Mar 2, 2021
143 Views
Comments Off on މެލޭޝިއާގެ ޕްރިންސް ވެލެންސިއާ ގަންނަން ބޭނުން
0 0

މެލޭޝިއާގެ ޕްރިންސް ވެލެންސިއާ ގަންނަން ބޭނުން

Written by

ޖޮހޯރް (މާޗް 2) – މެލޭޝިއާގެ ސްޓޭޓެއް ކަމަށްވާ ޖޮހޯރްގެ ޕްރިިންސް ޓުންކޫ އިސްމާއިލް އިބްނި ސުލްތާން އިބްރާހިމް، ސްޕެއިނުގެ ވެލެންސިއާ ގަންނަން ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

އުމުރުން 36 އަހަރުގެ ޕްރިންސް ޓުންކޫ އިސްމާއިލް އަކީ މި ވަގުތު މެލޭޝިއާގެ ކްލަބް ޖޭޑީޓީއެފްސީގެ ވެރިޔާ އެވެ. އޭނާ ވިދާޅުވީ 408 މިލިއަން ޔޫރޯ (491 މިލިއަން ޑޮލަރު) އަށް މި ވަގުތު އަގު ކަނޑައަޅާފައިވާ ވެލެންސިއާ ގަންނަން ޝައުގުވެރިވާ އެކި ސަބަބުތަކެއް އެބަހުރި ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ޕްރިންސް ޓުންކޫ އިސްމާއިލްގެ މިލްކިއްޔާތުގައި ހަ ބިލިއަން ޑޮލަރު އެބަހުއްޓެވެ.
“އަހަންނަކީ ފުޓްބޯޅަ އަށް އާ މީހެއް ނޫން. އަހަރެން ކްލަބެއް ބިނާކޮށްފިން (ޖޭޑީޓީއެފްސީ). ކޮންމެ އަހަރަކު ރެލިގޭޝަނުގައި ވާދަކުރަމުން އައި އެ ޓީމަކީ މިހާރު ކޮންމެ އަހަރަކު ޗެމްޕިއަންކަމަށް ވާދަކުރާ ޓީމެއް. އަށް އަހަރު ތެރޭ 16 ތަށި ހޯދައިފިން. އަހަރެމެންނަކީ ސައުތު އީސްޓް އޭޝިއާގެ އެއް ވަނަ ޓީމު. އަދި އޭޝިއާގެ ވެސް ބޮޑު ކްލަބެއް،” ޕްރިންސް ޓުންކޫ އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެލެންސިއާ ގަންނަން ޝައުގުވެރިވާ އެންމެ ބޮޑު ސަބަބަކީ ފުޓްބޯޅައިގައި އޭނާގެ މަސައްކަތް ފުޅާކުރުމާއި ވެލެންސިއާ ފަދަ ކްލަބެއް ކާމިޔާބުގެ މަގަށް ގެންދިއުމުގެ އިތުރުން ތާރީހީ ކަންތައްތަކެއް ހާސިލްކުރުމަށް ބޭނުންވާތީ ކަމަށެވެ.
“އަހަރެންގެ އެމްޕަޔާ ބޮޑު ކުރަން ބޭނުން. އާ ޗެެލެންޖްތަކަށް ނުކުންނަން ތައްޔާރު. އަހަންނަކީ ކްލަބެއްގެ ލޯގޯ ނޫނީ ސަގާފަތް ބަދަލުކުރަން އަންނާނެ މީހެއް ނޫން. އަހަރެން ބޭނުންވަނީ ކާމިޔާބީ. ކޮން ކަމެއް ވެލެންސިއާ ބޭނުންވަނީ؟ ބޭނުންވަނީ ފުޓްބޯޅަ ދަންނަ ކާމިޔާބީ ހޯދަން ފެންބޮވައިގަނެފައި ހުންނަ މީހެއް. އަދި ވެލެންސިއާ އަކީ ކިހާ ބޮޑު ކްލަބެއްކަން ދަންނަ މީހެއް،” ޕްރިންސް ޓުންކޫ އިސްމާއިލް ވިދާޅުވި އެވެ.
ވެލެންސިއާ ވެރިޔަކަށް މި ވަގުތު ހުރީ ސިންގަޕޫރުގެ ބިލިއަނަރު ޕީޓާ ލިމް އެވެ. ދާދި ފަހުން ޔޫއޭއީގެ ވިޔަފާރި ކުންފުންޏަކުން ވެލެންސިއާ ގަންނަން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ލިމް ވަނީ އެ ޑީލް ކުރިއަށްގެންދަން ދެކޮޅު ހަދައިފަ އެވެ. ލިމް ވެލެންސިއާގެ މެޖޯރިޓީ ހިއްސާ ގަތީ 2014 ވަނަ އަހަރު އެވެ.
ފާއިތުވި އަހަރުތަކުގައި ވެލެންސިއާގެ ނަތީޖާތައް އަހަރުން އަހަރަށް ދަށްވަމުން ދާތީ ލިމް އަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އަދި މިދިޔަ ސީޒަނަށް ފަހު ވެލެންސިއާގެ ނަން މަޝްހޫރު ކުޅުންތެރިން ނުއަގުގައި ވިއްކާލުމުން ސަޕޯޓަރުން ވަނީ ލިމްއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ގިނަ ކެމްޕެއިންތަކެއް ހިންގައިފަ އެވެ.
ސްޕެއިނުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ވެލެންސިއާ މި ވަގުތު ސްޕެނިޝް ލީގުގެ 14 ވަނައިގައި އޮތީ ރެލިގޭޝަން ޒޯނަށް ވުރެން ފަސް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

Source link

Article Categories:
Sports

Comments are closed.