Feb 27, 2021
105 Views
Comments Off on ސިޓީ އަށް ޖެހިޖެހިގެން 20 ވަނަ މޮޅާ އެކު ލީގުގައި ބޮޑު ލީޑެއް
0 0

ސިޓީ އަށް ޖެހިޖެހިގެން 20 ވަނަ މޮޅާ އެކު ލީގުގައި ބޮޑު ލީޑެއް

Written by

މެންޗެސްޓާ (ފެބްރުއަރީ 27) – އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދައި، މެންޗެސްޓާ ސިޓީން ޖެހިޖެހިގެން 20 މެޗުން މޮޅުވެ ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.

ސިޓީން 20 މެޗުން މޮޅުވެ ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ދެމެހެއްޓިއިރު، މީގެ ތެރެއިން 14 މެޗަކީ ލީގުގައި މޮޅުވި މެޗުތަކެވެ. އެއީ ލީގުގެ ވެސް ރެކޯޑެކެވެ.
ވެސްޓް ހޭމް އަތުން ހޯދި މޮޅާ އެކު ސިޓީން ވަނީ ލީގުގެ އެއްވަނައިގައި 13 ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ސިޓީ އަށް 26 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 25 މެޗުން ވަނީ 49 ޕޮއިންޓް ލިބިފަ އެވެ. މާދަމާރޭ ލެސްޓާ ނުކުންނާނީ އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށެވެ. އަދި ޔުނައިޓެޑް ރަށުންބޭރުގައި ޗެލްސީއާ ބައްދަލުކުރާނެ އެވެ.
ވެސްޓް ހޭމްގެ ފަރާތުން މެޗު ފަށައިގެން ރަނގަޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، ސިޓީން ލީޑުނެގީ މެޗުގެ 30 ވަަނަ މިނިޓްގަ އެވެ. ކެވިން ޑިބްރޭނާ ނަގައިދިން ހުރަހަކުން ސިޓީގެ ފުރަތަމަ ގޯލު ޖެހީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޯޗުގީސް ޑިފެންޑަރު ރުބެން ޑިއާޒް އެވެ ޑިއާޒް ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ވެސްޓް ހޭމް ކީޕަރު ޑަރެން ރަންޑޯލްފް އަތުގައި ޖެހިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓް ހޭމަށް އެއްވަރުކޮށްދިނީ މިކޭލް އެންޓޯނިއޯ އެވެ. ވްލަޑިމީރް ސޯފާލް ނަަގައިދިން ހުރަހަކުން ޖެސޭ ލިންގާޑް ޖެހި ބޯޅަ އެންޓޯނިއޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ އިރުކޮޅެއް ކުރިން އެންޓޯނިއޯ ޖެހި ބޯޅައެއް ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.
މެޗުގެ 68 ވަނަ މިނިޓްގައި ސިޓީ މޮޅުކޮށްދިން ގޯލު ޖެހީ ޖޯން ސްޓޯންސް އެވެ. ރިޔާދު މާރޭޒް ހުސްކޮށްލާފައި ހުރަސްކޮށްލި ބޯޅަ ސްޓޯންސް ވަނީ ހަަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އިތުރު ވަގުތުގައި ވެސްޓް ހޭމް އަށް އެއްވަރުކޮށްދޭން އީސާ ޑިއޮޕަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުހިފުނެވެ.
މިއީ ސިޓީއާ ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން އެ ޓީމުން ހޯދި 200 ވަނަ މޮޅެވެ. ސިޓީން އެ އަދަދަށް މެޗުން މޮޅުވީ ގާޑިއޯލާގެ ކޯޗުކަމުގައި ކުޅުނު 273 މެޗުންނެވެ. ގާޑިއޯލާ އަކީ އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި އެންމެ އަވަހަށް 200 މޮޅު ހަމަކުރި ކޯޗެވެ.
ގާޑިއޯލާ ބުނީ ވެސްޓް ހޭމް އިން ރަނގަޅަށް ކުޅުނު ކަމަށާއި ސިޓީ އަށް މި ވަގުތު ލިބިފައިވާ ލީޑުގެ ވާހަކަ ދެއްކުން އޭނާ އަށް މުހިއްމެއް ނޫން ކަމަށެވެ. މީގެ އެންމެ ބޭނުން ކަމަކީ ސީޒަނުގެ ފަހު މެޗުތަކާ ކުރިމަތިލާއިރު ރަނގަޅު ލެވަލެއްގައި ކުޅުންތެރިންގެ ކޮންފިޑެންސް ބެހެއްޓުން ކަމަށް އޭނާ ބުންޏެވެ.

Source link

Article Categories:
Sports

Comments are closed.