Feb 25, 2021
83 Views
Comments Off on ކޮވިޑުގެ މި ހާލަތުގައި އިދިކޮޅުން މުޒާހަރާކުރާތީ އެޗްއާރުސީއެމުން ކަންބޮޑުވެއްޖެ
0 0

ކޮވިޑުގެ މި ހާލަތުގައި އިދިކޮޅުން މުޒާހަރާކުރާތީ އެޗްއާރުސީއެމުން ކަންބޮޑުވެއްޖެ

Written by

ކޮވިޑު-19 ގައި އެތައް ބަޔަކު މަރުވަމުންދާ މި ހާލަތުގައި ކަމާބެހޭ އިދާރާތަކުގެ މިންގަނޑުތަކާ ހިލާފަށް މާލޭގައި މުޒާހަރާ ކުރާތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކަންބޮޑުވެއްޖެ އެވެ.

އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާއެކު، އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގަކަށް ވިޔަސް ބަލިން ރައްކާތެރިވުމަށް އަޅަން ޖެހުނު ފިޔަވަޅުތަކާއެކު، އެ ހައްގުގެ ބޭނުން ކުރަމުން އައިގޮޮތް ވެސް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.
އެޗްއާރުސީއެމުން ބުނިގޮތުގައި މި ފަދަ ދަނޑިވަޅެއްގައި ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ ހައްގެއް ކަމަށް އެ ކޮމިޝަނުން ގަބޫލުކުރެ އެވެ. އެއާއެކު، އެއީ ދައުލަތުގެ ކަމާބެހޭ މުއައްސާތަކާއި ތަންފީޒީ އިދާރާތަކުން ވެސް އިހުތިރާމު ކުރަންޖެހޭނެ ހައްގެއްކަން ފާހަގަކުރި އެވެ.
“ނަމަވެސް، އާއްމު ސިއްހަތުގެ ނުރައްކަލުގައި މުޅި ދުނިޔެ އޮތް މި ދަނޑިވަޅުގައި ރާއްޖެއިން ވެސް ކޮވިޑް-19 ޖެހިގެން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު މި ހާލަތުގައި، ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ ހިލާފަށް އެއްވެ އުޅުމާއި މުޒާހަރާ ކުރުމަކީ މި ކޮމިޝަނުން އިންތިހާ އަށް ކަންބޮޑުވާ ކަމެކެވެ،” އެޗްއާރުސީއެމްގެ ބަޔާނުގައި ވެ އެވެ.
އެ ކޮމިޝަނުން ބުނީ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތައް އެޗްއާރުސީއެމުގެ ޓީމުތަކުން މޮނީޓާކޮށް ބަލާ ކަމަށެވެ. މުޒާހަރާގެ ބައެއް ބައިވެރިން އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުނުކުރާ ކަމަށް ވެސް ބުންޏެވެ.
“މި ކަމުގެ ސަބަބުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އިތުރުވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭތީ، އެއް އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގު ބޭނުންކުރުމުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ތަބާވެ، ގައިޑްލައިންތަކާ އެއްގޮތަށް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މި ކޮމިޝަނުން ނަސޭހަތްތެރިވެ އިލްތިމާސްކުރަމެވެ،” ބަޔާނުގައި ބުންޏެވެ.
އެ ބަޔާން ނިންމާލާފައިވަނީ މުޒާހަރާ ރޫޅާލުމުގެ ކަންކަން ފުލުހުން ކުރާއިރު، ގަވައިދާއި އުސޫލުތަކާ އެއްގޮތަށް ބާރުގެ ބޭނުންކުރުމާއި މުޒާހަރާ މޮނީޓާ ކުރާ ނޫސްވެރިންނަށް ބޭނުންވާ ރައްކާތެރިކަން ވެސް ކަށަަވަރު ކޮށްދިނުމަށް އިލްތިމާސްކުރަމުންނެވެ.
ކޮވިޑު ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭ އިން ވަނީ އެއްފަހަރާ 10 މީހުންނަށް ގިނައިން ބޭރަށް ނުނިކުންނަށް އަންގައިފަ އެވެ. އޭގެ އިތުރުން ގައިދުރުކަން ބެހެއްޓުމާއި މާސްކު އަޅަން މަޖުބޫރުކޮށްފައި ވެ އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށާއި ހިޔާ ފްލެޓުތައް ބެހިގޮތާ މެދު ހިތްހަމަނުޖެހިގެން މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާތައް ރޫޅާލުމުގައި ނޫސްވެރިންނަށް އަނިޔާ ލިބިފައި ވެ އެވެ.

Source link

Article Categories:
News

Comments are closed.