Feb 21, 2021
160 Views
Comments Off on ފިރިމީހާ މަރުވިތާ އެއް ދުވަސް ފަހުން އަނބިމީހާ ވެސް މަރުވެއްޖެ
0 0

ފިރިމީހާ މަރުވިތާ އެއް ދުވަސް ފަހުން އަނބިމީހާ ވެސް މަރުވެއްޖެ

Written by


ބަލި އެނދުގައި 10 އަހަރު އޮތުމަށް ފަހު ހާލު ސީރިއަސްވެ ގދ. ގައްދޫން އިއްޔެ ހެނދުނު މަރުވި 93 އަހަރުގެ މީހާގެ އަނބިމީހާ ވެސް މިރޭ މަރުވެއްޖެ އެވެ.

ފިރިމީހާ އިއްޔެ މަރުވީ ގދ. ތިނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށެވެ. އުމުރުން 81 އަހަރުގެ އަނބިމީހާ މަރުވީ އެނގިފައިވާ ގޮތުގައި ތިނަދޫ ހޮސްޕިޓަލަށް މިރޭ ގެންދިއުމުގެ މަގުމަތީގަ އެވެ.
އަންހެން މިހާ ވެސް ތަފާތު އެކި ބަލިތަކުގައި ނުތެދުވެވި އޮންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. ވެކްސިން ޕްރޮގްރާމްގައި އެންމެ އިސްކަންދީގެން ވެކްސިން ޖަހާ ކެޓަގަރީގައި ހިމެނޭ މި ދެމަފިރިންނަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ދިނީ މިދިޔަ ބުދަ ދުވަހެވެ. ވެކްސިނަށް ފަހު، ހުން އައުން ފަދަ ވެކްސިންގެ ސައިޑް އިފެކްޓްސް ދެ މީހުންނަށް ވެސް ކުރިމަތިވި ކަމަށް ވެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ދެމަފިރިން މަރުވި ސަބަބު ދެނަގަތުމަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ކުރިން ވެސް ފިރިހެންމީހާގެ މަރު އައީ ތަހުގީގު ކުރަމުންނެވެ.
“އަޅުގަނޑުމެން މި ދެ ކޭސްއަށް އިތުރު އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދާ ކަމަށް މި ފުރުސަތުގައި ފާހަގަކޮށްލަން،” ނާސިރު ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދެމުން އަންނަނީ ޑަބްލިއުއެޗްއޯގެ ވެސް ހުއްދަ ލިބިފައިވާ އޮކްސްފޯޑުގެ ކޮވިޝީލްޑް ވެކްސިނެވެ. އެކި އުމުރުފުރައިގެ 70،000 އަށް ވުރެން ގިނަ މީހުންނަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް މި ވެކްސިން ރާއްޖޭގައި ވަނީ ދީފަ އެވެ.
އެހެން ވެކްސިނެކޭ އެއްގޮތަށް މި ވެކްސިން ޖެހުމުން ބައެއް މީހުންގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. އެކަމަކު އަނެއް ބައެއްގެ ބޮލުގައި ރިއްސުމާއި ބޯއެނބުރުމާއި ހުން އައުމާއި ހޮޑުލެވުން އަދި ގައިގައި ރިއްސުން ފަދަ ކަންކަން ކުރިމަތިވާ ކަމަށް ވެކްސިނޭޝަން ޕްރޮގްރާމްގައި އިސްކޮށް އުޅުއްވާ ޑރ. ނަޒްލާ މުސްތޮފާ މިރޭ ވެސް ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ވެކްސިން ދިނުމުން ކުރިމަތިވާ ކަންކަން ބެލުމަށް ޚާއްސަ ކޮމިޓީއެއް އޮވެ އެވެ. ސީދާ ވެކްސިނާ ގުޅިގެން ދިމާވާ ކަމެއް ނޫނަސް 70،000 މީހުންނަށް މިހާތަނަށް ވެކްސިން ދެވިފައިވާ އިރު އިއްތިފާގުން ދިމާވާ ކަންކަން ވެސް ހުންނާނެތީވެ އެ ހުރިހާ ކަމެއް ބެލުމަށް ނަގާފައިވާ ކޮމިޓީގައި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާއި އެމްއެންޔޫގެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
“ކޮންމެ ޑެތެއް ވެސް ބަލާގޮތަށް [އޮންނަނީ،] ލިޔެކިޔުން ލިބިގެން އެކަން ކުރިއަށް ދާނެ،” ނަޒްލާ ވިދާޅުވި އެވެ.



Source link

Article Categories:
News

Comments are closed.