Mar 3, 2021
147 Views
Comments Off on އަހަރެން ރައީސަކަށް ހޮވައިފިނަމަ މެސީ މަޑުކުރާނެ: ލަޕޯޓާ
0 0

އަހަރެން ރައީސަކަށް ހޮވައިފިނަމަ މެސީ މަޑުކުރާނެ: ލަޕޯޓާ

Written by

ބާސެލޯނާ (މާޗް 2) – ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ކްލަބްގައި މަޑުކުރާނެ ހަމައެކަނި ގޮތަކީ އަންނަ އާދިއްތަ ދުވަހު ބާއްވާ އިންތިހާބުގައި ކްލަބްގެ ރައީސަކަށް އޭނާ ހޮވުން ކަމަށް ބާސެލޯނާގެ ކުރީގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ބާސެލޯނާގެ ރައީސްގެ މަގާމް 2003-2010 އަށް ފުރުއްވި ލަޕޯޓާގެ ދައުރުގައި ބާސެލޯނާ އިން ސްޕެނިޝް ލީގު ހަތަރު ފަހަރު، ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު އުފުލައިލި އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްރޭންކް ރައިޑާކާއި ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީ އެވެ. ޔޫތު ޓީމުގެ ކޯޗަކަށް ގާޑިއޯލާ ހުއްޓާ 2008 ވަނަ އަހަރު އޭނާ ސީނިއާ ޓީމަށް ގެނައީ ލަޕޯޓާ އެވެ. އެކަންވީ އެ ކްލަބް ކާމިޔާބީގެ މުޅިން އާ ހަރުފަތަކަށް އެރުމެވެ. އަދި މެސީގެ ކެރިއަރުގެ އެންމެ ފުރިހަމަ އަހަރުތަކެއް ހޭދަކުރީ ލަޕޯޓާގެ ދައުރުގަ އެވެ.
މި ސީޒަނަށް ފަހު މެސީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނެ އެވެ. މެސީ އެ ކްލަބާ އެކު 2017 ވަނަ އަހަރު ހަދާފައިވާ ކޮންޓްރެކްޓް މީޑިއާގައި ލީކްކޮށްލުމާ އެކު އޭނާ ދެން އެ ޓީމާ އެކު އާ އެއްބަސްވުމެއް ނަހަދާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ލަޕޯޓާ ވިދާޅުވީ މެސީ ބާސެލޯނާގައި މަޑުކުރުވޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ އޭނާ އަށް ކްލަބްގެ ރައީސްކަން އަލުން ހަވާލުކުރުން ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.
“ހާލަތުގެ ގޮތުން އަހަރެމެންނަށް މެސީ ބޭނުންވާ މުސާރަ ދެން ނުދެވިދާނެ. އެކަމަކު އަހަންނަށް އެނގޭ ކަމަކީ މެސީ އަކީ ފައިސާ އަށް ބަލައިގެން އެކަނި ގޮތް ނިންމާނެ މީހެއް ނޫންކަން. މެސީ ބޭނުންވަނީ އޭނާގެ ކެރިއަރު އެންމެ ފުރިހަމަ އަށް ނިންމާލަން. ބާސެލޯނާގައި ހުރެ ރިޓަޔާކުރަން ބޭނުންވާ ކަމަށް ކުރިން މެސީ ބުނެފައިވޭ. އަހަރެން ނޫން އެހެން ކެންޑިޑޭޓަކަށް ވޯޓު ދީގެން އެ މީހެއް ހޮވައިފިނަމަ މެސީ ބާސެލޯނާގައި މަޑުނުކުރާނެކަން އަހަންނަށް ޔަގީން،” ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ލަޕޯޓާ ވިދާޅުވި އެވެ.
“މެސީ އާއި އަހަރެންގެ ގުޅުން ރަނގަޅު. އަހަރެން ހުށަހަޅާ ޕްރޮޕޯސަލަކަށް އޭނާ އިިހުތިރާމްކުރާނެ. މެސީ އަށް ވެސް އަދި ބާސެލޯނާގެ ކޮންމެ ލެޖެންޑަކަށް ވެސް އަހަރެންގެ މަސައްކަތް ގޯސްވެފައެއް ނޯންނާނެ،” ލަޕޯޓާ ވިދާޅުވި އެވެ.
އުމުރުން 33 އަހަރުގެ މެސީ ބާސެލޯނާގައި އޭނާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ ކްލަބްގެ އިންތިހާބަށް ފަހު ކަމަށް މީގެ ކުރިން ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މެސީ ހޯދުމުގެ ރޭހުގައި އޮތީ ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އެވެ. އެކަމަކު ދާދި ފަހުން ސިޓީން ވަނީ މެސީ ހޯދުމަށް ކުރާ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލައިފަ އެވެ.

Source link

Article Categories:
Sports

Comments are closed.