Views: 5271 99
އިރު މެދުއުޑުގައި ރަސްކަންކުރަމުން ދިޔަ ވަގުތެވެ. ގޭތެރޭގައި ވާ ހޫނުން ސަލާމަތްވުމަށް އަހަރެން ނިކުތީ ބޭރު ޖޯއްޔަށެވެ. ކައިރީގައި ހުރި ކުންނާރުގަހުން ޖޯއްޔަށްވަނީ ހިޔާ އެޅިފައެވެ. މޫނުގައި ބީހިލާފައިދާ މަޑުމަޑު ވައިރޯޅިތަކުން ހިތަށް ފިނިކަމެއް ލިއްބައިދިނެވެ.
ތިން ފޫޓަށް ރާނައިފައިވާ ގޭގެ މަގުފާރުން ބޭރަށް ނަޒަރުހިންގައިލީމެވެ. ސްކޫލުން ނިމިގެން, ކުދިންތައް އެކުދިންގެ ގެއަާދިމައަށް ދާތަން ފެނެއެވެ. ދީފައިވާ ދިލަ އަވިން ރައްކާތެރިވުމަށް އެއްބައިކުދިން ކުޑަ އަޅައިގެން ތިބި އިރު, ބޯ މަތީގައި ފޮތެެއް އަޅައިގެންދާ ކުދިން ވެސް ފެނެއެވެ.
އެއްލި ކަޅިއަކުން އަަހަރެންގެ ލޮލުގައި އަޅައިގަތީ, ހީސަމާސާ ކުރަމުން އައި ޒުވާން ޖޯޑެކެވެ. ލައިގެން ތިބި ޔުނީފޯމްއިންނާ, ކޮނޑުގައި އަޅުވާފައިވާ ދަބަހުން, އެދެކުދިންްް ވެސް އެއަންނަނީ ސްކޫލުންކަން އެނގެއެވެ. ހިޔާކޮޅެއްނުވާ އެ މަގުގައި ހިނގާފައި އަންނައިރު, ހޫނުކަން މިކުދިންނަށް އިހުސާސް ނުވާކަހަލައެވެ. މި މަންޒަރު ފެނުމުން, އަހަންނާއި މާއިދު އެކީގައި އުޅުނު ދުވަސްތައް ހަނދާންވާން ފެށިއެވެ.
އެއީ މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރުންވާނީ ސަތާރަ އަހަރެވެ. އަހަންނާއި މާއިދު ކިޔަވަމުން ދިޔައީ ގްރޭޑް ބާރައިގައި އެއްކުލާހެއްގައެވެ. މާއިދުއަކީ އަހަރެންގެ ބެސްޓްފްރެންޑްއެވެ. ބެސްޓްފްރެންޑްކީ ނަމަވެސް އަހަރެންގެ ހިތުން މާއިދުއަށްވަނީ ޚާއްސަ މަގާމެއްދެވިފައެވެ. އެކަމަކު މާއިދުް ގެ ހިތުގައިވާ އެއްޗެއް ނޭންގޭތީ, މިކަން ހާމަކުރަން ފަސްޖެހެވެނީއެވެ.
ކިޔެވުމުގެ ފޯރީގައި ދުވަސްތައް ދިގުލައިދަމުންގޮސް އަހަރުގެ ފަހު އިމްތިހާން ވެސް ނިމިއްޖެއެވެ. ދެއަހަރު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ވެސް އެހާމެ ފޮންޏެވެ. މި ފޮނިކަން އިތުރުވެގެން ދިޔައީ, އިމްތިހާނުން އަހަރެމެންނަށް ލިބުނު ކާީމިޔާބީ ފާހަގަކޮށް, ސްކޫލުގައި ބޭއްވުނު ވަދާއީ ޕާޓީ ތެރެއިންނެވެ. އެރޭ މާއިދުގެ ހިތުގައި އަހަންނަށް އޮތް ލޯބި ހާމަ ކުރި އިރު, އަހަންނަށް ދެއީދު އެއްފަހަރާ ލައިގަތްކަހަލައެވެ.
މިގުޅުމަށް ތިންއަހަރު ފުރުނު ދުވަހަކީ, އަހަރެން ދުވަހަކުވެސް ހަންދާނުން ފިލައިގެން ދާނެ ދުވަހެއް ނޫނެވެ. ފިނިފެންމަލެއްގެ ބައްޓަމަށް އިން ރަތްކުލައިގެ ފޮށިން ނެގި ރަން އަނގޮޓި އަހަރެންގެ އިނގިލީގައި , މާއިދު އަޅުވައިދިނީ ދުވަހަކުވެސް ވަކިނުވާނެކަމަށް ވަޢުދުވަމުންނެވެ.ހަނދުވަރުގެ ރިހި އަލީގައި ދެކުނުހާ ހުވަފެންތަކާއި, ވަކިނުވާނެކަމަށް ކުރި ވަޢުދުތައް ފުނޑުފުނޑުވެގެން ދިޔައީ, އަހަރެމެން ދެމީހުންނަކީ ތެލެސީމިއާ ކެރިއަރުންކަން އިނގިގެން ދިޔަދުވަހުއެވެ.
