Feb 25, 2021
91 Views
Comments Off on ޔާމީނާއި ވަކީލުންނާ ދެމެދު ދައްކާ ވާހަކަ އަޑުއަހާ ކަމަށް ތުހުމަތު ކުރެވޭ: ވަކީލުން
0 0

ޔާމީނާއި ވަކީލުންނާ ދެމެދު ދައްކާ ވާހަކަ އަޑުއަހާ ކަމަށް ތުހުމަތު ކުރެވޭ: ވަކީލުން

Written by

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާ ދެމެދު ފޯނުން ދައްކާ ވާހަކަތައް ސަރުކާރުން އަޑުއަހާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ބުނެފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން މިހާރު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ކ. މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ.
ޔާމީންގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާ ދެމެދު ކުރާ ފޯން ކޯލްތަކަކީ ގާނޫނީ ގޮތުން ރައްކާތެރިވެގެންވާ މުއާމަލާތްތަކެއް ކަމަށާއި އަދި ވަކީލުން އިތުރު އެއްވެސް ފަރާތާ އެ ވާހަކަތައް ހިއްސާ ނުކުރަނީސް ބައެއް މީޑިއާތަކުން އެ ވާހަކަތައް އާންމު ކުރަމުންދާ ކަމަށެވެ. އެހެންވެ، ޔާމީނާއި ވަކީލުންނާ ދެމެދު ކުރާ މުއާމަލާތްތައް ސަރުކާރުން އަޑުއަހާ ކަމަށް ތުހުމަތު ކުރެވޭތީ އެކަން ބަލަން ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.
“އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މުވައްކިލާ ދެމެދު ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ފިނޑި އަމަލު ސަރުކާރުން ހިންގާ ކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވޭތީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އިލްތިމާސް ކުރަމެވެ.” އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ ޔާމީނަށް ތުހުމަތު ކުރެވޭ މައްސަލާގެ ތަހުގީގު ބަޔާނެއްގައި ސޮއިކުރަން ވަކީލުން މިއަދު މާފުށީ ޖަލަށް ދާން ފުލުހުން ވަކީލުންނަށް އެންގި ކަމަށެވެ. އެކަމަކު މިދުވަސްވަރު ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީ ދަތުރުފަތުރު ކުރުން ރައްކާތެރިނުވާތީ އެ ބަޔާނުގައި ސޮއިކުރުން ފަސްކުރަން ވަކީލުން އެދުމުން ވެސް ފުލުހުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ތަހުގީގު އަވަސް ކުރަންޖެހޭ ސަބަބެއް ނެތީސް، އަދި ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވަމުން އަންނަނިކޮށް އެމަނިކުފާނުގެ ތަހުގީގު ސަރުކާރުން އަވަސް އަރުވާލަނީ ރަނގަޅު ނިޔަތެއްގައި ކަމަށް ގަބޫލެއް ނުކުރެ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ދާދިފަހުން ދަމަހައްޓާފައިވާއިރު، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް ވަކީލުން ދަނީ ކުރަމުންނެވެ. މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ޔާމީންގެ މައްޗަށް މިހާރު އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.

Source link

Article Categories:
News

Comments are closed.