Feb 28, 2021
86 Views
Comments Off on މެސީ ތަފާތު ދައްކައި ބާސެލޯނާ ދެ ވަަނަ އަށް ގެންގޮސްދީފި
0 0

މެސީ ތަފާތު ދައްކައި ބާސެލޯނާ ދެ ވަަނަ އަށް ގެންގޮސްދީފި

Written by

ސެވިލް (ފެބްރުއަރީ 28) – ސްޕެނިޝް ލީގުގައި ރޭ ލިއޮނަލް މެސީ ޖެހި ގޯލާ އެކު ބާސެލޯނާ އިން 2-0 އިން ސެވިއްޔާ ބަލިކޮށް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ބާސެލޯނާ ދެ ވަނަ އަށް އެރިއިރު، އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑްގެ ލީޑު ވަނީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. އެތުލެޓިކޯ އެއް ވަނައިގައި އޮތީ 23 މެޗުން 55 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 25 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 24 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ.
ލީގުގައި މިރޭ އެތުލެޓިކޯ ކުޅޭނީ ވިޔަރެއާލާ ދެކޮޅަށެވެ. އަދި މާދަމާރޭ ރެއާލް ނުކުންނާނީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ.
ރޭގެ މޮޅާ އެކު ބާސެލޯނާ އިން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވެ ލީގުގެ ރޭހަށް ވަދެފަ އެވެ. ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ މީގެ މަހެއްހާ ދުވަސް ކުރިން ބާސެލޯނާ އޮތީ ލީގުގެ ރޭހުގައި މާ ބޮޑު އުއްމީދެއް ނެތި ކަމަށާއި އެކަމަކު ކުޅުންތެރިންގެ ވިސްނުމަކީ އެންމެ ފަހު މެޗާ ހަމައަށް ކާމިޔާބު ހޯދަން ހިތްވަރު ކުރުމަށް ކަމަށެވެ.
ސެވިއްޔާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އަށް ލީޑުނަަގައިދިނީ 29 ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭ އެވެ. މެސީ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ޑެމްބެލޭ ވަނީ ސެވިއްޔާ ކީޕަރު ބޯނޯ އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފްގައި ބާސެލޯނާގެ ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ސެވިއްޔާގެ ޔޫސުފް އެންނެސީރީ ވަނީ ގޯލެއް ޖަހައިފަ އެވެ. އެ ކަމަކު ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން އެންނެސީރީ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ އެ ގޯލު ބަލައިނުގަންނަން ނިންމައިފަ އެވެ.
މެސީ ބާސެލޯނާ މޮޅުކޮށްދިން ގޯލު ޖެހީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިލާޝް މޮރީބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭރިއާތެރެއިން މެސީ ވަނީ ސެވިއްޔާ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ގޯލު ޖަހައިފަ އެވެ. އެ ބޯޅަ ހުއްޓުވަން ކީިޕަރު ބޯނޯ މަސައްކަތްކުރި ނަމަވެސް މެސީ ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މިއީ މި ފަހަރު ލީގުގައި މެސީ ޖެހި 19 ވަނަ ގޯލެވެ. ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ މެސީ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގައި ވެސް މެސީ ވަނީ ގޯލު ޖަހައިފަ އެވެ.

Source link

Article Categories:
Sports

Comments are closed.