Feb 22, 2021
210 Views
Comments Off on އާސެނަލް ބަލިކޮށް ސިޓީން ލީޑު ދަމަހައްޓައިފި
0 0

އާސެނަލް ބަލިކޮށް ސިޓީން ލީޑު ދަމަހައްޓައިފި

Written by


ލަންޑަން (ފެބްރުއަރީ 22) – އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްގެ މައްޗަށް 1-0 އިން ކުރިހޯދައި މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 25 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ. ލެސްޓާ ސިޓީން ރޭ އެސްޓަން ވިލާ 2-1 އިން ބަލިކޮށް ދެ ވަނަ އަށް އެރި އެވެ. އެކަމަކު ރޭ ފަހުން ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 3-1 އިން ކުރިހޯދައި މެންޗެސްޓާ ޔުނައިޓެޑް ވަނީ އަލުން ދެ ވަނަ އަށް ޖެހިލައިފަ އެވެ. ޔުނައިޓެޑާއި ލެސްޓާ އަށް ވެސް 25 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. ޔުނައިޓެޑް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ރޭގެ މެޗުގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ މިނިޓްގައި ސިޓީ އަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. ރިޔާދު މާރޭޒް އަރިމަތިން ނަގައިދިން ހުރަހަކުން ސްޓާލިން މި ގޯލު ޖެހީ ބޮލުންނެވެ. ސިޓީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ސްޓާލިން އަށް ލިބުނު ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތުގެ ބޭނުމެއް ނުހިފުނުއިރު، އިލްކާއި ގުންޑޮގާން ޖެހި ބޯޅަ އާސެނަލްގެ ކީޕަރު ބާން ލޭނޯ ވަނީ މަތަކޮށްފަ އެވެ. އަދި ކެވިން ޑިބްރޭނާ އާއި ޔާއޯ ކަންސޭލޯ ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.
ނަތީޖާ ހަމަހަމަކުރަން އާސެނަލުން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެ ޓީމުގެ ޒުވާން ތަރި ބުކާޔޯ ސަކާ އާއި ވިންގް ނިކޮލަސް ޕެޕޭ އަދި ޕިއޭ އެމެރިކް އޮބާމަޔަން އަށް ލިބުނު ބޯޅަތަކުގެ ބޭނުން ރަނގަޅަށް ނުހިފުނެވެ.
ރޭގެ ނަތީޖާއާ އެކު ސިޓީން ޖެހިޖެހިގެން 18 މޮޅު ހަމަކޮށްފައިވާއިރު، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެހާ ގާތްގާތުގައި މެޗުތައް ކުޅެން ޖެހިފައިވާ ސީޒަނެއްގައި އޭނާގެ ޓީމުން މި ވަރުގެ މޮޅުވުމުގެ ރެކޯޑެއް ދަމަހައްޓަމުން އަންނާތީ ހައިރާންވާ ކަމަށެވެ.
“އަހަރެން މި ހުރީ ހައިރާންވެފައި. ދުނިޔޭގެ ކޮންމެ ދިމާލެއް ބަލާލިޔަސް މި ފެންނަނީ ހާސްކަން. އެކި ލީގުތަކުގެ ޓީމުތަކުން ވެސް އަންނަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހި ޕޮއިންޓްތައް ގެއްލެމުން. އެކަމަކު އަހަރެމެން މިދިޔަ ދެ މަހު މިހާ ފުރިހަމަކޮށް އޮތުމުން އަހަރެން މި ހުރީ ވަރަށް އުފަލުން،” ގާޑިއޯލާ ބުންޏެވެ.
ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި މާކަސް ރެޝްފޯޑް އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ނިއުކާސަލް އަށް އެއްވަރުކޮށްދިނީ ސެއިންޓް-މެކްސިމެއިން އެވެ. ޔުނައިޓެޑް މޮޅުވި ގޯލުތައް ޖެހީ ޑެނިއަލް ޖޭމްސް އާއި ބްރޫނޯ ފެނާންޑޭސް އެވެ.
ޓޮޓެންހަމް ރޭ ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-1 އިން ބަލިވެފަ އެވެ. މިކޭލް އެންޓޯނިއޯ އާއި ޖެސޭ ލިންގާޑްގެ ގޯލުތަކުން ވެސްޓް ހޭމް ލީޑުނަގާފައިވަނިކޮށް ޓޮޓެންހަމްގެ ގޯލު ޖެހީ ލޫކަސް މޯރާ އެވެ.
ހޯސޭ މޮރީނިއޯ އަތުން ހޯދި ފުރަތަމަ މޮޅާ އެކު ޑޭވިޑް މޮއިސްގެ ވެސްޓް ހޭމް ވަނީ ލީގުގެ ހަތަރަކަށް ޖެހިލައިފަ އެވެ. އެއީ 25 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް އޮތީ 24 މެޗުން 36 ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގަ އެވެ. އާސެނަލް 10 ވަނައިގައި އޮތީ 25 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ.Source link

Article Categories:
Sports

Comments are closed.