އެޕަލް އިން، ފަތްޖެހޭ ފޯނެއް ނެރެން އުޅޭ ވާހަކަ ދެކެވެނީ 2017 އިން ފެށިގެންނެވެ. އޭގެ ފަހުން ތިލަވި ވާހަކަ އަކީ އަންނަ އަހަރު އެޕަލް އިން ފަތްޖެހޭ ފޯނު ނެރޭނެ ވާހަކަ އެވެ.
އެކަމަކު އެ ވާހަކައިގެ މިސްރާބު މިހާރު ވަނީ އެނބުރިފަ އެވެެ. ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އެޕަލްގެ ފަތްޖެހޭ ފޯނުގެ ނެރުމުގެ ފުރުސަތު ބޮޑީ 2023 ގަ އެވެ. އަދި އެކަމަށް އެ ކުންފުނިން މިހާރު ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އެނަލިޓިކް ފާމް އީކްއަލް އޯޝަން އިން ބުންޏެވެ.
ބައެއް ނޫސްތަކުން ބުނީ އެޕަލްގެ ފަތްޖެހޭ ފޯނު ވާނީ އެ ކުންފުނީގެ ސްޓައިލަސް ވެސް ސަޕޯޓްކުރާ އެއްޗަކަށެވެ. އެޕަލް އިން މިދިޔަ އަހަރު ނެރުނު އައިޕެޑްގައި ހިމެނޭ އެޕަލް ޕެންސިލް އަކީ ސްޓައިލަސް ސަޕޯޓްކުރާ އެއްޗެކެވެ.
އެޕަލްގެ ފަތްޖެހޭ ފޯނު އެއްކޮށް ހުޅުވާލާފައި އޮންނަ އިރު ޑިސްޕްލޭގެ ސައިޒަކަށް ވާނީ 7.6 އިންޗި އެވެ. ލައްޕާގައި އިންނަ އިރު ސައިޒަކީ 7.3 އިންޗި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މިކަމާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް ފަތްޖެޖޭ ފޯނާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް އެޕަލް އިން މިހާތަނަށް ދައްކައިފައެއް ނުވެ އެވެ. އެ ކުންފުނީގެ އާންމު އުސޫލަކީ ވާހަކަ މަދުކޮށްފައި އަމަލު ގިނަކޮށް، އުފެއްދުންތައް ނެރުމާ ކައިރިކޮށްފައި ދެން އެ ވާހަކަ ދެއްކުމެވެ.
އެޕަލް އިން ފަތްޖެހޭ ފޯނެއްގެ ވާހަކަ އަދި ނުދެއްކި ނަމަވެސް މިހާރު ސްމާޓްފޯނު އުފައްދާ ބޮޑެތި ކުންފުނިތަކުން އެކަން ކޮށްފި އެވެ. އެހެންވެ އެޕަލްގެ ފަތްޖެހޭ ފޯނު ނެރޭ އިރު އެހެން ކުންފުނިތަކުގެ އުދެއްދުންތަކަށް ވުރެ “ހާއްސަ” އެއްޗަކަށް ގިނަ ބަޔަކު އުންމީދުކުރާނެ އެވެ.
Source link