Feb 19, 2021
140 Views
Comments Off on އަނދާ އަލިފާން
0 0

އަނދާ އަލިފާން

Written by


Views: 3915 46

ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެން އައިސް ބިންމަތީގައި ޖެހުނެވެ. ދުއްވާއެއްޗެހީގެ އަޑުން ކަންފަތް ފޫދުއްވާލިހެން ހީވިއެވެ. ބޮކިތަކުގެ އަލި ލޯމަތިން ފަނޑުވިއެވެ. އިވެމުންދިޔަ ކޮންމެ އަޑަކީ އަހަރެންގެ ހަޔާތުގައި ފަހު ސިއްކަ ޖެހުނުކަން އަންގައިދޭ ރަނގަބީލެއް ފަދައެވެ. ހިތްހަމަ ވެސް ޖެހުނެވެ. އެއީ އޭރު އަހަރެން ބޭނުންވި ގޮތެވެ. ނަމަވެސް އެއަޑުތަކުގެ ތެރެއިން ފުރޭނިގެން އައިސް ކަންފަތުގައި ޖެހުނު އަހަރެންގެ މަންމަގެ ރުއިމުގެ އަޑާއެކު އަހަރެންގެ ލޯ މަޑުމަޑުން ހުޅުވާލެވުނެވެ. ހަށިގަ ނޑުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން އެކަމެއް ނުވިއެވެ. މަރުވާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް އޭރު މާލަސްވެއްޖެއެވެ. އެހިނދުކޮޅު ފާއިތުވެއްޖެއެވެ. މަރު އައުމުގެ ކުރިން އަހަންނަށް މަރަށް ދަޢުވަތުދެވުނީއެވެ. ބާވީސް އަހަރުގެ މިހާ ޅަދޮޅު ޒުވާން ޢުމުރެއްގައި މި ކަތި ފިޔަވަޅު އަހަރެން އެޅީ ކީއްވެހެއްޔެވެ؟
އޭރު އަހަރެން އަރާހުރީ އަހަރެންގެ ގޭގެ 3 ވަނަ ފަންގިފިލާގެ ޓެރަސްގައެވެ. އަހަރެން ހުރީ ގޮތް ހުސްވެފައެވެ. މާޔޫސްވެފައެވެ. ދިރިއުޅުން މަތިން ފޫހިވެފައެވެ. ދިރިއުޅުމުގެ އުންމީދު ގެއްލިފައެވެ. ފުރާނަ ގެންދިއުމަށް އެދި ދުޢާކުރާތާ އޭރު އެތައް ދުވަހެއް ވެއްޖެއެވެ. ވަގުތު ޖެހެންދެން އިތުރަށް ކެތްކުރާކަށް ބޭނުންނުވީއެވެ. އޭރުވެސް ކަންފަތުގައި އަހަރެންގެ މަންމަ ދީފައިވާ ނަސޭހަތްތަކުން އެއް ނަސޭހަތް ތާޒާކަންމަތީ ހަރުލާފައި ހުއްޓެވެ. ކުފުރު މަރަކުން މަރުވުން އެއީ ދުވަހަކު ނުފުއްސަވާނެ ފާފައެކޭ މަންމަ ބުނެފައިވާ ހަނދާން އާވެއާވެ ހުއްޓެވެ. އެކަމަކު އަހަންނަށް ދުނިޔެމަތީގައި ލިބެމުންދިޔަ ހިތްދަތިކަމާއި ވޭން އެޔަށްވުރެ މާ ބޮޑުވީއެވެ. ކެތްނުކުރެވުނީއެވެ. ނަރަކައިގެ އަނދަ އަނދާ ހުރި އަލިފާންގަ ނޑު ވެސް އެއަށްވުރެ ފިނި ވާނެކަމަށް އުންމީދުކުރެވުނީއެވެ. ފުން ނޭވާއެއް ލުމަށްފަހު ޓެރަސްގެ އެއް ކޮޅުގައި ހުއްޓިލީމެވެ. ހިނިތުންވެލީމެވެ. ކުރިއަށް ފިޔަވަޅު އެޅީމެވެ.
