Feb 28, 2021
117 Views
Comments Off on މަލީހު ސަލާމަތްކުރަން އެމްޑީޕީގެ މެމްބަރުންތަކެއް އުޅުއްވާ ކަމުގެ ތުހުމަތުތަކެއް
0 0

މަލީހު ސަލާމަތްކުރަން އެމްޑީޕީގެ މެމްބަރުންތަކެއް އުޅުއްވާ ކަމުގެ ތުހުމަތުތަކެއް

Written by

ޓެލެކޮމިއުނިކޭޝަން ސައިންްސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައި، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، އެ ވޯޓުގައި މަލީހު ސަލާމަތް ކުރަން އެ ޕާޓީގެ މެމްބަރުންތަކެއް އުޅުއްވާ ކަމަށް ބައެެއް މެމްބަރުން ތުހުމަތު ކުރައްވައިފި އެވެ.

އެކަމަކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެކަހަލަ ކަމެއް ނުހިނގާ ކަމަށެވެ.
“މިހާރު”އާ ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ މަލީހުގެ އިތުބާރު ނެތްކަމަށް މާދަމާ ފާސްކުރަން ޕީޖީ ގްރޫޕްގައި ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ ވިޕް ނެރުނު ގޮތާ ދޭތެރޭ ސުވާލު އުފައްދައި، މާދަމާ އަލުން ބައްދަލުވުމެއް ބާއްވަން ބައެއް މެމްބަރުން ޑިމާންޑް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަމުގައި ސަރުކާރުގެ ބާރުގަދަ މިނިސްޓަރެއްގެ ނުފޫޒު، ބައެއް މެމްބަރުންނަށް ފޯރާފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
އެކަމަކު އެހެން މެމްބަރަކު ވިދާޅުވީ ޚިޔާލުތަފާތުވުމެއް އުފެދިގެން އުޅެނީ ވިޕްގެ ސައްހަކަމާ ދޭތެރޭގައި ނޫން ކަމަށާއި ހިޔާލު ތަފާތުވެފައި އޮތީ ނެރުނު ވިޕަކީ ތްރީލައިން ވިޕެއްތޯ ނުވަތަ ޓޫލައިން ވިޕެއްތޯ ކަން ކަމަށެވެ.
“ހަމައެކަނި ސުވާލަކީ އެއީ ތްރީލައިން ވިޕެއްތޯ ނުވަތަ ޓޫ ލައިން ވިޕެއްތޯ، މާދަމާ ހެނދުނު ބައްދަލުވުމެއް އެބައޮތް،” އެ މެމްބަރު ވިދާޅުވި އެވެ.
އެކަމަކު އަލީ އާޒިިމް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނެތް ކަަމަށެވެ. ވިޕާ ދޭތެރޭގައި ހިޔާލުތަފާތުވުމެއް އުފެދިގެން އުޅޭ ވާހަކަ ވެސް އޭނާ ދޮގުކުރެއްވި އެވެ.
ތްރީލައިން ވިޕަކީ ޕާލަމެންޓްގައި ނަގާ ވޯޓެއްގައި ބައިވެރިވެ، ޕާޓީގެ ސިޔާސަތާ އެއްގޮތަށް ވޯޓްލާން އަންގާ އެންގުމެކެވެ. އެގޮތަށް އަންގާ އެންގުމާ ހިލާފުވާ މެމްބަރުންނަށް ޕާޓީން ފިޔަވަޅު އަޅާނެ އެވެ. ޓޫލައިން ވިޕްގެ ތަފާތަކީ ވިޕާ ހިލާފު ވިޔަސް ޕާޓީން ފިޔަވަޅު ނާޅާ ކަމެވެ. ރާއްޖޭގައި މީގެ ކުރިން ސިޔާސީ ޕާޓީތަކުން ނެރެމުން އައީ ތްރީލައިން ވިޕް އެކަންޏެވެ.
މަލީހު ވަކިކުރުމުގެ މައްސަލައިގައި ތްރީލައިން ވިޕެއް ނެރެފައިވާ ކަމަށް މިއަދު މެންދުރު ވެސް އާޒިމް “މިހާރު” އަށް ވިދާޅުވި އެވެ. އެހެން ނަމަވެސް މިރޭ ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ދެ މެމްބަރަކާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވެސް ވިދާޅުވީ މަލީހުގެ މައްސަލައިގައި ވިޕް ނެރުމާ މެދު ގޮތެއް ނިންމާނީ މާދަމާ ހެނދުނު 8:30 ގައި ބާއްވާ ބައްދަލުވުމެއްގައި ކަމަށެވެ.
މަޖިލީހުގެ ޖަލްްސާ ފަށާނީ ހެނދުނު 9:00 ގަ އެވެ.
މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މިދިޔަ އަހަރު ފާސްކުރުމަށް ފަހު އެކަން ފުރަތަމަ ހުށަހެޅުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ. އެހެން ނަމަވެސް އެކަމުގައި އެމަނިކުފާނު މިހައިތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެހެންވެ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އާޒިމް އެވެ.
އެމްޑީޕީއަކީ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ ޕާޓީ އަށް ވާތީ، އެ ޕާޓީން ނެރޭ ވިޕަކާއި މެމްބަރުން ހިލާފު ނުވެއްޖެ ނަމަ މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްވާނެ އެވެ. މަލީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުން ވަނީ މަޖިލީހުގައި ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތެވެ. އެއީ 43 އެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހާ ގުޅޭ ގޮތުން އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވަނީ އިންޓަނެޓުގެ އަގާއި ސްޕީޑަށް ހެޔޮ ބަދަލެއް ނާންނާތީ އެވެ. ނަމަވެސް މަލީހު ވިދާޅުވާ ގޮތުގައި އިންޓަނެޓުގެ އަގު ހެޔޮކުރަން އެ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ނިންމައި ރައީސް އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އެހެންވެ، މަލީހު ވިދާޅުވަމުން ގެންދަވަނީ އިންޓަނެޓުގެ އަގުހެޔޮ ކުރެވޭނީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ސީދާ ރައީސް އޮފީހުން ގޮތެއް ނިންމުމުން ކަމަށެވެ.

Source link

Article Categories:
News

Comments are closed.