Mar 1, 2021
146 Views
Comments Off on ވަކީލުންނަށް ނިސްބަތްކޮށް ފިލްމެއްގައި “ޝޭމްލެސް” އޭ ބުނެގެން އަކްޝޭ ކޯޓަށް
0 0

ވަކީލުންނަށް ނިސްބަތްކޮށް ފިލްމެއްގައި “ޝޭމްލެސް” އޭ ބުނެގެން އަކްޝޭ ކޯޓަށް

Written by

ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒްކުރި އަކްޝޭ ކުމާރުގެ ފިލްމު “ރުސްތުމް” ގައި ދައްކާ ކޯޓު މަންޒަރެއްގައި އަކްޝޭ ވަކީލުންނަށް ނިސްބަތްކޮށް “ޝޭމްލޭސް” އޭ ބުނާ ޑައިލޮގެއްގެ މައްސަލާގައި ފިލްމުގެ ޓީމާ ދެކޮޅަށް މަދިޔަ ޕްރަދޭޑްޝްގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނީ އެ ސްޓޭޓްގެ ކަތާނީ ކޯޓަށް މައްސަލަ ހުށަހެޅީ މަނޯޖް ގުޕްތާ ކިޔާ ވަކީލެއް ކަމަށެވެ. އޭނާ “ރުސްތުމް” ގެ ޓީމާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ފިލްމެއްގައި ވިޔަސް ވަކީލުންނަށް ނިސްބަތްކޮށް “ޝޭމްލެސް” ނުވަތަ ލަދުކުޑަ ބަޔަކޭ ބުނުމަކީ ވަކީލުންގެ މަސައްކަތްތަކަށް އިހުތިރާމު ކުޑަކޮށް އާންމުންގެ މެދުގައި ގަދަރާއި އިހުތިރާމު ކުޑަކޮށްލުމެވެ.

މަނޯޖް ހުށަހެޅި މައްސަލާގައި ބުނީ އޭނާ “ރުސްތުމް” ސިނަމާގައި ބެލި ދުވަހަކީ ވަރަށް ހިތްދަތި އިހުސާސްތަކެއް ކުރުވި ދުވަހެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި، މަސައްކަތްކުރާ ދާއިރާ އަދި ވަކިން ހާއްސަކޮށް އިންސާފު ހޯދައިދޭން ވަކާލާތުކުރާ ބަޔަކަށް ރައްދުކޮށް “ޝޭމްލެސް” އޭ ބުނުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެކެވެ.

“މިއީ ހަމައެކަނި އަހަރެންގެ ފަރާތުން ހުށަހަޅާ މައްސަލައެއް ނޫން. މިއީ ހުރިހާ ވަކީލުންގެ ފަރާތުން ހުށަހަޅާ މައްސަލައެއް. އަދި އެ މީހުންގެ ހައްގުގައި ކުރާ ކަމެއް. ކަށަވަރުކުރަން ބޭނުން ވަނީ ވަކީލުންގެ ގަދަރުކުޑަކޮށް، އެ މީހުންގެ މަސައްކަތާ ދޭތެރޭ ސުވާލު އުފެދޭ ގޮތަށް ސިނަމާގައި ކަމަށް ވިޔަސް ހިތުހުރިހާ އެއްޗެއް ބުނުމުގެ ފުރުސަތު އޮވެގެން ނުވާނެކަން ޔަގީންކުރުން،” މަނޯޖް ވިދާޅުވި އެވެ.

އޭނާ ހުށަހެޅި މައްސަލަ ކޯޓުން ބަލައިގަނެ “ރުސްތުމް” ގެ ޓީމަށް މިހާރު ވަނީ ނޯޓިސް ވެސް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި އަކްޝޭ އާއި ފިލްމުގެ ޑައިރެކްޓަރު ޓީނޫ ސުރޭޝް ދެސާއީ އާއި ސްކްރީން ރައިޓަރު ވިޕުލް ކޭ ރާވަލްގެ އިތުރުން ފިލްމު ޕްރޮޑިއުސްކުރުމުގައި ހިއްސާވި ޒީ ސްޓޫޑިއޯސްގެ ސުބާޝް ޗަންދުރާ ހިމެނެ އެވެ.

އެ މީހުންނަށް ފޮނުވި ނޯޓިހުގައި ވަނީ މި މަހުގެ 10 ގައި ކޯޓަށް ހާޒިރުވާން އަންގައިފަ އެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު “ރުސްތުމް” އަކީ އިންޑިއާގެ ނޭވީ އޮފިސަރެއް [އަކްޝޭ] ގެ އަންހެނުން [އިލިއާނާ] ކައިވެނީގެ ބޭރުން ހިންގި ސިއްރު ލޯބީގެ ގުޅުމެއް ފަޅާއެރުމުން އަންހެނުންގެ ލޯބިވެރިޔާ [އަރުޖުން] މަރާލިކަމުގެ ތުހުމަތުގައި ފިރިމީހާގެ މައްޗަށް ހިންގާ ޝަރީއަތެއްގެ ވާހަކަ ކިޔައިދިން ތުރިލާއެކެވެ. މިއީ 1959 ގައި ހިނގި ހަގީގީ ހާދިސާއަކަށް ބިނާކޮށް ހެދި ފިލްމެކެވެ.

“ރުސްތުމް” ގެ މައިގަނޑު ރޯލުތައް ކުޅުނީ އަކްޝޭ އާއި އިލިއާނާ ޑި ކްރޫޒާއި އަރުޖުން ބަޖްވާގެ އިތުރުން އީޝާ ގުޕްތާ އެވެ. މި ފިލްމަކީ އަކްޝޭ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބުނު ފިލްމެވެ.

Source link

Article Categories:
Entertainment

Comments are closed.