ސަހަރޯއެވެ. ނޫނެކެވެ. އަހަރެން އެފިޔަވަޅު އަޅާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އެޅުނީއެވެ. ނޭވާ ކޮޅުން ލައިގެންދިޔައެވެ. ހާސްވިއެވެ. އަދި ވަގުތު އެބައޮތެވެ. އަދި ދިރިއުޅުން ކުރިއަށް އޮތީއެވެ. އަދި އަހަންނަށް އަހަރެންގެ ލޯބިވެރިއާ ލިބޭނެއެވެ. އޭނާ ނެތިއްޔާ އަދި ހާސްކުދިން ތިބީއެވެ. އަހަރެން ދުނިޔޭގައި ނެތިގެން ، މަންމައާއި ބައްޕަގެ ޒުވާބުތަކަށް ވަކި ހައްލެއް އަންނާނެ ހެއްޔެވެ. ނާންނާނެއެވެ. އެ ހައްލު ގެނެވޭނީ ވެސް އަހަރެން އަދިވެސް މަސައްކަތް ކޮށްގެންނެވެ. އެ މަސައްކަތް ކުރަން އަދި ފުރުޞަތު އެބައޮތެވެ. ބޭބެއާއި ކޮއްކޮ އެތިބީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހި ހަލާކުވެފައެވެ. އެހެނަސް އެކަމުން އަހަންނަށް ކުރަނީ ކޮން ގެއްލުމެއްހެއްޔެވެ. އާއެކެވެ. ޢާއިލާ ތެރޭ ގައި ހިނގާ ހަމަނުޖެހުންތައް އިތުރުވިއެވެ. ހައިޖާނުގަޑުން މިންޖުވާނީ ކިހިނެއްތޯ އަހަންނަށް މާބޮޑަށް ވިސްނުނީއެވެ. ބޯގޮއްވުނީއެވެ. ކޮޅެއް މެދެއް ނުފެނި ފިކުރު ބޮޑުވުމުން ގޮތް ހުސްވީއެވެ. ފިޔަވަޅު މިއެޅުނީ ނުބައި މަގަކަށެވެ. ވިސްނުނީ ގޯސް ވިސްނުމެކެވެ.
މި ފިޔަވަޅު ނޭޅުނު ނަމައޭ ހިތަށްއެރިއެވެ. ބަގީޗާއެއް ފަދަ މި ދުނިޔޭގައި ދިރިއުޅުމަށް ފުރުޞަތު ލިބިފައި ވަނިކޮށް ނަރަކައިގެ ވޭންދެނިވި ޢަޒާބަށް އަމިއްލައަށް ހުށަހެޅުނީ ކަމުގެ އިޙުސާސްކުރެވިފައި ފަހުން ދެރަވިއެވެ. ވީކަމެއް ނުވާކަމަކަށް ނުހެދޭނެއެވެ. މި ގޯސް މިވަނީ ހެދިފައެވެ. އަހަރެންނަށް އަވަސްފަރުވާދިނުމަށް ހަށިގަނޑާ ގުޅާފައިވާ މެޑިކަލް އިކުއިޕްމަންޓްތަކުގެ އަޑު ކަންފަތުގައި ޖެހުނެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް ލޯހުޅުވާލެވުނެވެ. ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ދެލޮލަށް ވަނީ ފުސްބުރާފައެވެ. ފުސްކަމުގެ ތެރެއިން ދެތިން މޫނެއް ކުރިމަތިން ފެނުނެވެ. އާއެކެވެ. އަހަރެން ވިސްނައިނުލައި މި އެޅި ކަތިފިޔަވަޅުން އަހަރެން ގެ ފުރާނައަކަށް ނިމުމެއް ނައެވެ. އަހަރެންގެ މަންމަގެ ބަރަކާތްތެރި ދުޢާތަކުގެ ސަބަބުން އަހަރެން ސަލާމަތްވީތާއެވެ. الله އަށް ޙަމްދު ހުއްޓެވެ. ކުރިމަތިން މަންމަ ފެނުނެވެ. ހިނިތުންވެލެވުނެވެ. މަންމައާ ދިމާއަށް އަތް އުފުލައިލަން މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ އަތް ހިއްލައެއް ނުލެވުނެވެ. އަތެއް ފަޔެއް ގުޑުވައެއް ނުލެވުނެވެ. އެއްވެސް ގުނަވަނެއް ހަށިގަ ނޑުގައި ނެތްކަހަލައެވެ. އަހަންނެކޭ ކޮއްމަސްބުރިއެކޭ އެއްފަދައެވެ. އާއެނކެވެ. އަހަރެންގެ މުޅި ހަށިގަނޑު