ޝަޙާދަތުގެ ދެ ކަލިމަ ކިޔާ އިސްލާމް ވުމަށްފަހު، އެންމެ އިސްކަމެއް ދޭންޖެހޭ އަޅުކަމަކީ ނަމާދެވެ. ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ސުވާލު ކުރެވޭ ޢަމަލަކީވެސް ނަމާދެވެ. މި ހުރިހާ ކަމަކުންވެސް ނަމާދަށް އިސްލާމްދީނުގައި ދެވިފައިވާ އަޙައްމިޔަތުކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.ނަމަވެސް އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަށް ނަޒަރު ހިންގާލުމުން ފެނިގެންދަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. ފެންނަމުންދަނީ، މި މަތިވެރި އަޅުކަމަށް މީހުން ޣާފިލްވެފައިވާ މިންވަރެވެ. ޚާއްސަކޮށް ޒުވާނުން ނަމާދު ކުރުމަށް ދޭ ސަމާލްކަން ހުންނަނީ ކަންބޮޑުވާ މިންވަރަށް ދަށުގައެވެ. އަޅުގަނޑުމެންނަށް ފެނިގެންދަނީ، ނަމާދު ވަޤުތު އަޅާފައި ހޮޓާ ރެސްޓޯރަންޓްތަކުގައި ކޮފީ ބޯންތިބޭ މަންޒަރެވެ. ނުވަތަ އަމިއްލަ މަސައްކަތުގައި މަޝްޢޫލުވެ އުޅޭ މަންޒަރެވެ. ގޭމް ކުޅުމާއި ފިލްމް ސީރީޒްތައް ބެލުމުގައި ރޭގަނޑުގެ ބޮޑުބައި ހޭލާ އިނުމަށްފަހު، ފަތިސް ނަމާދު އަޅާފައި ނިދަން އޮންނައިރު އުޚްރަވީ ޙަޔާތާމެދު އެއްވެސް ޚިޔާލެއް ފިކުރެއްނެތެވެ.

Article Categories:
Religion