Feb 18, 2021
122 Views
Comments Off on ދަތުރު
0 0

ދަތުރު

Written by


Views: 2424 63

އެއީ އަހަރެންގެ ރަޙްމަތްތެރިއެކެވެ. އޭނާގެ ޙަޔާތުގެ ދަތުރުގެވާހަކަޔަކީ ތިބާއަށްވެސް މުހިންމު ވާހަކައެކެވެ. ހިތްހަމަޖެހުމާއެކު ވިސްނުމުގެ ނަޒަރަކުން ވިސްނާލަމުން ކިޔާލަން ރަނގަޅުވާހަކަޔެވެ. އެއީ ތިބާގެ ދިރިއުޅުމަށްވެސް އިބުރަތްތަކެއް ޙާސިލްކުރެވޭ ފަދަ ދަތުރެއްގެ ވާހަކައަކަށް ވެދާނެކަމަށްޓަކައެވެ.
އެކުވެރިންނޭ! އޭނާގެ ޙަޔާތުގެ ދަތުރުފެށީ ފަޅުކަމާއި އެކަނިވެރިކަމުގެ ތަންމައްޗަކުންނެވެ. ދުނިޔޭގެ އަލިކަމާއި ހަލަބޮލިކަމުގެ ޖައްވުން ޖާގަހޯދަމުންނެވެ. ދުނިޔޭގެ ތަނަވަސް މައިދާނަށް ރުއިމުގެ އަޑުއިއްވާލަމުންނެވެ. އެ އަޑާއެކު ފެނުނު އާ މަންޒަރުތަކާއި ދަސްވި ފިލާވަޅުތަކާއެކު ދަތުރަށްނުކުތެވެ. ތަފާތު މަންޒިލުތަކުން އާ ކަންކަން ތަޖުރިބާކޮށް އާ ފިލާވަޅުތައް ދަސްކުރަމުންނެވެ. އޭނާގެ ދަތުރުގެ މިސްރާބާއެއްގޮތަށް ހަލުވިކަމާއެކު ކުރިއަށް ދިއުމުގެ އުންމީދުގައެވެ. ތަފާތު ކުލަތަކާއި ތަފާތު މަންޒަރުތައް ދެކެމުންނެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށްއަޅަމުންނެވެ. ދަތުރުގެ މަންޒިލުން ހޭހަންކުރަންތިބި މޭސްތިރިން ކައިރިން ދަސްވެނިވަމުންނެވެ.
މިގޮތުގައި އޭނާގެ ދަތުރުގެ ސަވާރީ ހަލުވިކަލާއެކު ކުރިއަށްދެއެވެ. ތަފާތު މަންޒިލުތަކަށް މަޑުކޮށް އާ ރައްޓެހިންނާއި މެހެމާނުންނާ ބައްދަލުވަމުންނެވެ. ވަކިހިސާބަކުން “މެހެނާނުން”ގެ މިފަދަ ޖަމާއަތަކާ ބައްދަލުވިއެވެ. އެމީހުންނަކީ ދުނިޔޭގެ އުފަލާ މަޖަލަށް ލޯބިކުރި ޒުވާނުންތަކެވެ. ނަފުސުގެ ހިތްހަމަ ޖެހުމާއި ދުނިޔޭގެ އުފަލަށް ލޯބިކުރިބައެކެވެ. އޭނާގެ ދަތުރުން ފުރުޞަތެއް ހޯދުމަށް އެމީހުން އެދުނެވެ. މި އެދުމަށް އިޖާބަދީ ދަތުރުން އެބައިމީހުންނަށް ޖާގަދިނެވެ. އުފާކޮށް މަޖާކޮށްލުމަށް ހިތްއެދޭތީއެވެ. ކަރުހިއްކުން ފިލުވާލާއި، ޖިސްމަށް ހަމަޖެހުމާ، މަސަލަސްކަން ހޯދުމަށް ހިތް އެދޭތީއެވެ.
މިގޮތުގައި ދަތުރުގެ ދުވެލި ކުރިއަށް ދެއެވެ. ލިބުނު އާ ރަޙުމަތްތެރިންނާއެކު ދަތުރުގެ ވަކި ހިސާބަކުން ބަނިޔާދަން ބައިވެރިޔަކަށް ޙަޔާތުން ޖާގަ ދޭންޖެހުނެވެ. ހަމައެކަނި ބަލާލަން ރީތިވުމަކުން ނޫނެވެ. ދަތުރުގެ ވަކިހިސާބަކުން އޭނާއަށް ފުރުޞަތު ނުދީ ވާން ނެތުމުންނެވެ. ދުނިޔޭގެ ލޯތަކަށް ހުރަސްއެޅުމަށް އެނޫންގޮތެއް ނެތިގެންނެވެ. ލިބުނު “އާ އަނބިމީހާ” އާއެކު ދަތުރުގެ ސަވާރީ ކުރިއަށް ދަތުރުކުރަމުންދެއެވެ. ފެށުނު ޒަވާޖީ ހަޔާތާއެކު ދަތުރުގެ ސަވާރީއަށް އިތުރު މެހެމާނަކުވެސް މަރުޙަބާކިޔައިފިއެވެ. މިހާރު ދަތުރުގެ ބައިވެރިން އިތުރުވެއްޖެއެވެ. އަމިއްލަ އާއިލާއެއް އުފަންވެއްޖެއެވެ.
މި ދަތުރުގައި އުފަލާ ހިތްހަމަ ޖެހުމަކީ އޭނާގެ އެންމެ މުހިންމު މަޤުސަދެވެ. ދަތުރުގެ ވަކިހިސާބަކުން އޭނާއާ ބައްދަލުވީ ފައިސާގެ ތަނަވަސްކަމާއެވެ. އާއިލާގެ ރުހުމާއެކު ދަތުރުގެ ސަވާރީން އެބައިމީހުންނަށްވެސް ފުރުޞަތު ދިނެވެ. ދިރިއުޅުން އިތުރަށް އުޖާލާކުރުމުގެ ބޭނުމުގައެވެ. ފައިސާއާއި ތަނަވަސްކަމާއެކު އޭނާގެ ދިރިއުޅުންވެސް އެހެން ހަރުފަތަކަށް ގެންދިއުމުގެ ނިޔަތުގައެވެ. ބޭނުންވާ ކަންކަން ފަސޭހައިން ހާސިލްކޮށް، ބޭނުންވާ ތަކެތި ފަސޭހައިން ހޯދުމަށް ހިތް އެދޭތީއެވެ. އެކަންވީވެސް ހަމައެގޮތަކަށެވެ. ލިބުނު ކުއްލި ތަނަވަސްކަމާއެކު ޙަޔާތުގެ ދަތުރު އިތުރަށް ހަލުއިވެގެންދިޔައެވެ. ކަރުހިއްކުން ފިލުވާލުމަށް އަރުތެރެއަށް އެތެރެވި ބުއިންތައް އިތުރުވެ ތަފާތުވިއެވެ. އޭގެ ޒަވިކަމާއެކު ލިބުނު “އުފަލުން” ނަފުސު ނަށަންފެށިއެވެ. ތަނަވަސްކަމުގެ އަވާގައިޖެހި ހަށިގަނޑާ ނަފުސުން ހޭހަންކުރަން އައި މިތުރުން ގިނަވާންފެށިއެވެ. އެފަދަ މަންޒިލުތަކަށް ދަތުރުގެ ސަވާރީ މަޑުކުރަން ޖެހުނު މިންވަރު އިތުރުވިއެވެ.
އެކުވެރި މިތުރުންނެވެ. ކަނުލައި އަޑުއަހާށެވެ. މި ލިބުނު ތަނަވަސްކަމާއެކު އަހަރެންގެ އެކުވެރިޔާގެ ދަތުރުގެ ދުވެލި އިހުނަށްވުރެވެސް ހަލުވިކޮށްލިއެވެ. މީހެއްގެ ނުފޫޒަކަށް ބެލުމެއްނެތި ދަތުރުކުރާނެ ގޮތަކަށް ދަތުރު ކުރިއަށް ގެންދިއުމަށް ޖާގަ ތަނަވަސްވިއެވެ. އަނބިދަރިން ދިއައީ އުފަލާއިމަޖާ ނަގަމުންނެވެ. ޙަލާލެއް ޙަރާމެއް ބެލުމެއްނެތި ބަނޑުހައި ހޫނުކަން ފިލުވަމުންނެވެ. އަރުތެރެ ތެންމަމުންނެވެ. ލިބުނު ކޮންމެ ބުއިމެއް އުފަލާއެކު ބޮމުންނެވެ. ލިބުނު ކޮންމެ ކެއުމެއް ހިނިތުންވުމާއެކު ކަމުންނެވެ.
