Mar 1, 2021
152 Views
Comments Off on ކޯލިޝަނުގައި މިހާރު ތިއްބެވީ ހަމައެކަނި ވެރިން: ތޯރިގު
0 0

ކޯލިޝަނުގައި މިހާރު ތިއްބެވީ ހަމައެކަނި ވެރިން: ތޯރިގު

Written by

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށް އުފެއްދެވި ޕާޓީތަކުގެ ކޯލިޝަނުގައި ތިއްބެވީ ހަމަ އެކަނި ސިޔާސީ ޕާޓީތަކުގެ ވެރިން ކަމަށާއި ޕާޓީތަކުގެ އާއްމު މެމްބަރުން ނެތް ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަަމަށް އެމްޑީޕީން ފާސްކުރާ ހިސާބަށް ދިޔަ އިރު، އޭނާގެ ދިފާއުގައި ރައީސް ބަސްފުޅެއް ވިދާޅުނުވެ، ކަންތައް ކުރެއްވީ “ވަރަށް ލާނެއްކޮށް” ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޯރިގު ވިދާޅުވި އެވެ. ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާ ސީދާ ގުޅިފައިވާ މިނިސްޓަރުން ވަކިނުކުރަަނީ ކޯލިޝަން އޮތްކަން ދައްކަވަން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“މުޅި މައްސަލައިގައި މިފެންނަނީ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ [އިބްރާހީމް މުހައްމަދު ސޯލިހު] ވަރަށް ލާނެތްކޮށް މިނިސްޓަރާ ދޭތެރޭގައި ކަންތައް ކުރެއްވިތަން. އަޅުގަނޑުގެ އިތުބާރު އެބަ އޮތޭ ދެން މަޖިލިސް މެމްބަރުން ކުރާ ކަމެކޭ، ތިމަންނަ ކުރާނެ ކަމެއް ނެތޭ. ހާދަހާ ދެރައޭ ތިޔަހެން ވާތީ، މިކަހަލަ ގޮތަކަށް މައްސަލައިން ރެކެން ވެގެން ކެބިނެޓްގެ ވަޒީރަކު ކަތިލާއިރުވެސް ހަމަ ކޮށްލާނެ އެސްއެމްއެސްއެއް ވެސް ދޭނެ ޖަވާބެއް ވެސް [ރައީސްގެ] ނެތީ،” ތޯރިގު ވިދާޅުވި އެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ކުރިން އޮތް ބަހުސްގައި ތޯރިގު ވިދާޅުވީ ޕާޓީތަކުގެ ލީޑަރުންނާ ސީދާ ގުޅުން ހުރި މިނިސްޓަރުން ވަކިނުކުރައްވާތީ އެ ނޫން ބޭފުޅުންގެ ދިފާއުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން، ކޯލިޝަންގެ އެހެން ލީޑަރުން ވެސް ބަސްފުޅެއް ވިދާޅުނުވާ ކަަމަށެވެެ. މީގެ ކުރިން މައްސަލަ ބޮޑުވެ، ޖެންޑާ މިނިސްޓަރުކަމުން އިސްތިއުފާދެއްވި ޝިދާތާ ޝަރީފުގެ ދިފާއުގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަންތައް ކުރެއްވި ގޮތް އެކަމުގެ މިސާލެއްގެ ގޮތުގައި ތޯރިގު ދެއްކެވި އެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ ކޯލިޝަނުގައި ތިއްބެވީ ހަހަމަ އެކަނި ލީޑަރުން ކަމަށް. —ފޮޓޯ: މަޖިލިސް

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ ކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެކަން ފުރަތަމަ ހުށަހެޅުއްވީ ރައީސަށެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ އެކަމުގައި ރައީސްގެ ޖަވާބެއް ނުލިބުމުން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރިން ވިދާޅުވި އެވެ.
މަޖިލީހުގައި މިއަދު މެންދުރު ފަހު ނެގި ވޯޓުގައި މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ފެންނަ ކަަމަށް ވޯޓު ދެއްވީ މިއަދުގެ ޖަަލްސާގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ ތެރެއިން 59 މެމްބަރުންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު ތިއްބެވި އެވެ.

Source link

Article Categories:
News

Comments are closed.