Feb 25, 2021
98 Views
Comments Off on އިންގްލެންޑަށް ނޫނެކޭ ބުނެ މުސިއާލާ ޖަރުމަނަށް
0 0

އިންގްލެންޑަށް ނޫނެކޭ ބުނެ މުސިއާލާ ޖަރުމަނަށް

Written by

މިއުނިކް (ފެބްރުއަރީ 25) – އިންގްލެންޑަށް ކުޅެން ލިބިފައި އޮތް ފުރުސަތު ދޫކޮށްލައި ބަޔާން މިއުނިކްގެ ޒުވާން ތަރި ޖަމާލް މުސިއާލާ ޖަރުމަނު ގައުމީ ޓީމަށް ކުޅެން ނިންމައިފި އެވެ.

މާދަމާ އުމުރުން 18 އަހަރު ފުރޭ މުސިއާލާ ވަނީ އަންގާރަ ދުވަހުގެރޭ ލާޒިއޯ އަތުން ބަޔާން މޮޅުވި މެޗުގައި ގޯލު ޖަހައިފަ އެވެ. އޭނާ އަކީ އެ މުބާރާތުގެ ތާރީހުގައި ބަޔާނަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
ޖަރުމަނުގައި ދިރިއުޅޭ އިނގިރޭސި އާއިލާ އަކަށް އުފަން މުސިއާލާ ވަނީ ޔޫތު ލެވަލްގައި އިންގްލެންޑާއި ޖަރުމަނަށް ވެސް ކުޅެފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ އޭނާ ކުޅުނީ އިންގްލެންޑްގެ 15 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ޓީމަށެވެ. އޭގެ ފަހުން ޖަރުމަނުގެ 16 އަހަރުން ދަށުގެ ޓީމަށް ކުޅުނެވެ. އެކަމަކު ފަހުން އަނެއްކާ ވެސް އިންގްލެންޑްގެ 17 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ޓީމަށް ކުޅުނެވެ.

ލާޒިއޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު މުސިއާލާ އުފާފާޅުކުރަނީ.– ފޮޓޯ: އޭއެފްޕީ

އިންގްލެންޑްގެ އުމުރުފުރާ ގައުމީ ޓީމުތަކަށް 10 ގޯލު ޖަހައިދީފައިވާ މުސިއާލާ ސީނިއާ ލެވަލްގައި ވެސް އިންގްލެންޑް ޓީމަށް ކުޅޭނެ ކަމަށް ބެލެވިފައިވަނިކޮށް އޭނާ އެންމެ ފަހުން ޖަރުމަނަށް ކުޅޭނެކަން އިއުލާނުކުރީ އިއްޔެ އެވެ.
“އަހަރެން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވިސްނުމަށް ފަހު މި ނިންމީ ޖަރުމަނު ގައުމީ ޓީމަށް ކުޅެން. އިންގްލެންޑާ އެކު އަހަރެންގެ ވަރަށް ހާއްސަ ހަދާންތަކެއްވާނެ،” ޖަރުމަނު ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި މުސިއާލާ ބުންޏެވެ.
ޗެލްސީ ޔޫތު ޓީމުތަކަށް 2011 އިން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ކުޅުނު މުސިއާލާ ބަޔާނަށް ބަދަލުވީ އެ ކްލަބްގެ ޔޫތު ސިސްޓަމް ރަނގަޅުވުމުންނެވެ. ބަޔާން ކޯޗުކަމާ ހަންސީލް ފްލިކް ހަވާލުވި ފަހުން މުސިއާލާ އަށް އަންނަނީ މެޗުތަކުން ފުރުސަތު ދެމުންނެވެ. މުސިއާލާ ޖަރުމަނު ގައުމީ ޓީމަށް ކުޅެން ނިންމީ ޖަރުމަނު ގައުމީ ޓީމުގެ ކޯޗު ޔަކީމް ލޯ އާއި ޑިރެކްޓަރު އޮލިވާ ބިއަހޯފާ އެކު މިދިޔަ ހަފްތާގައި ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު އެވެ.

Source link

Article Categories:
Sports

Comments are closed.