުތު ކޮއްފައެވެ. ވިހައި ގަދަވުމުން ވަރިކޮއްދޭން ޖެހޭނެކަމަށް ބުނެފައެވެ. އެމީހާ އެއްބަސްވިއެވެ. އަހަރެންވެސް އެއްބަސްވީމެވެ.
އެމީހާއަށް ރަންނުކިޔައި އުޅެނިކޮން އަހަރެން ބަނޑުބޮޑު ވާހަކަ މުޅި މާލޭގައި ފެތުރިގެން ދިޔައެވެ. އަމިއްލަ ނޫސްތަކުގައި އަހަރެންގެ ބައްޕަގެ މަގާމާއި އެކު މިވެނި މީހެއްގެ ދަރިއެއް ބަނޑުބޮޑު ވެއްޖެއޭ ކިޔައި ޚަބަރު ފެތުރިގެން ދިޔައެވެ. އަހަރެންގެ ބަރަހަނާ ފޮޓޯތައް މުޅި މާލެ ތެރޭ އުދުހެން ފެށިއެވެ. ކުރަން ގަސްތު ކުރި ކައިވެނި ހުއްޓާލަން ޖެހުނީ އެހެންވެއެވެ. ދެން ކުރުމުގެ ބޭނުމެއް ނެތެވެ.
އެ ޚަބަރުތަކުން ބައްޕަ މަގުމައްޗަށް ނުކުމެ އުޅުން ހުއްޓާލިއެވެ. ރުޅި އައިސް އަހަންނަށް އަނިޔާ ކުރަންފެށިއެވެ.
” އަހަރެން ހީކުރީ ލޯބިން މިގެން ގުޅެވެނީ ޖަވާހިރެއް ކަމަށް…….އެކަމަކު ކޯއްޗަކަށް މިވީ…….މީހަކަށް މޫނު ދައްކާނެ ހިތްވަރުވެސް އަހަރެންގެ ނެތް………..ޖަޒްލީ ނޫނަސް އަހަރެން ހަތަރު އަންހެން ކުދިން ބޮޑުކުރިން……މިފަދަ އަޑެއް އަހަރެން ނާހަން……..ސަލީމް ވެސް މީނައަށް ހިތްވަރުދޭން އަދި އުޅުނު..މީނަގެ ކުށް ފޮރުވަން…….އެންމެ ފަހުން މިވީ ކިހިނެއް…މޮޅެއް ލިބުނުތަ؟” މަންމަ ރޮމުން އެއްޗެހި ކިޔަމުން ދިޔައެވެ. ބައްޕަ ހަތިޔާރު ބެހެއްޓީ ދެނެވެ. ބައްޕަ ދެރަވެ ހިތާމަ ކުރަން ފެށިއެވެ.
ގޭގެ އުފާވެރި މާހައުލު ބަދަލު ވެއްޖެއެވެ. ހިތާމައިގެ ސާލެއް ލެވުނެވެ. އަހަރެންނަށް ކުރެވުނު ކުށުގެ އިހްސާސްވިއެވެ. ތައުބާވެ އިސްލާހުވީމެވެ. ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންގެ ބަނޑަށް ނުވަމަސް ފުރިއްޖެއެވެ. ވިހަން ކައިރިވެފައި ވާތީ އެކަމަށް ތައްޔާރީތައް ވަމުން ދިޔައީމެވެ. ގޭތެރެ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައިވާތީ މަންމަގެ ފަރާތުން އެހީތެރިކަން އަހަންނަށް ލިބެމުން ދިޔައެވެ. އެކަމަކު މިވީ ދުވަސްތަކުގައި ބައްޕަ އަހަންނާއި އެއްވެސް ވާހަކައެއް ނުދައްކައެވެ.
އަހަރެން ވިހަން ބުނެފައި އިން ތާރީޙެވެ. މިއަދު ޑޮކްޓަރަށް ދައްކަން ޖެހޭތީ ހޮސްޕިޓަލަށް ދިއުމަށް ތައްޔާރުވަމުން ދިޔައީމެވެ. އަހަރެންގެ މޯބައިލަށް ފޯނެއް އައީ ގެއިން ނުކުންނަން ތައްޔާރުވީތަނާއެވެ. ނުދަންނަ ނަންބަރެއް ކަމުގައި ވިއަސް އަހަރެން ފޯނު ނެގީމެވެ.