ވާވީއެވެ. ޕެރެލައިޒްވީއެވެ. އުމުރުދުވަހަށް އެނދުމަތިވީއެވެ. ޑޮކްޓަރުން އުންމީދު ވެސް ކަނޑާލިއެވެ. ދުވަހަކު ވެސް އަހަރެން ރަގަޅު ނުވާނެކަމަށް ވަނީ ބުނެފައެވެ. އެ ކަތި ފިޔަވަޅު ނޭޅުނު ނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ. ބަރުދާސްތުކުރަން ޖެހުނު ހިތާމަތަކުން މިއަދު މިންޖު ވެވުނީކީ ވެސް ނޫނެވެ. ދިރިއުޅުމުގައި ހުރި އަޑިގުޑަންތައް ރަގަޅު ކުރުމަށް ކުރެވޭނެ އެއްކަމެއް ވެސް ނެތީއެވެ. ފުރާނައިގެ ވެރިފަރާތުން ފުރާނަ ގެންދަވަންދެން ދުޢާކުރުން ނޫން އިތުރު ކަމެއް ކުރެވެންނެތްކަން ވިސްނުނެވެ. މިއަދު ދުނިޔޭގައި މިއޮވެވެނީ އަނދަ އަނދާހުރި އަލިފާނުގެ ތެރޭގައި ކަހަލައެވެ. ނަމަވެސް އިތުރަށް ކުރާނެ ޝަކުވާއެއް ދެނެއް ނެތެވެ. މިހާރު އެހާދިސާއަށް މީ 5 ވަނަ މަސްދުވަހެވެ.
”ތެންކްސް އަލޮޓް…. ތިދެއްވި ވަގުތުކޮޅަށް” އަހަރެން ކައިރީ އަހަރެންގެ ވާހަކަނަގަން އިން ސައިކޮލޮޖީ ކިޔަވަމުންދިޔަ ދަރިވަރު ބުނެލިއެވެ.”އެކްސްކިއުޒް، އަދި އެންމެ ސުވާލެއް، ދިރިއުޅުން މަތިން މާޔޫސްވެފައިވާ ތިފަދަ ފިޔަވަޅުތަކަށް ފައިނަގާ ފަރާތްތަކަށް ދޭނެ ވަކި ޚާއްސަ މެސެޖެއް އެބައޮތްތޯ ؟
”ދިރިއުޅުން މަތިން މާޔޫސްވެ މިފަދަ ފިޔަވަޅުއަޅާ އެތައް ބަޔަކު މިދުނިޔޭގައި އުޅޭ، އެފަދަ ފިޔަވަޅެއް އެޅުމުން އަހަރެންނަށް މިޖެހުނު ފަދަ ދަތި ޙާލުގައި ހަޔާތުގެ ބާކީ ދުވަސްތައް ގުނަން ޖެހިފައި ތިބި މީހުން ވެސް މަދެއް ނުވާނެ، ބޭނުމީ މިފަދަ ދިރިއުޅުމެއް ތޯ؟ ސިކުނޑި ދެއްވާފައި ހުރީ ވިސްނާށެވެ. އޭގެ ބޭނުންކުރާށެވެ. ތިމާއަށް ހައްލު ނުކުރެވޭނެ އެއްކަމެއް ވެސް މިންވަރުނުކުރައް ވާނެއެވެ. ހިތްވަރު އެލުވާނުލާށެވެ. ކުރިއަށް ދާށެވެ.” ހިނިތުންވުމަކާއި އެކު އަހަރެން ބުނެލީމެވެ.
(ނިމުނީ)

ކެޓެގަރީ: ކުރުވާހަކަ

Views: 3915

Ahmed Shamil

Report comment

ވަރަށް ފުރިހަމަ

5

2

3 years ago

އީ އެމް

Report comment

އިބްރަތުން ފުރިގެންވާ ވާހަކައެއް!

9

3 years ago

އަފު

Report comment

ވާއު. ވަރަށް ސަޅި. އައި ޓްރައިޑްޓު ޓޭކް މައި ލައިފް ލައިކް ދިސް ވަންސް އެންޑް މިހާރު އައިއެމް ކްރައިއިން މި ކިޔާފަ. ވަރަށް އަސަރު ކޮށްފު

7

3 years ago

ކުޑަކަމަނަ

Report comment

މީ އަސްލު ވާހަކަ އަކީ..

4

1

3 years ago

ޚިޔާލު ފޮނުއްވާ ކެންސަލް



މަސްދަރު

Article Categories:
Stories

Comments are closed.