[bsa_pro_ad_space id=2]
މިހާރު ބޭނުން ވަނީ ހުރިހާ ވަގުތެއް ދަރިފުޅަށް ދޭން ކަމަށާއި ދެން އެކްޓިން އަށް ނުކުތުމުގެ ވިސްނުމެއް ނެތް ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ ކެމަރަން ޑިއާޒް ބުނެފި އެވެ.
ދެހާސް ފަނަރައިގައި ކައިވެނިކުރި ބަތަލާ އަށް ދަރިޔަކު ލިބުނީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.
ސިރިއަސް އެކްސްއެމްގެ “ކޮރަންޓައިން ވިތު ބުރޫސް” ޝޯގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 48 އަހަރުގެ ކެމަރަން ބުނީ ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމަކީ މަޔަކަށްވުން ކަަމަށެވެ. އެހެންވެ ދަރިފުޅާއި އާއިލާ އަކީ މިހާރު އެންމެ އިސްކަންދޭ ކަންތައް ބުންޏެވެ.
އޭނާ ބުނީ އަލުން އެކްޓިން އަށް ނުކުންނާނެތޯ އަމިއްލަ ނަފުސާ ވެސް ސުވާލުކުރާ އިރު އެކަމަށް ހިތާއި ސިކުނޑި އެއްބަހެއް ނުވާ ކަމަށެވެ.
“ސުވާލަކީ އަހަރެން ފިލްމު ކުޅެން ބޭނުންވޭހޭ؟ އޮފާތަކަށް އިންތިޒާރުކުރެވެހޭ ނޫނީ ފުރުސަތުތައް ހޯދަން މަސައްކަތް ކުރެވެވޭހޭ؟ މި ސުވާލުތަކަށް ދެވެން އޮތް ޖަވާބަކީ ހިއެއް ނުވެއޭ ދެން އަހަރެން އަލުން އެކްޓިން އަށް ނުކުންނާއެކޭ،” ކެއްކުމަށް މިހާރު ހާއްސަ ޝައުގުވެރިކަމެއް ދޭ ބަތަލާ ބުންޏެވެ.
އޭނާ ބުނީ ފިލްމީ މަސައްކަތަކީ ދުވާލަކު 14-16 ގަޑިއިރު ހޭދަކުރަން ޖެހޭ މަސައްކަތެއް ކަމަށާއި ދަރިފުޅު ދޫކޮށްލާފައި މިހާރު އެހެން ކަމަކަށް އެހާ ގިނަ ވަގުތު ނުދެވޭނެ ކަމަށެވެ.
“އަހަރެން ބޭނުން ވަނީ ހުރިހާ ވަގުތެއް ދަރިފުޅަށް ދޭން. އަލުން ފިލްމީ މަސައްކަތަށް ނުކުމެއްޖެ ނަމަ އެއީ ގައިމު ވެސް ވާނެ ކަމެއް ނޫން،” ކެމަރަން ބުންޏެވެ. “މަޔަކަށްވުމަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އުފާ. މި އުފަލުގެ ތެރޭގައި އުޅެން މިހާރު އަހަރެން ބޭނުން ވަނީ.”
ކެމެރަން އަކީ އޭނާގެ ރަންޒަމާނުގައި ވަރަށް ވިދައިލި އަދި އެހާމެ ކާމިޔާބު ފިލްމުތަކެއް ކުޅުނު ބަތަލާއެކެވެ. އޭގެ ތެރޭގައި “ދަ މާސްކް” އާއި “މައި ބެސްޓް ފްރެންޑްސް ވެޑިން” އާއި “ޗާލީޒް އެންޖެލް” ސީރީޒް އަދި “ގޭންގްސް އޮފް ނިއު ޔޯކް” އާއި “ނައިޓް އެންޑް ޑޭ” އަދި “ވެނީލާ ސްކައި” ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ކެމަރެން އެންމެ ފަހުން ފެނިފައި ވަނީ 2014 ގެ “އެނީ” އިންނެވެ. އޭނާގެ ފިރިމީހާ ބެންޖީ މެޑެން އަކީ މިއުޒިޝަނެއް، ޕްރޮޑިއުސަރެކެވެ.
[bsa_pro_ad_space id=1]
Source link