”އައްސަލާމު ޢަލައިކުމް. އެޓޯލް އެއަރ ޓޫ.ސިކްސް.ޒީރޯ އިން ގަމަށް ދަތުރުކުރައްވާ އެންމެހައި ބޭފުޅުންނަށް މަރުޙަބާ. ތިޔަބޭފުޅުންގެ ރައްކާތެރިކަމަށްޓަކައި މިހާރު އަޅުގަނޑުމެން މިދައްކައިދެނީ މިބޯޓްގައި ބޭނުންކުރެވޭ ސަލާމަތީ ވަޞީލަތްތައް. އަޅުގަނޑުމެންގެ ވަޞީލަތްތަކާ އެހެން ބޯޓްތަކުގައި ބޭނުންކުރާ ވަޞީލަތްތަކާ ތަފާތުވެދާނެ ކަމަށްޓަކައި ތިޔަބޭފުޅުންގެ ފުރިހަމަ ސަމާލުކަމަށް އެދެން-”ފްލައިޓް އެޓެންޑެންޓް ބްރީފިންގ ދޭން ފެށުމާއި އެކު ތާނިޔާ ގެ ސަމާލުކަން އެއްކޮށް ހުއްޓުނީ އެކުއްޖާ އަށެވެ. އެއީ ބަލާބެލުމަށް އުމުރުން ވިއްސަކަށް އަހަރު ވާނެކަމަށް ލަފާކުރެވޭ ދޮން ހިމަތޮޅި އަންހެން ކުއްޖެކެވެ. ޒީނިޔާ ވެސް ފްލައިޓް އެޓެންޑެންޓް ދެމުން ދިޔަ ބްރީފިންގ އަޑުއަހަމުން ދިޔައެވެ. އެހެން އިނދެފައި އައިމަން އަށް ބަލައިލިއިރު އޭނާ އިނީ ފޯނުން ’ޑެއިލީ އަޒްކާރް‘ އެޕް ހުޅުވައިގެން ދުޢާތަކެއް ކިޔާށެވެ.