Feb 28, 2021
123 Views
Comments Off on ޕީއެސްޖީ އަށް ފެނާންޑޭސް ގެންދަން މަސައްކަތްކުރިން: ޓުޗެލް
0 0

ޕީއެސްޖީ އަށް ފެނާންޑޭސް ގެންދަން މަސައްކަތްކުރިން: ޓުޗެލް

Written by

ލަންޑަން (ފެބްރުއަރީ 28) – ޕީއެސްޖީގެ ކޯޗަކަށް ހުރިއިރު މެންޗެސްޓާ ޔުނައިޓެޑަށް މިހާރު ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ގެންދަން މަސައްކަތްކުރި ކަމަށް ދާދި ފަހުން ޗެލްސީގެ ކޯޗުކަމާ ހަވާލުވި ތޯމަސް ޓުޗެލް ބުނެފި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ސްޕޯޓިން ލިޒްބަން ދޫކޮށް ޔުނައިޓެޑަށް ފެނާންޑޭސް ބަދަލުވުމުގެ ކުރިން އޭނާ ހޯދަން ގިނަ ކްލަބްތަކަކުން މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި މީގެ ކުރިން ޓުޗެލް ކޯޗުކޮށްދިން ޕީއެސްޖީ ހިމެނެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޕީއެސްޖީ ކޯޗުކަމުން ވަކިކުރި ޓުޗެލް ޗެލްސީއާ ހަވާލުވީ މިދިޔަ މަހު އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ ކުޅޭނީ ޔުނައިޓެޑާ ދެކޮޅަށެވެ. ޓުޗެލް ބުނީ ދެ އަހަރެއްހާ ދުވަހު ޕީއެސްޖީން ފެނާންޑޭސް އަށް ފާރަލި ކަމަށެވެ.
“އަހަރެމެން (ޕީއެސްޖީ) އިން މަސައްކަތްކުރިން އެކަން ކުރަން (ފެނާންޑޭސް ގެންދަން). އެއީ އަހަރެން ޕީއެސްޖީ އަށް ދިޔަ ވަގުތުގައި ފެށުނު ކަމެއް. އަހަރެން ޕީއެސްޖީއާ ހަވާލުވިއިރު އެ ޓީމުގައި ހުރި ސްޕޯޓިން ޑިރެކްޓަރަށް ފެނާންޑޭސް ވަރަށް ރަނގަޅަށް އެނގޭ. އަހަރެމެން ވަރަށް މަސައްކަތްކުރިން އެކި ފަހަރު މަތިން ފެނާންޑޭސް ހޯދަން. އެކަމަކު އެކަމެއް ނުވި. އެންމެ ފަހުން އަހަރެން މި ޖެހުނީ އޭނައާ ދެކޮޅަށް ކުޅެން،” ޕީއެސްޖީ އަށް 2018 އިން 2020 އަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް.– ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑަށް ބަދަލުވި ފަހުން އުމުރުން 26 އަހަރުގެ ފެނާންޑޭސް ވަނީ 60 މެޗުން 34 ގޯލު ޖަހައިފަ އެވެ. ޓުޗެލް ބުނީ ފެނާންޑޭސް ދައްކަމުން އަންނަ މޮޅު ކުޅުން ފެނިފައި ހައިރާންނުވާ ކަމަށެވެ.
“އޭނާ (ފެނާންޑޭސް) އަކީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރު. ސްޕޯޓިން ގައި ވެސް އޭނާ އަކީ ލަނޑު ޖަހައި ޓީމުގެ އެހެން ކުޅުންތެރިންގެ މޮޅު ކުޅުން ދައްކަން އެހީތެރިވެދޭ ކުޅުންތެރިއެއް. ޔުނައިޓެޑްގައި ވެސް އޭނާ ތަކުރާރު އެކުރަނީ އެ ކަންތައް،” ޓުޗެލް ބުންޏެވެ.
ޗެލްސީގެ ކޯޗުކަމާ ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ކުޅުނު އަށް މެޗުން ވެސް ބަލިވެފައިނުވެ އެވެ. އަދި ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުގައި އެ ޓީމު ކޮޅަށް ގޯލެއް ވަދެފައިނުވެ އެވެ.
ޓުޗެލް ބުނީ މީގެ ދެ އަހަރު ކުރިން ޕީއެސްޖީ ގޮވައިގެން ޗެމްޕިއަންސް ލީގުގެ ދެ ވަަނަ ބުރުގައި ޔުނައިޓެޑް އަތުން ކެޓި ހަނދާންތައް އަދިވެސް އެބަހުރި ކަމަށާއި ޔުނައިޓެޑް އަތުން މޮޅުވާން އޭނާ ބޭނުންވާ ހާއްސަ އެއް ސަބަބަކީ އެއީ ކަމަށެވެ.
“އަހަންނަށް ވަރަށް އުނދަގޫވި އެ ބަލި (މެންޗެސްޓާ ޔުނައިޓެޑް އަތުން ކެޓުން) ހަނދާން ނައްތާލަން. އެ މެޗަށް ފަހު އަހަރެން ދެ ދުވަސް ވަންދެން މީހަކާ ވާހަަކައެއް ނުދައްކަން. ކަމެއް ކުރާހިތެއް ނުވޭ. އެއީ ކޯޗެއްގެ ގޮތުގައި އަހަރެންގެ އެންމެ ހިތި ތަޖުރިބާ. އެއީ އެއްވެސް ގޮތަކަށް އުއްމީދުކޮށްގެން ހުރި ގޮތެއް ނޫން ދިމާވީ،” ކުރިން ޑޯޓްމަންޑަށް ވެސް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.
ޔުނައިޓެޑުން ލީގުގައި އެންމެ ފަހުން ރަށުންބޭރުގައި ކުޅުނު 19 މެޗުން ބަލިވެފައިނުވެ އެވެ. ޔުނައިޓެޑުން ލީގުގައި ރަށުންބޭރުގައި ބަލިނުވުމުގެ ރެކޯޑް ފެށީ މިދިޔަ އަހަރު ފެބްރުއަރީ މަހު ޗެލްސީ ދަނޑުގައި 2-0 އިން ހޯދި މޮޅަށް ފަހު އެވެ. އޭގެ ފަހުން ލީގުގައި ޔުނައިޓެޑް ރަށުންބޭރުގައި ކުޅުނު މެޗުތަކުގެ ތެރެއިން 13 މެޗުން މޮޅުވިއިރު، ހަ މެޗު ވަނީ އެއްވަރުވެފަ އެވެ.
ޔުނައިޓެޑާ ދެކޮޅަށް އެންމެ ފަހުން ޗެލްސީ ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. ތިން މެޗު އެއްވަރުވިއިރު، ފަސް މެޗުން ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ. ޗެލްސީ ދަނޑުގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.

Source link

Article Categories:
Sports

Comments are closed.