Feb 20, 2021
148 Views
Comments Off on ހުރި ގޮތް
0 0

ހުރި ގޮތް

Written by


Views: 3403 33

ސިއްސައިގެންގޮސް ހޭލެވުނީ ޖެހިގެން ހުރި ގޭގެ ދެމަފިރިންގެ މާނަފުން ބަސްތަކުން ލޯބީގެ ޝުޢޫރު ފާޅުކުރާ އަޑަށެވެ. މިގޮތަށް އަހަރެންގެ ރޭގަނޑުގެ ނިދި ގެއްލުމަކީ އާންމުކަމެކެވެ. ހައްލު ނުގެނެވިފައިވާ ބޮޑު ބޮލުގެ ރިހުމެކެވެ. ކުރާނީ ފަހެ ކީއްހެއްޔެވެ. އެވެސް ލޯތްބެވެ. އެމީހުންގެ ލޯބި އެކަކު އަނެކަކަށް އަންގައިދޭ ގޮތްކަމުކައި ވެދާނެއެވެ. މިގޮތަށް އަހަރެންގެ ރޭގަނޑުގެ ނިދި ގެއްލުމަކީ އާންމުކަމެކެވެ.
ހަމަ ނިދި ނުލިބުމުގެ ސަބަބުން މޫޑު ސަކަރާތްވެފަ ހުރިވަރުން ފިރިމީހާ ކައިރީގަ ނެތްކަންވެސް ރޭކާލީ އެނދުގައި ދެކޮޅަށް ފުރޮޅިލި ފަހުންނެވެ. މިހާ ދަންވަރުވެސް ފިރިމީހާ އަހަރެން އެކަނި ދޫކޮށްލާފައި ދާނީ ކޮންތާކަށްކަން އަހަންނަށް ހަމަ ރަނގަޅަށް އެނގެއެވެ. ކުރެވޭނެ އިތުރު ކަމެއް ނެތުމުން ހިތާހިތާ ކުނޑިކިޔާލެވުނެވެ. އިތުރު މާޔޫސްކަމާއެކު، މިރޭ އިތުރަށް އެންމެ ލޮލުފިޔައެއްވެސް ނުޖެހޭނެކަން ޔަގީންވާތީ، އެނދުން ތެދުވެގެން ގޮސް ބެލްކަނީގެ ކުޑަދޮރު ހުޅުވާލީމެވެ. ކާރޫބާރު މަގުތަކަށް ކޮންމެވެސް ވަރެއްގެ ހަމަހިމޭންކަމެއް އައިސްފައިވެއެވެ. އުޑުމަތި ސާފު ރެއެއްކަމުން ތަރިތަކުގެ އަލިން އުޑުމަތި ވަނީ ދިއްލިފައެވެ. ހިތުގައި ކުޑަރިހުމެއް އުފެދުނީ މިކަހަލަ ހަނދުވަރުދޭ ރޭތަކުގައި ފިރިމީހާއި ދެމީހުން ހޭދަކުރި އުފާވެރި ވަގުތުތައް ހަނދާންވުމުންނެވެ. މެންދުރެއް ދަންވަރެއް ބެލުމެއް ނެތި ކިތަންމެ ބިޒީކޮށް އުޅުނަސް ވަގުތު ހޯދައިގެން ދުއްވަންދާ ހަނދާންވުމުންނެވެ. ބައެއްފަހަރު ޖެހިގެން ހުރި ގޭގައި އުޅޭ ދެމަފިރިންގެ ކޯޅުންތައް ލޯބީގެ ގޮތުގައި ސިފަކުރެވެނީ އެގޮތަށް ޒުވާބުކުރަން ނަމަވެސް އޭނާގެ ފިރިމީހާ ކައިރީގައި ހުންނާތީއެވެ.
