Mar 1, 2021
136 Views
Comments Off on ބާސެލޯނާގެ ކުރީގެ ރައީސް ބާޓޮމެއު ހައްޔަރުކޮށްފި
0 0

ބާސެލޯނާގެ ކުރީގެ ރައީސް ބާޓޮމެއު ހައްޔަރުކޮށްފި

Written by

ބާސެލޯނާ (މާޗް 1) – ބާސެލޯނާގެ ފައިނޭންޝިއަލް ކްރައިމް ޔުނިޓާއި ކެޓަލޫނިއާ ފުލުހުން ގުޅިގެން ތަހުގީގެއް ފަށައި ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް ބާޓޮމެއު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފުލުހުން ތަހުގީގުކުރަން ފަށާފައިވަނީ “ބާސާގޭޓް ސްކޭންޑަލް” އަކީ ބާސެލޯނާގެ ކުރީގެ އާއި މިހާރުގެ ކުޅުންތެރިންގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ބާސެލޯނާގެ ކުރީގެ ރައީސް ބާޓޮމެއުގެ ދައުރުގެ ބޯޑް މެމްބަރުންގެ އެއްބާރުލުމާ އެކު އެޖެންސީއެއް މަސައްކަތްކުރިކަމަށް ދެކެވުނު ވާހަކަތަކާއި މިހާތަނަށް ލިބިފައިވާ ހެކިތަކާ ގުޅިގެންނެވެ.
އަންނަ އާދިއްތަ ދުވަހު ބާއްވާ ބާސެލޯނާ ރައީސަކު ހޮވުމުގެ އިންތިހާބުގެ ކުރިން ނިންމާލަން އަމާޒުހިފާފައިވާ ތަހުގީގަށް ބާޓޮމެއުގެ އިތުރުން އަދި ފަސް މީހަކު ކެޓަލޫނިއާ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް އޭއެފްޕީން ވަނީ ރިޕޯޓްކޮށްފަ އެވެ.
ބާސެލޯނާ އިން ވަނީ ހައްޔަރުކުރި މީހުންނާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކަން ދެކޮޅުހަދައިފަ އެވެ. އެ ކްލަބްގެ އޮފިޝަލަކު ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ މިހާރު ކުރިއަށްދާ ތަހުގީގަކީ ކްލަބުގެ ފައިނޭންޝިއަލް ކްރައިމް ޔުނިޓުން އިސްނަގައިގެން ކުރިއަށްގެންދާ ކަމެއް ކަމަށާއި އެހެންވެ ރަސްމީކޮށް ކްލަބްގެ ފަރާތުން ވާހަކަ ދައްކާނީ ވެސް އެ ޔުނިޓުން ކަމަށެވެ.
“ބާސާގޭޓް ސްކޭންޑަލް” އާ ގުޅޭގޮތުން މީގެ ކުރިން އާންމުވެފައިވާ މައުލޫމާތަށް ބަލާއިރު ބާޓޮމެއު ވަނީ އޭނާ ޕްރޮމޯޓް ކުރުމަށާއި ބާސެލޯނާގެ ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިންގެ އަގުވައްޓާލުމަށް ތަފާތު 13 ކުންފުންޏާ އެކު މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ ސޯޝަލް މީޑިއާގެ މަސައްކަތްތަކާ ގުޅޭ ކުންފުނިތަކެވެ.
އެ ކުންފުނިތަކުގެ ހިއްސާ އޮވެގެން ވަނީ ލިއޮނަލް މެސީ އާއި ޕެޕް ގާޑިއޯލާ އަދި ޒަވީ ހެނާންޑޭޒާ ގުޅުންހުރި ތަފާތު ސިއްރު މައުލޫމާތުތައް ލީކުކޮށްލައިފަ އެވެ. އޭގެ ތެރޭގައި މެސީގެ ކޮންޓްރެކްޓްގެ މައުލޫމާތު ލީކުކޮށްލުމާއި ގާޑިއޯލާގެ ކޯޗުކަމުގެ ދުވަސްވަރު އޭނާ އަށް ކްލަބުން ދީފައިވާ ބޯނަސްތަކުގެ ވާހަކަތައް ވެސް ހިމެނެ އެވެ. މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބާޓޮމެއު ވަނީ އޭގެ ތެރެެއިން ބައެއް ކުންފުނިތަކާ އެކު ސޯޝަލް މީޑިއާގައި ބާސެލޯނާގެ ޕްރޮމޯޝަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ބާސެލޯނާގެ ރައީސްކަމުން ބާޓޮމެއު މަގާމުން އިސްތިއުފާ ދިނީ އޭނާގެ އިތުބާރު ކަމުގެ ވޯޓެއް ނަގަން ބާސެލޯނާގެ އާންމު މެމްބަރުން ތައްޔާރުވަމުން ދިޔަ ނަމަވެސް މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް ވިދާޅުވިތާ ދެ ދުވަސް ވެސް ނުވަނީސް ޕްރެޝަރު ބޮޑުވުމުންނެވެ. ބާޓޮމެއު ދައުރުގައި ނިންމާފައިވާ ގޯސް ނިންމުންތަކުގެ ސަބަބުން އެންމެ ފަހުން އިއުލާނުކުރި ބާސެލޯނާގެ ޖުމްލަ ދަރަނީގެ އަދަދަކީ 1.173 ބިލިއަން ޔޫރޯ (1.4 ބިލިއަން ޑޮލަރު) އެވެ.
ބާޓޮމެއުއާ މެދު ބާސެލޯނާގެ ސަޕޯޓަރުން (އާންމު މެމްބަރުން)ގެ ކެތްތެރިކަން ކޮޅުންލީ ތަކުރާރުކޮށް ކްލަބްގެ ލީޑަޝިޕްގެ ފަރާތުން ގޯސް ގިނަ ނިންމުންތަކެއް ފެނިގެންދިޔުމުންނެވެ. ބާޓޮމެއުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ކްލަބްގެ 20،000 އަށް ވުރެން ގިނަ އާންމު މެމްބަރުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅި އެވެ.
އެންމެ ގިނަ ސަޕޯޓަރުން ބާޓޮމެއުއާ މެދު ނުރުހުނީ މިދިޔަ ސީޒަނަށް ފަހު މެސީ އެ ޓީމު ދޫކޮށްލަން ނިންމައި ކްލަބްގެ މެނޭޖްމަންޓާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރި ހިސާބުންނެވެ. މެސީ ރަސްމީކޮށް ކްލަބް ބަދަލުކުރަން ބޭނުންވާކަން ހާމަކުރުމުން ވެސް އެގްރީމެންޓުގައި ހުރި ވަކި މާއްދާތަކަކަށް ރިއާޔަތްކޮށް ބާސެލޯނާ އިން ވަނީ މެސީ މަޑުކުރުވައިފަ އެވެ. އެކަން ކުރީ ބާޓޮމެއު ބޭނުންވެގެން ކަމަށް ކްލަބްގެ ކުރީގެ ބޯޑު މެމްބަރުން ވަނީ ދާދި ފަހުން ބުނެފަ އެވެ.
ބާސެލޯނާގެ ކުރީގެ ރައީސް ސަންޑްރޯ ރޮސެލްގެ ގާތް މީހެއްގެ ގޮތުގައި ކްލަބްގެ ނައިބު ރައީސެއްގެ މަގާމަށް 2010 ވަނަ އަހަރު އިންތިހާބުވި ބާޓޮމެއު ކްލަބްގެ ރައީސްކަމާ ހަވާލުވީ 2014 ވަނަ އަހަރު ރޮސެލް މަގާމުން އިސްތިއުފާ ދޭން ޖެހުމުންނެވެ. ބާޓޮމެއުގެ ދައުރުގައި ބާސެލޯނާ އިން ކޮށްފައިވާ ކަންތައްތަކުގެ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށް ބާސެލޯނާގެ ރައީސްކަމަށް ވާދަކުރައްވާ ކުރީގެ ރައީސް ޖޮއާން ލަޕޯޓާ އާއި ވިކްޓަ ފޮންޓް ވަނީ ވިދާޅުވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ދެން ބާސެލޯނާ ރައީސް ކަމަށް އިންތިހާބުވުމުގެ އެންމެ ފުރުސަތު ބޮޑީ ލަޕޯޓާ އެވެ.

Source link

Article Categories:
Sports

Comments are closed.