” މަރުޚަބާ ޖަޒްލީ…….” އެކޮޅުން އަހަރެންގެ ކަންފަތުގައި ޖެހުނީ ދަންނަ އަޑެކެވެ. އެއީ ކިޔާލްގެ އަޑެވެ.
” ޖަޒްލީގެ ބަނޑުން މިއަދު އަހަރެންގެ ދަރިއަކު އުފަންވާނެ………އުއްމީދުކުރަން އެކުއްޖާއަކީ އަހަރެން ކަހަލަ ހުތުރު ހަމުގެ ކުލަ އަނދިރި ކުއްޖަކަށް ވާނެކަމަށް…….އޭރުން ތާ ޖަޒްލީއަށް އަހަރެން މަތިން ހަނދާން ނައްތާނުލެވޭނި……” ކިޔާލްގެ އަޑުގައިވާ މަލާމާތުގެ ރާގުން އަހަރެންގެ ހިތް ކުދި ކުދި ވަމުން ދިޔައެވެ. ދެއަތުން މޯބައިލް ފޯނުގައި ހިފަހައްޓާލަމުން ކަންފަތުގައި ޖައްސައި ބާރުކޮއްލީމެވެ.
” ހަނދާން އެބަހުރިތަ ޝެރީގެ އުފަންދުވަހުގެ ޕާރޓީ މަތިން……..އެދުވަހު ޖަޒްލީ އަހަންނަށް އެންމެންގެ ތެރޭގަ ކިހައި މަލާމާތެއް ކުރި…..އަހަރެންގެ ހަޔާތުން ދުވަހަކުވެސް އެދުވަހަށްވުރެ ލަދުގަތް ދުވަހެއް ނާދޭ………އެކަމަކު ހިތްވަރު ކޮށްފައި އެދުވަހު އަހަރެންގެ ލަދު ފޮރުވާލަމުން އެންމެންގެ ހިތްތައް އަހަރެން ފަތަހަ ކުރިން……….ޖަޒްލީވެސް މިއަދު އެފަދަ ކަމެއް ކޮށްބަލަ……ތި ރީތި ކަމުގެ ދަޅަ ދައްކައިގެން ވިއަސް………ތި ލިބުނު ލަދު ފޮހެލާބަލަ………” ކިޔާލްގެ ކޮންމެ ބަހަކުން އަހަރެންގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ދިޔައީ ގިނަވަމުންނެވެ. ލޮލޮގެ ތެރޭގައި ކަރުނަތައް ހިފަހައްޓާލަން މަސައްކަތް ކުރި ނަމަވެސް އެ ބަންޑުން ވެގެން އަހަރެންގެ ކޯތާފަތް މައްޗަށް އޮހިގެންފިއެވެ.
” ޖަޒްލީ ހީކުރީތަ ރީތި ކަމަކީ ވަރަށް އަގުހުރި އެއްޗެކޭ……ބޭރު ފުށުގެ ރީތިކަމުން ޖަޒްލީއަށް ލިބުނީ ކޮން އުފަލެއް……..ރީތި ކަމަކީ އަދި ޒީނަތްތެރި ކަމަކީވެސް އެތެރޭގެ ޒީނަތް ތެރިކަން…….ހަމުގެ ކުލަ އަލިވެފައި ހަން އޮމާންވުމަކީ އެއްވެސް ރީތިކަމެއް ނޫން………ޖަޒްލީގެ ރީތިކަމުން ހީކުރީތަ އަހަރެން ދިވާނާ ވާނެއޭ………އަހަރެން ޖެއްސި މަޅީގައި ދީވާނާވީ ޖަޒްލީ……އަހަރެން ޖަހާލި އެންމެ ބެރަކުން ޖަޒްލީ އަހަރެންނަށް ހުރިހައި ކަމެއް ޤުރުބާން ކޮއްފި……ޖަޒްލީގެ މޮޔަކަން ދެކިބަލަ………އަމިއްލައަށް ކުރި މަލާމާތް ތި ޖެހުނީ އަމިއްލައަށްނު…އަހަރެން ހުރިހައި ކަމެއްވެސް ކުރީ……….