Feb 27, 2021
126 Views
Comments Off on ޝާހީ އާއިލާއާ ދުރަށް ވަޑައިގަތް ސަބަބު ޕްރިންސް ހެރީ ވިދާޅުވެއްޖެ
0 0

ޝާހީ އާއިލާއާ ދުރަށް ވަޑައިގަތް ސަބަބު ޕްރިންސް ހެރީ ވިދާޅުވެއްޖެ

Written by

އިނގިރޭސި ޝާހީ އާއިލާ ދޫކޮށްލެއްވީ ނޫން ކަމަށާއި އެކަމަކު ކުރިމަތިވެފައިވާ ޕްރެޝަރުތަކާ ހެދި އަނބިކަނބަލުންނާއި ދަރިކަލުންގެ ހައްގުގައި ޝާހީ އާއިލާއާ ވަކިން ދިރިއުޅުއްވަން ނިންމެވީ ކަމަށް ޕްރިންސް ހެރީ ވިދާޅުވެއްޖެ އެވެ.

އޭނާ މި ވާހަކަ ދެއްކެވުމުގެ ކުރިން ވަނީ، ދެން ދުވަހަކު ވެސް ޝާހީ ޒިންމާތަކަށް ވަޑައިނުގަންނަވާނެކަން އާއިލާ އަށް މީގެ ހަފުތާއެއް ކުރިން އަންގަވައިފަ އެވެ.
އަބިކަނބަލުން މޭގަން މާކަލް އާއި ދެ އަހަރުވާން ކައިރިވެފައިވާ ފިރިހެން ދަރިކަލުންނާ އެކު މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އެމެރިކާގެ ލޮސް އެންޖެލިސްގައި ދިރިއުޅުއްވާ ހެރީ ޖޭމްސް ކޯޑެންގެ “ދަ ލޭޓް ލޭޓް ޝޯ” ގައި ވިދާޅުވީ އެއްގޮތަކަށް ވެސް ޝާހީ އާއިލާއާ ވަކިވެވަޑައިގަތީ ނޫން ކަމަށާއި މުހިއްމު ސަބަބުތަކާ ހެދި ފެއަށް ޖެހިވަޑައިގަތީ ކަމަށެވެ.
އެއީ ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ނިންމެވި ގޮތެއް ކަމަށް ހެރީ ވިދާޅުވި އެވެ.
“ތެދަށް ބުނަންޏާ ވަރަށް އުނދަގޫ ދިރިއުޅުމެއް [ޝާހީ އާއިލާގެ ދިރިއުޅުން] އެއީ. އެކަން ވަރަށް ގިނަ ބަޔަކަށް އެނގޭނެ ވެސް މެ،” ޕްރިންސް ޗާލްސް ހަގު ދަރިކަލުން ވިދާޅުވި އެވެ.
ހެރީ ވިދާޅުވީ އެންމެ އުނދަގޫ ކުރުވި ކަމަކީ އިނގިރޭސި މީޑިއާ އާއިލާއާ ޖައްސާލާފައި އޮތުމެވެ.

View this post on Instagram A post shared by The Late Late Show (@latelateshow)

“އަހެރެމެން އެންމެނަށް ވެސް އެނގޭ އިނގިރޭސި މީޑިއާ މަސައްކަތްކުރާ ގޮތް. އަންހެނުންނާ ދޭތެރޭ ވަރަށް ގޯސްކޮށް މީޑިއާތަކުން ކަންތައް ކުރަމުން ދިޔައީ. އެކަމުގެ ސަބަބުން އަހަރެމެން ދެ މީހުންނަށް ވަރަށް ބޮޑަށް އަސަރުކޮށް ނަފުސާނީ ގޮތުން ބަލިކަށި ކުރުވި،” ހެރީ ވިދާޅުވި އެވެ. “އެހެންވީމަ އަހަރެން ޝާހީ އާއިލާއާ ފެއަށް ޖެހުނީ ފިރިއެއްގެ ހައިސިއްޔަތުންނާއި ބަައްޕައެއްގެ ހައިސިއްޔަތުން އާއިލާ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދޭން. އެއީ އަހަރެން ނޫން އެހެން މީހަކު ނަމަވެސް ކަންތައް ކުރާނެ ގޮތް.”
މޭގަން އާއި ހެރީ އިނގިރޭސި ބައެއް މީޑިއާތަކަށް މިދިޔަ އަހަރުގެ ތެރޭގައި ދައުވާތަކެއް ވެސް ކުރައްވާފައި ވެ އެވެ. އޭގެ ތެރޭގައި މޭގަންގެ ބައްޕަ ފޮނުވި ސިޓީއެއް ނޫހެއްގައި ލީކްކުރި މައްސަލަ ވެސް ހިމެނެ އެވެ.

ޝާހީ ޒިންމާތަކާ ބެހޭ ގޮތުން ހެރީ ވިދާޅުވީ ކުރިން އޭނާ އަދާކުރެއްވި ދައުރު ދެން ނެތް ކަމަށް ވިޔަސް، ޝާހީ އާއިލާ އަށް ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި އާއިލާއަށްޓަކައި ހުންނަވާނެ ކަމަށެވެ.
“އަދިވެސް އަހަރެން މި ބުނަނީ ޝާހީ އާއިލާއާ އެއްގޮތަކަށް ވެސް ވަތްކެއްނުވަމޭ. އަހަރެންގެ ބޭނުން ޖެހޭ ކޮންމެ ކަމެއްގައި ކޮންމެ ވަގުތެއްގައި އަހަރެން އާއިލާއާ އެކު ހުންނާނަން. އަދި މިހާރު ކޮންމެ ތާކު ދިރިއުޅުނަސް އަހަރެން ހަމަ ވާނީ އިނގިރޭސީ އާއިލާގެ މެމްބަރަކަށް،” ޕްރިންސް ވިލިއަމްގެ ކޮއްކޮ ވިދާޅުވި އެވެ. “އެކަމެއް ދުވަހަކު ބަދަލެއް ވެސް ނުވާނެ.”
ޕްރިންސް ހެރީ އަށް ވަރަށް އަވަހަށް އިތުރު ދަރިޔަކު ވެސް ލިވަޑައިގަންނަވާނެ އެވެ. މޭގަން ދެވަނަ ދަރިފުޅަށް ބަލިއިންކަން އިއުލާންކޮށްފައި ވަނީ މި މަހުގެ 14 ގަ އެވެ.

Source link

Article Categories:
Life Style

Comments are closed.