Mar 2, 2021
155 Views
Comments Off on ސިޓީ އަށް އަދި ޗެމްޕިއަންކަން ކަށަވަރެއް ނުވޭ: ގާޑިއޯލާ
0 0

ސިޓީ އަށް އަދި ޗެމްޕިއަންކަން ކަށަވަރެއް ނުވޭ: ގާޑިއޯލާ

Written by

މެންޗެސްޓާ (މާޗް 2) – އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑަކާ އެކީ އޮތް ނަމަވެސް މެންޗެސްޓާ ސިޓީ އަށް އަދި ލީގު ކަށަވަރުވެފައިނުވާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 26 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 26 މެޗުން 50 ޕޮއިންޓެވެ. ގާޑިއޯލާ ބުނީ ބާކީ 12 މެޗު އޮއްވައި އޭނާ އެއްވެސް ކަމެއް ޔަގީންކުރަން ބޭނުންނުވާ ކަމަށެވެ.
“އަދިވެސް ޗެމްޕިއަނުންނަކީ ލިވަޕޫލް. އަހަރެމެން (ސިޓީ) އެއް ނޫން. އަހަރެމެން ޗެމްޕިއަންކަން ހޯދަން ބޭނުންނަމަ އަދިވެސް މެޗުތަކުން މޮޅުވާން ޖެހޭ. އެއީ އަށެއް ނުވައެއް ނޫނީ ދިހަ ވަރަކަށް މެޗު. އަހަރެންގެ ނަޒަރުގައި އެއީ ލީގެއްގައި ތަފާތު ހާލަތްތަކެއް ނުކުމެދާނެ ފަދަ މެޗުތަކެއް. އެއީ މިދިޔަ ސީޒަނުގައި ވެސް މި ސީޒަނުގެ ކުރީކޮޅުގައި ވެސް އަހަރެމެން ޖެހިޖެހިގެން ތިން މެޗުން މޮޅެއް ނުލިބި ދިޔަ ފަހަރުތަކެއް ވެސް އައި،” ގާޑިއޯލާ ބުންޏެވެ.
ސިޓީން އެންމެ ފަހުން ކުޅުނު 20 މެޗުން މޮޅުވެފައިވާއިރު، އެ ޓީމުން ވަނީ ބަލިނުވެ 27 މެޗު ހަމަކޮށްފަ އެވެ. މިރޭ ވުލްވްސް އަތުން މޮޅުވެގެން ލީގުގެ އެއް ވަނައިގައި 15 ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ. އަދި ބަލިނުވެ 28 މެޗު ފުރިހަމަކޮށް ކްލަބްގެ ރެކޯޑަކާ ހަމަކުރެވޭނެ އެވެ.
ގާޑިއޯލާ ބުނީ ރެކޯޑްތަކަށް ވުރެން އޭނާގެ ޝައުގުވެރިކަން ހުރީ ޓީމުގެ ކުޅުން މިހާރު ހުރި ލެވަލަށް ވުރެން ވެސް ފުރިހަމަކުރުން ކަމަށެވެ.
“ކުޅުންތެރިންނަށް އެނގޭނެ އަހަންނަކީ ކިހާ ވަރަކަށް ކަންކަމަށް ޑިމާންޑްކުރާ މީހެއް ކަން. އަހަރެން ގަބޫލުކުރަނީ މިހާރު ސިޓީ އެ ކުޅޭ ލެވަލަށް ވުރެން ވެސް ރަނގަޅަށް މި ޓީމަށް ޕާފޯމްކުރެވޭނެއޭ،” ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.
ލީގުގައި މިރޭ ސިޓީ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.

Source link

Article Categories:
Sports

Comments are closed.