Feb 19, 2021
166 Views
Comments Off on ދިވާލީގައި އަކްޝޭ އާއި ޝާހިދުގެ ކުރިމަތިލުމެއް
0 0

ދިވާލީގައި އަކްޝޭ އާއި ޝާހިދުގެ ކުރިމަތިލުމެއް

Written by


މި އަހަރުގެ ދިވާލީ އަކީ ބޮކްސް އޮފީހުގައި ބޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރާއި ޝާހިދު ކަޕޫރްގެ ކުރިމަތިލުމަކަށް ދާނެ ކަމެއްކަން ކަށަވަރުވެއްޖެ އެވެ.

ދެ ތަރިން ފިލްމުތަކެއް މިހާރު ވަނީ ދިވާލީ ބަންދާ ދިމާވާގޮތަށް ރިލީޒްކުރާނެކަން ކަށަވަރުވެފަ އެވެ. ޝާހިދުގެ ކުޅިވަރު ފިލްމު “ޖާޒީ” ނޮވެމްބަރު މަހުގެ 5 ގައި ރިލީޒްކުރާނެކަން މިދިޔަ މިދިޔަ މަހުގެ ތެރޭގައި އިއުލާންކޮށްފައި ވަނީ ބުދަ ދުވަހު އަކްޝޭގެ “ޕްރިތުވީރާޖް” ވެސް ހަމަ އެ ތާރީހުގައި ސިނަމާތަކަށް ގެންނަން ނިންމިކަން އިއުލާންކޮށްފައިވެ އެވެ.

މިއީ އެއް ދުވަހެއްގައި ދެ ފިލްމު ރިލީޒްކުރަން ނިންމިޔަސް މިއީ ޖޯންރާގެ ގޮތުން ވަރަށް ތަފާތު ދެ ފިލްމެވެ. ޝާހިދުގެ “ޖާޒީ” އަކީ ކްރިކެޓް ބިނާކޮށް ހަދާފައިވާ ސްޕޯޓްސް ޑްރާމާއެކެވެ. މި ފިލްމަކީ 2019 ގައި ހަމަ އެ ނަމުގައި ރިލީޒްކުރި ތެލެގޫ ފިލްމުގެ ރިމެކެކެވެ. ދެ ފިލްމުގެ ވެސް ޑައިރެކްޓަރަކީ ގޯތަމް ތިނައްނޫރީ އެވެ.

“ޖާޒީ” އިން ޝާހިދާ އެކު އޭނާގެ ބައްޕަ ޕަންކަޖް ކަޕޫރާއި މުރްނާލް ތާކޫރް ވެސް ފެންނާނެ އެވެ.

މި ފިލްމަކީ 2019 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު “ކަބީރް ސިންގް” އަށް ފަހު ރިލީޒްވާކުރާ ޝާހިދުގެ ފުރަތަމަ ފިލްމެވެ. ޝާހިދުގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމުގެ ގޮތުގައި ފާހަގަކޮށްލެވޭ އެ ފިލްމަކީ އޭނާގެ އެކްޓިން އަށް ވަރަށް ގިނަ ބަޔަކު ތައުރީފު ވެސް ކުރި ފިލްމެކެވެ. “ކަބީރް ސިންގް” އަކީ 2018 ގެ ތެލެގޫ ފިލްމު “އަރުޖުން ރެޑީ” ގެ ރިމެކެކެވެ.

އަކްޝޭގެ “ޕްރިތުވީރާޖް” އަކީ އިންޑިއާގެ ކުރީގެ ރަސްކަލެއް ކަމަށްވާ ޕްރިތުވީރާޖް ޗޯހާންގެ ވާހަކަ ކިޔައިދޭ ތާރީހީ އެކްޝަން ޑްރާމާއެކެވެ. އަކްޝޭ ޓައިޓްލް ރޯލުން ފެންނާނެ މި ފިލްމަކީ ޔާޝްރާޖް (ވައިއާރްއާއެފް) އިން ޕްރޮޑިއުސްކޮށް، ޗަންދުރަޕްރަކާޝް ދިވެދީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު ވެސް މެ އެވެ.

ބޮޑު ބަޖެޓަކުން ހަދާފައިވާ “ޕްރިތުވީރާޖް” ގެ ކާސްޓްގައި ސަންޖޭ ދަތާއި ސޯނޫ ސޫދާއި ސާކްޝީ ތަންވަރު އަދި އަޝުތޯޝް ރާނާ ފަދަ ތަރިން ހިމެނެ އެވެ.

“ޖާޒީ” އާއި “ޕްރިތުވީރާޖް” އެއް ދުވަހެއްގައި ރިލީޒްކުރަން ނިންމި ނަމަވެސް ޖޯންރާގެ ގޮތުން ވަރަށް ތަފާތު ދެ ފިލްމަށްވާތީ ވިޔަފާރި އަށް މާ ބޮޑު އަސަރެއްނުކުރާނެ ކަމަށް ފިލްމީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އެކަމަކު މަޝްހޫރު ދެ ތަރިއެއްގެ ފިލްމުތަކެއް އެއް ދުވަހެއްގައި ރިލީޒްކުރުމަކީ އަބަދު ވެސް ބޮލީވުޑްގައި ވަރަށް ކޯޅުން ބޮޑު ކަމެކެވެ.

އަނެއްކާ މި ދަނޑިވަޅަކީ ކޮވިޑްގެ ބޮޑު ބަލިމަޑުކަމަށް ފަހު މަޑުމަޑުން ސިނަމާތަކުގެ ވިޔަފާރި ހިނގައިގަންނަން ފަށާފައިވާ ވަގުތަކަށްވެފައި އެއް ދުވަހެއްގައި ބޮޑު ދެ ފިލްމެއް ރިލީޒްކުރަން ނިންމުން ނުކުންނާނެ ނަތީޖާ އަކީ ކޮބައިތޯ ބެލުމަކީ ވެސް ޝައުގުވެރި ކަމަކަށް ވާނެ އެވެ.

މި އަހަރުގެ ފިތުރު އީދަކީ ސަލްމާން ޚާނާއި ޖޯން އަބްރަހަމް ވެސް ބޮކްސް އޮފީހުގައި ވާދަކުރާނެ ދުވަހެކެވެ. ސަލްމާންގެ “ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ” އާއި ޖޯންގެ “ސަތިއަމޭވް ޖަޔަތޭ” ރިލީޒްކުރާނީ މެއި 14 ގަ އެވެ.





Source link

Article Categories:
Entertainment

Comments are closed.