Feb 28, 2021
88 Views
Comments Off on ހެލަސް ވެރޯނާ އިން ޔުވެންޓަސް ހުއްޓުވައިފި
0 0

ހެލަސް ވެރޯނާ އިން ޔުވެންޓަސް ހުއްޓުވައިފި

Written by

ޓިއުރިން (ފެބްރުއަރީ 28) – އިޓާލިއަން ލީގުގައި ރޭ ހެލަސް ވެރޯނާ އިން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއާ 1-1 އިން އެއްވަރުކޮށްފި އެވެ.

ރޭގެ މެޗުން އެއްވަރުވުމުން ލީގު ތަށި ދިފާއުކުރަން ޔުވެންޓަސް އިން ކުރަމުން އަންނަ މަސައްކަތަށް އިތުރު އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާނުން މިރޭ ޖެނޯއާ ބަލިކޮށްފިނަމަ ޔުވެންޓަސްއާ ދެމެދު އޮތް ފަރަގު 10 ޕޮއިންޓަށް ބޮޑުވާނެ އެވެ.
އިންޓަ މި ވަގުތު އެއް ވަނައިގައި އޮތީ 23 މެޗުން 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 23 މެޗުން 49 ޕޮއިންޓް ހޯދާފައިވާ އޭސީ މިލާން އެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސް އަށް 23 މެޗުން ވަނީ 46 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގެ ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތަރު މިނިޓް ތެރޭ ޔުވެންޓަސް އަށް ލީޑުނަގައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެޗުގެ 49 ވަަނަ މިނިޓްގައި ރޮނާލްޑޯ މި ގޯލު ޖެހީ ފެޑެރީކޯ ޗިއޭސާ ދިން ބޯޅައަކުންނެވެ. މިއީ މި ފަހަރު ލީގުގައި ރޮނާލްޑޯ ޖެހި 19 ވަނަ ގޯލެވެ. އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ ރޮނާލްޑޯ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ހެލަސް ވެރޯނާ އިން އެއްވަރުކުރީ މެޗުގެ 77 ވަނަ މިނިޓްގައި އެންޓޮނިން ބަރަކް ބޮލުން ޖެހި ގޯލަކުންނެވެ. އެ ޓީމު މޮޅުކޮށްދޭން ޑާކޯ ލާޒޮވިކް ބޮލުން ޖެހި ބޯޅަ ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ.
ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނީ ޖިއޮޖިއޯ ކިއެލީނީ އާއި ލެއޮނާޑޯ ބޮނޫޗީ ފަދަ ތަޖުރިބާކާރުން ޑިފެންޑަރުން ނުލައި ކުޅެން ޖެހުމުން ގިނަ މައްސަލަތަކެއް ދިމާވި ކަމަށެވެ.
“މި މެޗުގެ އޮއެވަރު ދިޔަ ގޮތުން އެންމެ އުނދަގޫ ކަންތައް އަހަރެމެންނަށް ކުރެވުނު. އެއީ ލީޑުނެގުން. އެކަަމަކު އަހަރެމެންނަށް އެ ލީޑު ހިފަހައްޓައިނުލެވުމަކީ ދެރަކަމެއް. ތަޖުރިބާކާރު ކުޅުންތެރިން ނެތި ކުޅެން ޖެހުމުން މުހިއްމު ވަގުތުތަކުގައި ޒުވާން ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއް ފައިދާ އިދިކޮޅު ޓީމުން ނެގީ،” ޕިރްލޯ ބުންޏެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު ހެލަސް ވެރޯނާ ލީގުގެ ނުވަ ވަނައިގައި އޮތީ 23 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި ރޭ ހަ ވަނައިގައި އޮތް ލާޒިއޯ ވަނީ 2-0 އިން ބޮލޯނިއާ އަތުން ބަލިވެފަ އެވެ.

Source link

Article Categories:
Sports

Comments are closed.