ޖަޒްލީ ބަނޑުބޮޑުވި ޚަބަރު ނޫސްތަކުގައި ޖަހުވައި މާލެތެރޭ ޚަބަރު ފަތުރައިދިނީ .. ޖަޒްލީ ފޮރުވަން އުޅުނު ކަންތައްތައް ފަޅާއަރުވާލީ …….” އަހަރެންގެ ފޯނު ދޫވީ އެހިސާބުންނެވެ. ފޯނު ގޮސް ތަޅުން މަތީ ޖެހެންދެން ކިޔާލް ކޮންމެވެސް އެއްޗެއް ކިޔާ އަޑު އިވުނެވެ.
ފޯނު ގޮސް ތަޅުން މަތީ ޖެހުމާއި އެކު ފޯނުގެ ބައިތައް ވަކިވަކި ވެގެން ދިޔައެވެ. ހިތުގައި ޖެހިފައި ހުރިވަރުން ބޮލަށް ފާޑަކަށް އެނބުރުން އަރައިގެން ދިޔައެވެ. އެވަގުތު ބަނޑުގައި ރއްސައިގަތީ ކެތްވަރަކަށް ނޫނެވެ. މަންމާ ކިޔައި ހަޅޭއްލަވައިގަނެވުނުކަން އެނގުނެވެ. ދެން ވީ ގޮތެއް ނޭނގެއެވެ.
އަހަރެން ހޭއެރީ ވިއްސާކޮޓަރީގައި އޮއްވައެވެ. އޭރު އަޅަމުން ދިޔަ ވޭނުން އަހަރެންގެ އުނަގަނޑުން ތިރި ހީވަނީ ނެތްހެންނެވެ. ގަދަ ވޭނަކާއި އެކު އަހަރެންގެ ދަރިފުޅު މި ދުނިޔެއަށް ފުރަތަމަ ނޭވާލިއެވެ. ގަދަ ރުއިމަކުން މުޅިތަން ގުގުމާލިއެވެ. ކުޑަ އިރުކޮޅަކުން ކުޑަ ދަރިފުޅު ގެނެސް އަހަރެންގެ ކައިރީ ބާއްވާލިއެވެ. ދަރިފުޅާ ކިޔާލްއާއި ތަފާތެއް ނެތެވެ. ހަމަ އެ ކުލައެވެ. މޫނުގައި އައިބުތަކެއް އެބަހުއްޓެވެ. އަހަރެން ބަލަހައްޓައިގެން އޮއްވައި އެ ދަރިފުޅު ދެވަނަ ފަހަރަށްވެސް ރޮއިގަތެވެ. އަހަރެންގެ ލޮލުން އޮހިގަތީ މައިވަންތަކަމުގެ ކަރުނައެއް ނޫނެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރަމުން ކުރެވުނު ފާފައަށް ގަތްލަދުގެ ސަބަބުން އޮހިގެން ދިޔަ ކަރުނައެވެ. މޫނުގައި އަތްއަޅާލައި މޫނު ފޮރުވާލީމެވެ. ހިތުގައިވާ ފާރުތަކަށް ދުވަހަކުވެސް ޝިފާއެއް ނެތެވެ. މި ދުނިޔެއިން އަހަރެން ކުރި ކުށުގެ ސަޒާ ލިބިގަނެވިދާނެއެވެ. އެކަމަކު ރީތިކަމުގެ ފަހަތުގައި ޖެހުނު ހުތުރު ލައްގަނޑުން އުމުރުގައިވެސް ސަލާމަތްވާނެކަމެއް ނޭނގެއެވެ.
(ނިމުނީ)

ކެޓެގަރީ: ކުރުވާހަކަ

Views: 4132

އަރޫ

Report comment

ސަޅި.. ކޮމަން ތީމްއެއް ކަމަކު ގެނެސްދީފަ އޮތްގޮތް ވަރަށް ރީތި

14

3 years ago

Nash

Report comment

Vara reethi vhk

5

2 years ago

ޚިޔާލު ފޮނުއްވާ ކެންސަލްމަސްދަރު

Article Categories:
Stories

Comments are closed.