އެކުވެރި މިތުރުންނެވެ. ރަޙްމަތެރިއާގެ މި އުފާވެރި ދަތުރުގައި އަނެއްކާވެސް އާ މެހެމާނަކާ ބައްދަލުވެއްޖެއެވެ. ދަތުރުން ޖާގައެއް ހޯދުމަށް އޭނާވެސް އެދުނެވެ. އެހެންނަމަވެސް ދަތުރު ބައިވެރިން އެކަމާ ދެކޮޅު ހެދިއެވެ. އަމިއްލަ އަނބިދަރިނާއި ނަފުސުވެސް އެކަމަށް އެއްބަހެއްނުވިއެވެ. އެއީ ބޯދާދިރިއުޅުމެއްގެ ތެރެއިން އުފަންވީ ކަމެއްކަމަށް ދެކިގެންނެވެ. ދުނިޔޭގެ މަޖަލާ އުފަލާއެކު ދަތުރުކުރަމުންދިއަ ދަތުރު “ފަނިވާނެ” ކަމަށް ޤަބޫލުކުރެވިގެންނެވެ. ވަކިހަމަތަކަކާއި އުސޫލުތަކެއް ހިފަހައްޓަން ޖެހޭނެތީއެވެ. މިހާރުގެ މިނިވަން ދަތުރުގެ “މިނިވަންކަން” ގެއްލިދާނެކަން ކަށަވަރުވާތީއެވެ. ދަތުރުގެ މެހެމާނުންގެ އުފާތަކަށް ހުރަސްއަޅާނެކަން ޔަޤީންވާތީއެވެ. ހިތްރުހޭ ހުރިހާގޮތަކުން ހޯދަމުންދިޔަ އުފާތައް ހުއްޓާލާ އެގޮތް ބަދަލުކުރަން ޖެހޭނެކަން ކަށަވަރުވާތީއެވެ.
ހަޤީޤަތުގައިވެސް އެއީ ތެދެކެވެ. މިފަހަރު އޭނާގެ ދަތުރުން ޖާގައެއް ހޯދުމަށް އެދުނީ ވަކި ވަގުތުތަކެއްގައި ވަކި ހަރަކާތްތަކެއް ކުރުމަށް އަންގާ މެހެނާނެކެވެ. ވަކި ދުވަސްވަރެއްގައި ދުވާލު ކެއުން މަނާކުރާ ނިޒާމެކެވެ. ބޭނުންހާ ބުއިމެއް ބުއިން ޙަރާމްކުރާ، ބޭނުންހާ ކެއުމެއް ކެއުން މަނާކުރާ ޤަވާއިދުތަކެއްގެ ވެރިއެކެވެ. ރީތި އަންހެންކުދިންނާ އެކު ނަގަމުންދިޔަ މަޖާތައް ހުއްޓާލުމަށް އަންގާ މެހެމާނެކެވެ. މިފަދަ އެތައް ސަބަބަކަށްޓަކައި އޭނާގެ ދަތުރުގެ ސަވާރީން މިފަހަރުގެ މެހެނާނަށް މަރުހަބާ ކިޔާކަން ބޭނުމެއްނުވިއެވެ. އޭނާއަށް ޖާގަދިނުމަށް ހިތެއް ނޭދުނެވެ.
އެކުވެރި މިތުރުންނެވެ. އަހަރެންގެ ރަޙްމަތްތެރިޔާގެ ދަތުރު އޭނާގެ “އުފާވެރި” މިތުރުންނާއެކު އެގޮތުގައި ކުރިއަށް ދަތުރުކުރަމުންދިޔައެވެ. ޒަމާންތަކާއި ދުވަސްތައް މިގޮތުގައި ގުނަމުންދިއައެވެ. އަނެއްކާވެސް އަހަރެންގެ ރަޙުމަތްތެރިޔާގެ ދަތުރުގެ ވަކިހިސާބަކުން މުޅިން އާ މީހަކާ ބައްދަލުވެއްޖެއެވެ. އޭނާ އެންގީ ވަގުތުން ދަތުރުގެ ސަވާރީ މަޑުކުރުމަށެވެ. އެ ހުރި ހިސާބުން ދަތުރުގެ ސަވާރީ ހުއްޓުމަށެވެ. ފައިސާއާއި ލިބިފައިވާ ތަނަވަސްކަމާއެކުވެސް މިފަހަރު މަގުމަތިން ބައްދަލުވީ މީހާ އެއްފަރާތައް އަރާގޮތެއް ނުވިއެވެ. ލިބިފައިވާ “އެކުވެރިން”ނާއި، އަތުގައިވާ ފައިސާއަކުން މިފަހަރުވީ އެއްވެސް ކަމެއްނެތެވެ. އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އެޅޭނެ ފުރުޞަތެއް އޭނާ ނުދިނެވެ. މިފަހަރު ބައްދަލުވި މެހެމާނު ބޭނުންވީ ސަވާރީން ޖާގަހޯދުމަކަށް ނޫނެވެ. އޭނާ ބޭނުންވީ އަހަރެންގެ ރަޙްމަތްތެރިޔާ ދަތުރުގެ ސަވާރީން ބޭލުމަށެވެ. އެ ހިސާބުން އޭނާގެ ދަތުރު ކުރުކޮށްލުމަށެވެ. އިތުރު އެއްވެސް ފުރުޞަތެއް ނުދިނެވެ. ފައިސާއާއި އަނބިދަރިންނާއި ދަތުރުގައި މަޖާނެގި އެކުވެރިންނަށް އެކަން ހުއްޓުވުމަށް ކުރެވުނު ހަމަ އެއްކަމެއްވެސް ނެތެވެ.
އޭނާޔާއެކު ދަތުރުކުރަމުންދިޔަ އެކުވެރިންނާއި އަނބިދަރިންވެސް މި ކަމުގައި މާބޮޑު ޝަކުވާއެއް ނެތްކަހަލައެވެ. ކުރާނެކަމެއްނެތެވެ. އަހަރެންގެ ރަޙްމަތްތެރިޔާ އެކަނި ދޫކޮށްލުމަށްފަހު ދަތުރުގެ ބައިވެރިން އެމީހުންގެ ދަތުރައިގެން ފުރައިފިއެވެ. އެންމެ ކުޑަމިނުން އޭނާގެ އަނބިމީހާވެސް މަޑުނުކުރިއެވެ. އެނާ އެކަނިވީއެވެ. އަޅާލާނެ އެއްވެސް މީހަކު މިހާރަކު ނެތެވެ. ވަށައިގެންވާ ފަޅުކަމާއި އަނދިރިކަން ފިޔަވައި އިތުރު އެއްވެސް ތަނެއް ފެންނާކަށް ނެތެވެ. އެތަނުގައިވަނީ ނިކަމެތިކަމާއި އެކަނިވެރިކަމެވެ. އުފާވެރިކަމާއެކު ކުރަމުންދިޔަ ދަތުރު ނިމުނީއެވެ. އެއްކުރި ފައިސާއާއި، ބައްދަލުވި ރަޙުމަތްތެރިން ވަކިވެ ދިޔައީއެވެ. ކުރާނެކަމެއްނެތެވެ. މިތުރުންނެވެ. މިއީ ތިބާއަށްވެސް އޮތްގޮތެވެ. ތިބާގެ ދަތުރުގައިވެސް މިދުވަހާ ބައްދަލުވާނެއެވެ. ވިސްނާލާށެވެ.

ކެޓެގަރީ: ކުރުވާހަކަ އިބުރަތްތެރި ވާހަކަ

Views: 2424

ަކޮމެންޓޭ

Report comment

ހާދަ ހާސަރަކޭ ކިޔަން ފެށީ ވަރަށް ކިޔާހިތުން އެކަމް ހާސަރު ދިގުވީމު އެއްބަޔަށް ނުކިޔެނީ ޖެހުނީ ވީ ފޫއްސެއްގެ ސަބަބުން ހުއްޓާލަން

5

3 years ago

ކިޔުންތެރިޔާ

Report comment

ރީތި

5

3 years ago

ޭއައިސާ

Report comment

ކިޔަން އުޅެ އުޅެ ނުކިޔުނު. ފޫހިކަމުން

4

4

3 years ago

Anonymous

Report comment

ވަރަށް ރީތި، ޢިބުރަތްތެރި ވާހަކަ އެއް

2

1

3 years ago

Anonymous

Report comment

Hadhi

2

10 months ago

ޚިޔާލު ފޮނުއްވާ ކެންސަލް



މަސްދަރު

Article Categories:
Stories

Comments are closed.