Feb 28, 2021
150 Views
Comments Off on ޖުހާ މީ ކޮންތާކުން އައި ކާކުތަ؟
0 0

ޖުހާ މީ ކޮންތާކުން އައި ކާކުތަ؟

Written by

ޖުހާއަކީ ދިވެހިންގެ ތެރޭގައިވެސް ކިޔާ ހިޔާލީ ވާހަކަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ތަފާތު ކެރެކްޓާ އެވެ. ދިވެހިންގެ ތެރޭގައި ޖުހާ ސިފަކުރަނީވެސް، “ސޭކު” މީހެއްގެ ގޮތުގަ އެވެ. ޖުހާގެ އެންމެ މަޝްހޫރު އެއް ވާހަކައަކީ، އޭނާ އިށީންދެ އިން ގަހުގައި ގޮފިގަނޑު އޭނާ އަމިއްލައަށް ބުރިކޮށްލި ވާހަކަ އެވެ. ޖުހާ އަކީ ކިހިނެއް، ކޮންއިރަކު، ކޮން ގޮތަކުން ދިވެހިންގެ ތެރެއަށް ވަދެގެން އައި ކެރެކްޓާއެއް ކަމެއް އެނގޭކަށް ނެތެވެ. އެހެން ނަމަވެސް ޖުހާ އަކީ ދިވެހިންގެ ތެރެއިން އުފެދިގެން އައި ކެރެކްޓާއެއް ނޫނެވެ.

ޖުހާ އަކީ އަރަބިންގެ ތެރެއަށް ނުކުމެގެން އުޅޭ ހިޔާލީ ކެރެކްޓާއެކެވެ. ޖުހާގެ ވާހަކަތައް ދިވެހިންގެ ތެރޭގައި ގެނެސްދީފައިވަނީ މުޅިންވެސް ސޭކު މީހެއްގެ ގޮތުގަ އެވެ. ޖުހާގެ ދިވެހި ފިލްމުތަކެއްވެސް ވަނީ އުފައްދާފަ އެވެ. ނަވާރަސަތޭކަ ތިރީސް ހަތް ވަނަ އަހަރު އަދި އޭގެ ފަހުން 1999 ވަނަ އަހަރު ޖުހާގެ ނަމުގައި އިނގިރޭސި ކޮމެޑީ ފިލްމެއްވެސް ވަނީ އުފައްދާފަ އެވެ.

ޖުހާގެ ވާހަކަތައް އެންމެ ފުރަތަމަ އުފެދިގެން އައީ ނުވަވަނަ ގަރުނުގެ ތެރޭގަ އެވެ. އަރަބިންގެ ތެރޭގައިވެސް ގިނައިން ޖުހާ ސިފަކުރަނީ ބުއްދިހަމަނުޖެހޭ ސޭކު މީހެއްގެ ގޮތުގަ އެވެ. ބައެއް ވާހަކަތަކުގައި ޖުހާއަކީ ވިސްނޭ މޮޅެތި ވާހަކަ ދައްކާ މީހެކެވެ. ޖުހާގެ ބައެއް ވާހަކަތައް ކިޔާލުމުން އެކަން ވަރަށް ރަނގަޅަށް އެނގެ އެވެ. މިސާލަކަށް، ޖުހާ ވައުޒު ބުނަން މިންބަރަށް އަރާހުރެ އާންމުންނާ މުހާތަބްކޮށް ދައްކާ ވާހަކަތަކަށް ބަލައިލަބަލާށެވެ.

ފުރަތަމަ ދުވަހު ޖުހާ މިންބަރަށް އަރައި އެއްވެ ތިބި މީހުންނަށް އޭނާ އެއްލީ ސުވާލެކެވެ. ޖުހާ ބުނީ، އޭނާ ދައްކަން އުޅޭ ވާހަކަ އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޖަވާބުގައި އެންމެ އެއް އަޑަކަށް ބުނީ ނޭނގޭ ކަމަށެވެ. އެއާ އެކު ޖުހާ ރުންކުރު ގޮތަކަށް ބުނީ، އޭނާ ދައްކާ ވާހަކަ ނޭނގޭ ޖާހިލު ބަޔަކަށް ވައުޒު ބުނުމުގެ ބޭނުމެއް ނެެތްކަމަށެވެ. އެ ދުވަހު ރުޅިގަދަވެގެން އޭނާ މިންބަރުން ފައިބައިގެން ދިޔައީ އެވެ. ދެވަނަ ދުވަހު ވައުޒު ބުނަން އަރާފައި ދައްކަން އުޅޭ ވާހަކަ އެނގޭހޭ އެހުމުން އެންމެން ބުނީ އެނގޭ ކަމަށެވެ. އެ ދުވަހު ޖުހާ ބުނީ އެނގޭ ބަޔަކަށް އިތުރަށް ހަނދައިންކޮށްދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ. ތިން ވަނަ ދުވަހު ރައްޔިތުން ތިބެނީ ދެ ޖަވާބު ދޭ ގޮތަށެވެ. ޖުހާ އެދުވަހުވެސް މިންބަރަށް އަރާފައި އޭނަ ދައްކަން އުޅޭ ވާހަކަ އެނގޭތޯ އެހުމުން އެއްބައި މީހުން ބުނަނީ އެނގޭ ކަމަށެވެ. އަދި އަނެއްބައި މީހުން ބުނަނީ ނޭނގޭ ކަމަށެވެ. ރައްޔިތުންނަށް ޖުހާ ދޭ ޖަވާބު އަދި މާ ފުރިހަަމަ އެވެ. އޭނަ ބުނަނީ އެނގޭ މީހުން ނޭނގޭ މީހުންނަށް ބުނެދިނުމަށެެވެ. އެހެން ބުނުމަށްފަހު އޭނަ ފައިބައިގެން ދިޔައީ އެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Life Style

Comments are closed.