މާޔޫސްކަމާއެކު ކޮޓަރިތެރެއަށް ވަންނަން ހިނގައިގަތް ވަގުތު ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ޤަބޫލުކުރަން ދަތިވެގެން ލޯ އުނގުޅާލީމެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކުޑަމޭޒު މަތީގައި ބާއްވާފައިވާ ތާޒާ ރަތް ފިނިފެންމާ ނަގައި ބޮސް ދިނީމެވެ. އަދިވެސް އަހަރެމެންގެ ލޯތްބަށް ބަދަލެއްނާންނަ ކަމަށް ހިތަށް ވިސްނައިދެމުން މަލާއި އެކުގައިވާ ނޯޓު ކިޔަން ފެށީމެވެ. އެއީ ދެވަނަ މީހެއްނޫނެވެ، އަހަރެންގެ ފިރިމީހާ ނިޝާންގެ ލިޔުމެވެ.
ލޯބިން ގަތާފައި އޮތް ބަސްކޯނީގެ ތެރެއިން ވެސް އަހަންނަށް ފާހަގަވީ އޭނާގެ ބަންޑާރަ އުޒުރެވެ. ކިތަންމެ ފަށުވި ކުރަން އުޅުނުކަމަށް ވިއަސް ހަމަ ވާނީ އެއްގޮތެވެ.
ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން އަވަސް އަވަހަށް ބެލްކަންޏަށް ނުކުތީމެވެ. ޝައްކު ޔަޤީނަށް ބަދަލުވިއެވެ. މިއޮއް ހުރިހާ ދުވަހު ބުރަމަސައްކަތުން ހެއްދި ފިނިފެންމާގަސް ހުރީ ނޮޅާލާފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އައި ރުޅިން ދާގޮތަށްގޮސް ގުދަނުގައި ހުރި ޑޮލަރު ގޯނި މަގުމައްޗަށް އޮއްސާލާފައި ދިވެހިރާއްޖޭގެ ހުރިހާ މީޑިއާތަކެއް ގެނެސް މަގުމެދުގައި ބޮޑު ޕްރެސް ކޮންފަރެންސް އެއް ބާއްވާނަމޭ ހިތައް އެރިއެވެ. ބެލްކަނިން ނުކުންނަން ނެގި ފައި އެޅުނުގޮތުން ކައްސާލައިގެން ގޮސް އަނގަވަތަށް ވެއްޓިއްޖެއެވެ.
ސިއްސައިގެން ހޭލެވުނީ ތަޅުންގަނޑު މައްޗަށް ވެއްޓުމުންނެވެ. ވީ ތަދުން “އައްދިއްޔޯއި” އޭ ބުނެލެވުނެވެ. މި ފެނުނީ ހުވަފެނެއްކަން ރޭކާލީ ދެނެވެ. އޭރުވެސް ނިޝާން އެނދުމަތީގައި އަރާމުކޮށް ނިދާލާފައި އޮތެވެ. ދުމަށް ބަޑިއެއް ޖެހިއަސް އޭނާ އެއް ނުހޭލާނެއެވެ. ރިޝްވަތުން ފުރާލާފައިވާ ސިނގުބަނޑު ދެކެ ކިތަންމެ ފޫހި ވިއަސް އަހަންނަށް މިނޫންގޮތެއް ނެތެވެ. އެއީ އެންމެންގެ ކުރިމަތީގައި އެންމެ އިޙްލާސްތެރި ޞާލިހް ނަޒާހަތްތެރި ވެރިޔާއެވެ.
(ނިމުނީ)

ކެޓެގަރީ: ކުރުވާހަކަ

Views: 3403

ކުޑަކަމަނަ

Report comment

ހަހަހަހަ.. ސަޅި

2

2

3 years ago

ނަހޫ

Report comment

ހިހިހިިިި

3

2

3 years ago

މާޒް

Report comment

👎

2

2

5 months ago

ޚިޔާލު ފޮނުއްވާ ކެންސަލްމަސްދަރު

Article Categories:
Stories

Comments are closed.