Feb 22, 2021
119 Views
Comments Off on މިލާން ބަލިކޮށް އިންޓަ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
0 0

މިލާން ބަލިކޮށް އިންޓަ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

Written by


މިލާން (ފެބްރުއަރީ 21) – އިޓާލިއަން ލީގުގައި މިރޭ ވާދަވެރި އޭސީ މިލާން 3-0 އިން ބަލިކޮށް އިންޓަ މިލާނުން އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަަގައިފި އެވެ.

އިންޓަ އެއް ވަނައިގައި އޮތީ 23 މެޗުން 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މިލާނަށް 23 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. ތިން ވަނައިގައި ރޯމާ އޮތީ 22 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ލާޒިއޯ އިން 43 ޕޮއިންޓް ހަމަކުރީ 23 މެޗު ކުޅެގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ފަސް ވަނައިގައި އޮތީ 21 މެޗުން 42 ޕޮއިންޓާ އެކު އެވެ.
އިންޓަ އިން ލީޑުނެގީ މެޗުގެ ފަސް ވަނަ މިނިޓްގައި ލަޓާރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. ރޮމެލޫ ލުކާކޫ ނަގައިދިން ހުރަހަކުން މާޓިނޭޒް މި ގޯލު ޖެހީ ބޮލުންނެވެ. މިލާނަށް އެއްވަރުކޮށްދޭން ޒަލަޓާން އިބްރާހިމޮވިޗާއި ތިއޯ ހެނާންޑޭޒް ރަނގަޅު ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ.
ލީޑުފުޅާކުރަން އިންޓަ އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 57 ވަނަ މިނިޓްގަ އެވެ. އިންޓަ އިން އުފެއްދި ރަނގަޅު އެޓޭކެއްގައި އިވާން ޕެރިސިޗް އޭރިއާތެރެއިން ހުސްކޮށްލާފައި ދިން ބޯޅަ މާޓީނޭޒް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އިންޓަގެ ލުކާކޫ (ކ) މިލާން ގޯލަށް ބޯޅަ ފޮނުވާލަނީ.– ފޮޓޯ: އޭއެފްޕީ

ލުކާކޫ އިންޓަގެ ފަހު ގޯލު ޖެހީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ. މި ގޯލާ އެކު ލުކާކޫ ވެފައިވަނީ 1950 ވަނަ އަހަރަށް ފަހު މިލާން ދެ ޓީމުގެ ކުރިމަތިލުންތަކުގައި ޖެހިޖެހިގެން ހަތަރު މެޗުގައި ލަނޑު ޖެހި ފުރަތަމަ އިންޓަގެ ކުޅުންތެރިޔާ އަށެވެ. އެ ފަހަރު ހަތަރު މެޗުގައި ލަނޑު ޖެހި ކުޅުންތެރިއަކީ ބެނީޓޯ ލޮރެންޒީ އެވެ.
އެންމެ ފަހުން އިންޓަ އާއި މިލާން އިޓާލިއަން ލީގުގެ ކުރީގައި އޮވެގެން މެޗަކަށް ނުކުތީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. މިލާނުން 3-0 އިން އިންޓަ ބަލިކޮށް އެ ފަހަރުގެ ލީގު ޗެމްޕިއަންކަން ހޯދި އެވެ. މި ފަހަރު އެ ނަތީޖާ އިން އިންޓަ މޮޅުވެފައިވާއިރު، މި ފަހަރުގެ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އިންޓަ އަށް ބޮޑު ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގަބޫލުކުރެ އެވެ.
އިންޓަ އިން އެންމެ ފަހުން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދީ 2010 ވަނަ އަހަރު ހޯސޭ މޮރީނިއޯ އެ ޓީމުގެ ކޯޗަކަށް ހުރިއިރު އެވެ.Source link

Article Categories:
Sports

Comments are closed.