Feb 23, 2021
114 Views
Comments Off on އެއް ކޮޓަރީގެ ފްލެޓްތައް ނެގީ ބޮޑު އަގުގައި ވިއްކަން: ޝިޔާމް
0 0

އެއް ކޮޓަރީގެ ފްލެޓްތައް ނެގީ ބޮޑު އަގުގައި ވިއްކަން: ޝިޔާމް

Written by

[bsa_pro_ad_space id=2]

ހިޔާ މަޝްރޫއުގައި ސަަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން އަޅާފައިވާ އެއް ކޮޓަރީގެ ފްލެޓްތައް ނެތް ކަމަށް ބުނެ ސަރުކާރުން މިހާރު އެ ފްލެޓްތައް ބޮޑު އަގުގައި ވިއްކަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

އެއް ކޮޓަރީގެ ފްލެޓްތަކަށް ސަރުކާރުން ހެދި ގޮތް ސާފުކޮށްދިނުމަށް ގޮވާލައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޝިޔާމް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި އޭނާ ވިދާާޅުވީ އެތަންތަން ބޮޑު އަގުގައި ވިއްކަނީ ސަރުކާރުގެ ކުންފުނިތަކާ ވާހަކަ ދައްކައިގެން ކަމަށެވެ. އެއީ ދައުލަތަށް އާމްދަނީ ނުލިބޭތީ ކުރާ ކަމެއް ކަމަށް ވެސް އެނާ ތުހުމަތުކުރެއްވި އެެވެ.
ޝިޔާމް އެހެން ވިދާޅުވި ނަމަވެސް “މިހާރު”އަށް އެނގިފައިވާ ގޮތުގައި އެއް ކޮޓަރީގެ ފްލެޓްތައް ދިނީ އިމާރާތްތައް ހެދި ކުންފުނިތަކުގެ މުވައްޒަފުންނަށެވެ. އެއްވެސް ކުންފުންޏަކުން ބޮޑު އަގުގައި ފްލެޓްތައް ވިއްކިކަން ނުވަތަ ވިއްކަން އުޅޭކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެތަންތަން އިމާރާތްކުރަން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ބިން ދިނީ، އެއިން ކޮންމެ ތަނެއްގައި އެއް ކޮޓަރީގެ ފްލެޓްތައް ހަދައި ސީދާ ސަރުކާރާ ހަވާލުކުރާ ގޮތަށެވެ.
ނަމަވެސް މިހާރުގެ ޕްލޭނިން އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ އެމްޑަބްލިޔުއެސްސީގެ އިމާރާތުން ނޫން އެހެން ތަނަކުން އެއް ކޮޓަރީގެ ފްލެޓް ނެތް ކަމަށެވެ. އެމްޕީއެލް އާއި އެމްއޭސީއެލް ފަދަ ކުންފުނިތަކުން ހަދާފައިވާ ޓަވަރުތަކުގައި ވެސް އެއް ކޮޓަރީގެ ފްލެޓްތައް ހުރިއިރު އަސްލަމްގެ އެ ވާހަކައަކީ ދޮގެއް ކަން އެނގެ އެވެ.
އެއް ކޮޓަރީގެ ފްލެޓްތަކުގެ މައްސަލާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ އެހެން ތުހުމަތެއް ވެސް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކުން ގެންދާ ލިސްޓެއްގައިވާ މީހުންނަށް އެއް ކޮޓަރީގެ ފްލެޓް ދެމުން ގެންދާ ކަމަށެވެ.
“އެއް ރޫމްގެ އެޕާޓްމަންޓްތައް ބޭނުންވެގެން އެތައް ޒުވާނުންތަކެއް ތިއްބާ ދައުލަތަށް އާމްދަނީ ނުލިބޭތީ، އެސްއޯއީތަކާ އެކީގައި ސަރުކާރުން ވާހަކަ ދައްކައިގެން، އެ ފްލެޓްތައް ބޮޑު އަގުގައި ވިއްކޭނެ އިންތިޒާމެއްގެ ތެރެއިން މިހާރު އެއް ކޮޓަރީގެ އެޕާޓްމަންޓްތައް ވިއްކަމުން އެދަނީ،” ޝިޔާމް ވިދާޅުވި އެވެ.
މަޖިލީހަށް އޭނާ ހުށަހެޅުއްވި ގަރާރުގައި ބުނީ އެއް ކޮޓަރީގެ ފްލެޓް ނެތް ކަމަށް ހައުސިން މިނިސްޓަަރު މުހައްމަދު އަސްލަމް ފުރަތަމަ ވިދާޅުވެ، އޭގެ ފަހުން 36 ފްލެޓް ލިބެން ހުރި ކަމަށް ވިދާޅުވި ކަމަށެވެ. އެހެންކަމުން ކަން ކުރި ގޮތް ސާފުވާން ރައްޔިތުން ބޭނުންވާ ކަަމަށް ވިދާޅުވެ، އެ ތަފްސީލުތައް ލިއުމުން ދެއްވަން ވެސް އޭނާ ގޮވާލެއްވި އެވެ.
އެއީ “ދިވެހި ޒުވާނުންގެ އުއްމީދާ ގުޅިފައިވާ ކަމެއް ކަމުގައި ވާއިރު، މި ފްލެޓްތަކަކީ ކުރީ ސަރުކާރުން އެ ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓް ލިއުން ވެސް ދީފައިވާ ފްލެޓްތަކަކަށް ވާއިރު މި ފެލެޓްތަކާ މެދު މި ސަަރުކާރުން ކަންކުރި ގޮތަކީ ދިވެހި ރައްޔިތުން އެކަމާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމެއް،” ކަމަށް ގަރާރުގައި ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ހުށަަހެޅުއްވި ގަރާރުގެ ބަހުސްގައި ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓް ލިބޭނެ ކަމުގެ ލިއުން ކުރީގެ ސަރުކާރުން ދިނީ އެތަންތަން އަޅަން އެސްއޯއީތަކާ ހަވާލުކޮށްފައި ކަމަށެވެ. ނަަމަވެސް އެ ކުންފުނިތަކުގައި އެ ގާބިލުކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

[bsa_pro_ad_space id=1]

Source link

Article Categories:
News

Comments are closed.