Mar 3, 2021
134 Views
Comments Off on ރޮނާލްޑޯގެ ރެކޯޑް ގޯލާ އެކު ޔުވެންޓަސް މޮޅުވެއްޖެ
0 0

ރޮނާލްޑޯގެ ރެކޯޑް ގޯލާ އެކު ޔުވެންޓަސް މޮޅުވެއްޖެ

Written by

ޓިއުރިން (މާޗް 3) – އިޓާލިއަން ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑް ގޯލާ އެކު ޔުވެންޓަސް އިން 3-0 އިން ސްޕެޒިއާ ބަލިކޮށްފި އެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހީ މި ފަހަރު ލީގުގައި އޭނާ ކާމިޔާބުކުރި 20 ވަނަ ގޯލެވެ. އޭނާ އަކީ ފާއިތުވި 12 ސީޒަނުގައި ޔޫރަޕްގެ ފަސް ލީގުގެ ތެރެއިން ކޮންމެ ސީޒަނެއްގައި މަދުވެގެން 20 ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. ރޭގެ މެޗަކީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ލީގެއްގައި ކުޅުނު 600 ވަނަ މެޗެވެ.
ޔުވެންޓަސް އިން ރޭގެ މޮޅާ އެކު ވަނީ ލީގުގެ އެއް ވަނައިގައި އޮތް އިންޓައާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އިންޓަ އެއް ވަނައިގައި އޮތީ 24 މެޗުން 56 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 24 މެޗުން 52 ޕޮއިންަޓް ލިބިފަ އެވެ. ރޭގެ މޮޅާ އެކު ޔުވެންޓަސް ވަނީ 24 މެޗު ކުޅެގެން 49 ޕޮއިންޓް ހަމަކޮށްފަ އެވެ.
ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނީ އިންޓައާ ހަމަކުރުމަކީ އުނދަގޫ ޗެލެންޖަކަށްވާނެ ކަމަށާއި އެކަމަކު ޔުވެންޓަސް އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ލީގު ހޯދަން ކުރާ މަސައްކަތުގައި ދުލެއް ނުދޭނެ ކަމަށެވެ.
“ކޮންމެ މެޗަކުން ވެސް ތިން ޕޮއިންޓް ނެގުން ނޫން ގޮތެއް އަހަރެމެންނަށް ދެން ނެތް،” ޕިރްލޯ ބުންޏެވެ.
ލީގުގެ 16 ވަނައިގައި އޮތް ސްޕެޒިއާ އިން ފުރަތަމަ ހާފުގައި ވަނީ ޔުވެންޓަސް ހުއްޓުވައިފަ އެވެ. މެޗުގައި ޔުވެންޓަސް އިން ޖެހި ތިން ގޯލު ވެސް ކާމިޔާބުކުރީ ފަހު 30 މިނިޓް ތެރޭގަ އެވެ. ޔުވެންޓަސް އިން ލީޑުނެގީ މެޗުގެ 62 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ ޖެހި ގޯލުންނެވެ. އޭގެ ނުވަ މިނިޓް ފަހުން ފެޑެރީކޯ ޗިއޭސާ ވަނީ ޔުވެންޓަސްގެ ލީޑުފުޅާކޮށްދީފަ އެވެ. މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ރޮނާލްޑޯ ޔުވެންޓަސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ރޮޑްރީގޯ ބެންޓަންކޫރް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

Source link

Article Categories:
Sports

Comments are closed.