އަހަރެންގެ ހިތަށް ހީވީ ރާޅެއްނަގައި ބިންދާލިހެންނެވެ. އެކަމަކު އެވަރަކުން އަހަރެންގެ ހިތްވަރު ދެރައެއްނުކުރަމެވެ. އަދި މާއިދު އަހަންނާއެކީގައި އުޅެންހުރިނަމަ އުޅޭނެ ވާހަކަވެސް ބުނީމެވެ. ނަމަވެސް އަހަރެމެން ދެމީހުންގެ އާއިލާއިން މިގުޅުމަށް ރުހޭނެ އެކަކުވެސް ނެތެވެ.
މާއިދު އޭނާގެ އާއިލާއާ ދެކޮޅަށް މިގުޅުން ކުރިއަށް ގެންދަން ބޭނުންނެތް ވާހަކަ އަހަރެންގާތުގައި ބުންޏެވެ. އެވަގުތު އަހަރެންގެ ހިތް ކުދި ކުދި ވެގެން ދިޔައެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހޮރިގަތެވެ. އަހަންނަށް ވަނީ ދުވަހަކުވެސް މާއިދުމަތިން ހަނދާން ނައްތާނުލެވޭވަރަށް އޭނަ ދެކެ ލޯބިވެވިފައެވެ.
ސިއްސައިގެންގޮސް ކުއްލިއަކަށް އަހަންނަށް ބަލައިލެވުނީ އާނިމް އައިސް އަހަރެންގެ އަތުގައި ހިފާލުމުންނެވެ. އާނިމް އަކީ އާއިލަާގެ އެދުމުގެމަތިން, މީގެ އަހަރެއް ކުރިން އަހަެންނާ ކައިވެނީގެ ގޮތުން ގުޅުނު މީހާއެވެ. އަހަރެންގެ ފިރިމީހާ އެވެ. އާނިމް އަކީ ހިތްހެޔޮއަޅާލާ ފިރިއެކެވެ. އާނިމް ކޮނޑުގައި އަހަރެން ބޯއަޅާލީ, މިގުޅުމައް އެއްވެސް ބުރުލެއް ނާރާނެކަމަށް ހިތާހިތުން ދުޢާކުރަމުންނެވެ.
(ނިމުނީީ)
ކެޓެގަރީ: ކުރުވާހަކަ ލޯބީގެ ވާހަކަ
Views: 5271
ޝަފީ މުޙައްމަދިން
Report comment
ވާހަކަ ވަރަށް ރީތި. އަދި މިއަށްވުރެ ވެސް ރީތި ވާހަކަ އެއް ކިޔާލަން ލިބޭނެ ކަމަށް އުންމީދުކުރަން. ?❤️
10
3 years ago
ނާއި
Report comment
ވަރަށް ރީތި މި ވާހަކަ?
7
4
3 years ago
ހެޔޮއެދޭ ކިއުންތެރިއެއް
Report comment
ވާހަކަ ހުތުރެއް ނޫން. އެކަމަކު އަޅުގަނޑު އެހާ ޝައުޤުވެރިއެއް ނުވި.
ސަބަބު:
#1 ބައެއް ޖުމްލަ ދިވެހިބަހުގަ ހުންނަގޮތަށް ނޫން ގޮތްގޮތަށް ލިޔެފަހުރުން. (މިސާލު؛ “އިނގިގެން ދިއުން”؟؟؟؟) ރަނގަޅުގޮތަކީ އެނގިގެން ދިއުން.
#2 ބައެއް ތަންތަން ވަރަށް ރަނގަޅަށް ސިފަކޮށްދީފައި އަނެއްބައި ތަންތަން އަޅާނުލައި ދޫކޮށްލެވިފައި ހުރުމުން.
އިތުރަށް ބުނެލަން ބޭނުމީ: ލިޔުންތެރިކަން ކުރިއެރުވޭނީ ގިނަ ލިޔުންތަކެއް ލިޔެ އަދި ލިޔުންތެރިކަމުން ނަން ހޮވައިލެވޭ އެހެން ބޭބޭފުޅުންގެ ލިޔުންތަށް ވަގުތުވީ ވަރަކުން ކިޔައިނގެންނޭ.
ނަޖްލާގެ އިތުރު ވާހަކައަކަށް އިންތިޒާރުކުރަން.
ބާއްޖަވެރިކަމާއި ކުރިއެރުމަށް އެދެން.
ޝުކުރިއްޔާ!
33
2
3 years ago
ކުޑަކަމަނަ
Report comment
ވާހަކަ ރީތި. އެކަމަކު ވާހަކަ ހީވަނީ ކުރުގަޅުވާފަ އޮތްހެން…
5
1
3 years ago
ކިޔުން ތެރިއެއް
Report comment
ވަރަށް ރީތި
3 years ago
ާކިޔުންތެރިޔެއް
Report comment
ވަރަށް ރީތި ވާހަކަ. ???
2 years ago
Anonymous
Report comment
ނައިސް ސްޓޯރީ
2 years ago
Naaai
Report comment
Nice
1
2 years ago
Anonymous
Report comment
💖💖💖
6 months ago
ޚިޔާލު ފޮނުއްވާ ކެންސަލް