Feb 18, 2021
156 Views
Comments Off on މެންޗެސްޓާ ސިޓީ އަށް 10 ޕޮއިންޓުގެ ލީޑެއް
0 0

މެންޗެސްޓާ ސިޓީ އަށް 10 ޕޮއިންޓުގެ ލީޑެއް

Written by


ލިވަޕޫލް (ފެބްރުއަރީ 18) – އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި 3-1 އިން އެވަޓަން ބަލިކޮށް ލީގުގެ އެއް ވަނައިގައި މެންޗެސްޓާ ސިޓީން 10 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ލީގުގެ ގަދަ ހައެއްގައި އޮތް ކޮންމެ ޓީމެއް 24 މެޗު ކުޅެފައިވާއިރު، ސިޓީ އެއް ވަަނައިގައި އޮތީ 56 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 46 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަަނައިގައި އޮތް ޗެލްސީ އާއި ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ 42 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ 40 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.
ރޭގެ މެޗުގެ 32 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ މި ސީޒަނުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ތަރި ފިލް ފޯޑެން އެެވެ. ފޯޑެން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އެވަޓަންގެ ސީމަސް ކޯލްމަން ފައިގައި ޖެހިފައި ގޮހެވެ. އޭގެ ފަސް މިނިޓް ފަހުން ރިޗާލިސަން ވަނީ އެވަޓަން އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ސިޓީ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ މެޗުގެ 63 ވަނަ މިނިޓްގައި ރިޔާދު މާރޭޒް އެވެ. އޭރިއާބޭރުން މާރޭޒް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. ސިޓީ އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ މެޗުގެ 77 ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ އެވެ.
މި މޮޅާ އެކު ސިޓީ ވަނީ ޖެހިޖެހިގެން 17 މޮޅު ހަމަކޮށް ރެކޯޑް ދަމަހައްޓައިފަ އެވެ. އަދި އެ ޓީމަކީ ކަލަންޑަރު އަހަރެއް ފަށައިގެން ލީގުގައި ކުޅުނު ފުރަތަމަ 10 މެޗުން މޮޅުވި ފުރަތަަމަ ޓީމެވެ. ލީގުގައި ބާކީ 14 މެޗު އޮތްއިރު، ސިޓީ ފަހަތަށް ޖައްސާލާފައި ތަށި ހޯދޭނެ ޓީމެއް ނެތް ކަމަށް އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ބުނެފަ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާގެ ޓީމުން ޕޮއިންޓް ޓޭބަލްގައި އޮތް ފަރަގާ މެދު އަދި ނުވިސްނާނެ ކަމަށާއި ވިސްނުން ހުރީ މެޗަކަށް ފަހު މެޗެއް ކާމިޔާބު ކުރުމަށް ކަމަށެވެ.
“އަދިވެސް 42 ޕޮއިންޓަށް ކުޅެން ޖެހޭ. މިއީ ފެބްރުއަރީ. ވަރަށް މަދު ވަގުތު އަރާމްކޮށްފައި ގިނަ މެޗުތަކެއްގައި ކުޅެން މި ޖެހެނީ. އެހެންވީމަ އަދި ޓޭބަލަށް ބަލައިގެން ފަސޭހަކޮށްލެވޭނެ ކަމަށް ނުދެކެން،” ގާޑިއޯލާ ބުންޏެވެ.
ރޭގެ މެޗުން މޮޅުވެގެން ލީގުގެ ހަ ވަަނައިގައި އޮތް ލިވަޕޫލާ ޕޮއިންްޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު އެވަޓަން އަށް އޮތެވެ. އެކަމަކު ބަލިވުމުން އެ ޓީމު ހަތް ވަނައިގައި އޮތީ 23 މެޗުން 37 ޕޮއިންޓާ އެކު އެވެ. ލީގުގައި އެންމެ އަވަހަށް އެވަޓަން ކުޅޭ މެޗުގައި ހޮނިހިރު ދުވަހުގެރޭ ކުޅޭނީ ލިވަޕޫލާ ދެކޮޅަށެވެ.



Source link

Article Categories:
Sports

Comments are closed.